ޓެރަރިޒަމް

އާ ހެއްކެއް ފެނިއްޖެނަމަ ޓެރަރިޒަމްއާ ގުޅޭ މައްސަލަތައް އަލުން ބެލޭގޮތް ހަދަން ފާސްކޮށްފި

އާ ހެއްކަކާއެކު ޓެރަރިޒަމްގެ މައްސަލަތައް އަލުން ބެލޭ ގޮތް ހަދަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުން މިގޮތަށް ފާސްކުރީ ޓެރަރިޒަަމް މަނާކުރުމުގެ ގާނޫނަށް ބަދަލު ގެންނަން ސަރުކާރުގެ ފަރާތުން ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލް ގަނީ އަބްދުލް ހަކީމް ހުށަހެޅުއްވި ބިލު ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ދިރާސާކުރުމަށް ފަހު ނިންމި ގޮތަށެވެ.

ކޮމިޓީގެ ނިންމުން މަޖިލީހުގެ ތަޅުމުން މިއަދު ފާސްކުރީ 51 މެމްބަރުންގެ ވޯޓާ އެކު އެވެ.

މިއަދު ފާސްކުރި ބިލާއެކު ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 1 - 28 ވަނަ މާއްދާއަށް ފަސް ކަމެއް ވަނީ އިތުރުކޮށްފަ އެވެ. އެގޮތުން ޓެރަރިޒަމްގެ މައްސަލަތަކުގައި ބަންދުކުރެވޭ މީހުންގެ ތަހުގީގު ފުރިހަމަކޮށް އެ މީހެއްގެ މައްޗަށް ދައުވާ ނުއުފުލި ނަަމަވެސް އެ މީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގައި އާ ހެކި ލިބިއްޖެނަމަ އެ މައްސަލައެއް އަލުން ތަހުގީގުކުރުމަށް ފަހު ކުށުގެ ތުހުމަތުކުރެވޭ ފަރާތުގެ މައްޗަށް ދައުވާ އުފުލިދާނެ ކަމަށް ބުނެފައި ވެއެވެ.

މިގޮތަށް ގާނޫނަށް އިސްލާހު ގެނައީ ތަހުގީގު ކުރާ މުއްދަތުގެ ތެރޭގައި ތަހުގީގު ފުރިހަމަވެފައި ނުވަނީ ފުލުހުންގެ ބާރު ނުފޯރުވޭ ކަމެއް މެދުވެރިވުމުގެ ސަބަބުން ކަމުގައިވާނަމަ އިތުރު މުއްދަތު ދިނުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށް ބުނެފައި ވެއެވެ.

އަލަށް ފާސްކުރި އިސްލާހުތަކުގެ ދަށުން ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރާ މީހުން ކޯޓު އަމުރެއް ނެތި 48 ގަޑިއިރު ބަންދުގައި ބެހެއްޓުމުގެ ބާރު ފުލުހުންނަށް ލިބޭނެ އެވެ. އޭގެ އިތުރުން ޓެރަރިޒަމްގެ މައްސަލަތުގައި ކޯޓު އަަމުރަކާ ނުލާއި ތަންތަނަށް ވަދެ މީހުން ހައްޔަރުކޮށް ފާސް ވެސް ކުރެވޭނެ އެވެ.