ސައިބާ ކްރައިމް ހުއްޓުވުމުގައި ގާނޫނީ ހުރަސްތަކެއް އެބަހުރި ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފި އެވެ.
ޕީޖީ އޮފީހުން މިކަން ފާހަގަކުރީ ސައިބާ ކްރައިމްއާ ގުޅުންހުރި ތިން ބިލަކާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި ވާހަކަ ދައްކަމުންނެވެ.
ސްކޭމްތައް ހުއްޓުވުމަށް ސަރުކާރުގެ ފަރާތުން ވަނީ ތިން ގާނޫނަކަށް އިސްލާހު ހުށަހަޅާފަ އެވެ.
އެ ގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނާއި ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް ހުށަހެޅި އިސްލާހުތައް ޖުޑީޝަރީ ކޮމިޓީން ދަނީ ދިރާސާކުރަމުންނެވެ.
ޖުޑީޝަރީ ކޮމިޓީއަށް މައުލޫމާތު ދެމުން ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ނައުފަލް ވިދާޅުވީ ގާނޫނުތައް މިހާރު އޮތް ގޮތުން ގާނޫނީ ހުރަސްތަކުގެ އިތުރުން ފަންނީ ހުރަސްތައް ދިމާވާ ކަމަށެވެ.
ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކަކީ ސްކޭމް ހުއްޓުވުމަށް ފަސޭހަވެގެންދާނެ އިސްލާހުތަކެއްކަން އޭނާ ފާހަގަކުރެއްވި އެވެ.
އިސްލާހުތަކާއެކު ސައިބާ ކްރައިމް މައްސަލަތަކުގައި ހެކި ހޯދަން ފަސޭހަވެ ސައިބާ ކްރައިމް ކުށް ހިންގަމުންދާ ވަގުތު އެކަން ހުއްޓުވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ނައުފަލް ވިދާޅުވި އެވެ.
ސައިބާ ކްރައިމް ހުއްޓުވުމުގައި ގާނޫނީ ހުރަސްތަކެއް އެބަހުރި ކަމަށް ޕީޖީ އޮފީހުން ބުނެފައިވާއިރު ރާއްޖޭގައި ސްކޭމްގެ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
ސްކޭމް ކޮށްގެން ހޯދާ ފައިސާ ދައުރުކުރާ އެކައުންޓްތައް ކޯޓު އަމުރަކާ ނުލައި ފްރީޒްކުރެވޭނެ ގޮތެއް ހަދަން ފުލުހުންވެސް ވަނީ ރައްޔިތުންގެ މަޖިލީހުގައި އެދިފަ އެވެ.