ޖިނާއީ މައްސަލައެއްގައި ހިންގޭ ޝަރީއަތެއްގައި ހެކިބަސްދޭ މީހާ ހިޔާމަތްކުރުމަށް ފުލުހުންގެ މައްޗަށް އަމުރު ނެރެވޭ ގޮތަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލު ފާސްކުރީ 56 މެންބަރުންގެ ވޯޓުންނެވެ.
ބިލު މަޖިލީހުން ފާސްކުރިއިރު ކޮމިޓީ މަރުހަލާގައި ބިލަށް އިސްލާހުތަކެއް ހުށަހަޅާފައިވެ އެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނެވުނު އިސްލާހުގައިވާ ގޮތުން ހެކިބަސްދޭ މީހާއަކީ ހިމާޔަތް ލިބިދޭންޖެހޭ މީހެއް ކަމަށް ފަނޑިޔާރަށް ގަބޫލުކުރެވިއްޖެ ހިނދެއްގައި އޭނާއަށް ހިމާޔަތްދޭންޖެހޭ މިންވަރު ދަރަޖަކޮށް އޭނާ ހިމާޔަތްކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުގެ މައްޗަށާއި ކަމާގުޅުން ހުރި ދައުލަތުގެ އިދާރާތަކުގެ މައްޗަށް އަމުރު ނެރުމުގެ ބާރު ކޯޓަށް ލިބިގެންވެ އެވެ.
ހެކިބަސްދޭ މީހަކު ހިމާޔަތް ކުރުމުގެ އަމުރެއް ނެރެދިނުމުގައި ފަނޑިޔާރު ރިއާޔަތްކުރަންޖެހޭ ކަންކަން މި ބިލުގައި ވަނީ ހިމަނާފަ އެވެ. މީގެތެރޭގައި ހެކިބަސްދޭ މީހާގެ ހެކިބަސް އެ ހެކިބަސްދޭ މައްސަލައަކަށް މުހިންމުވާ މިންވަރު ހިމެނެ އެވެ.
އިސްލާހުގައިވާ ގޮތުން ހެކިބަސްދޭ މީހާ ހިމާޔަތްކުރުމުގެ އަމުރު ތަންފީޒުކުރާނީ ދައުލަތުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުންނެވެ.
ހެކިބަސްދޭ މީހާ އަކީ ގާނޫނުގެ ދަށުން ހިމާޔަތްދިނުމަށް އަމުރުކޮށްފައިވާ މީހެއްނަމަ ކުށުގެ ތުހުމަތުގައިވާ މީހާއަށް ހެކިބަސްދޭ ފަރާތަކީ ކާކުކަން އެނގިދާނެ ފަދަ ގޮތަކަށް ޝަރީއަތުގެ މަޖިލީހުގައި ހެކިބަސްދޭ މީހާއާ އެއްވެސް ސުވާލެއް ކުރުމުގެ ފުރުސަތު ފަނޑިޔާރު ދީގެން ނުވާނެ ކަމަށް އިސްލާހުގައިވެ އެވެ.
އިސްލާހުގައިވާ ގޮތުން މީހަކު ކުށެއް ކުރަމުންދާ ކަމަށް ނުވަތަ ކުށެއް ކޮށްފިކަމަށް ނުވަތަ ކުށެއް ކުރަން އުޅޭ ކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ހެކި ލިބިފައިވާނަމަ އަދި އޭނާ ފިލައިގެން ދާން އުޅޭ ކަމަށް ބެލުމުގައި އެކަށީގެންވާ ސަބަބުތަކެއް ހުރިނަމަ ކޯޓު އަމުރެއްގެ ދަށުން އޭނާ ފުރުން މަނާކުރުމުގެ އިހްތިޔާރު ގާނޫނު ތަންފީޒުކުރާ އިދާރާއަށް ލިބިގެންވެ އެވެ. ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ބަލައިގެންފައިވާ މައްސަލައެއްނަމަ އެ އަމުރަކަށް އެދެންވާނީ ޕްރޮސެކިއުޓާ ޖެނެރަލް ކަމަށްވެސް އިސްލާހުގައިވެ އެވެ.
ފުރުން މަނާކުރުމުގެ އަމުރަކަށް އެދި ކޯޓަށް ހުށަހަޅާއިރު ހުށަހަޅަންޖެހޭ މައުލޫމާތުތައް އިސްލާހުގައި ވަނީ ހިމަނާފަ އެވެ. އެގޮތުން ފުރުން މަނާކުރަން ބޭނުންވާ މީހާގެ ނަމާއި، އެޑްރެހާއި، ޕާސްޕޯޓެއް އޮތްނަމަ ޕާސްޕޯޓުގެ މައުލޫމާތު ހިމެނެ އެވެ.
މީގެއިތުރުން އޭނާ ކޮށްފައިވާ ކަމަށް ނުވަތަ ކުރަމުންދާ ކަމަށް ނުވަތަ ތުހުމަތު ކުރެވޭ ކުށާއި އޭނާގެ އެ ކުށާ ގުޅުވައިދޭ ހެކީގެ މައުލޫމާތު ހިމެނެ އެވެ. މީގެއިތުރުން އޭނާ ރާއްޖެ ދޫކޮށް ފިލައިގެން ދާންއުޅޭ ކަމަށް ބެލެވޭ ސަބަބާއި ލިބިފައިވާ އިންޓެލިޖެންސް މައުލޫމާތު ނުވަތަ ހެކި ހުށަހަޅަންޖެހެ އެވެ.