ހަބަރު

ހައިކޯޓުގެ ސިޓީއިން ޕީޖީ ނުބައި މައުލޫމާތެއް ދިންކަން ހާމަވެއްޖެ

ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެއްލުވާލި މައްސަލައާ ގުޅޭ ގޮތުން ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އައިޝަތު ބިޝާމް ޖުޑިޝަރީ ކޮމެޓީއަށް ދެއްވީ ނުބައި މައުލޫމާތެއްކަން ހައިކޯޓުގެ ސިޓީއަކުން ހާމަވެއްޖެ އެވެ.

ރިލްވާން ރަހީނުކުރި ކަމަށް ބުނެ ޕީޖީއިން ދެ މީހެއްގެ މައްޗަށް ދައުވާކުރި އެވެ. ނަމަވެސް ކުރިމިނަލް ކޯޓުން ވަނީ އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކަނޑައަޅާފަ އެވެ. އެ މައްސަލަ ޕީޖީގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށް އޮތީ ބުނެފަ އެވެ.

އެހެންވެ ރިލްވާންގެ މަންމަ ވަނީ އެކަން ސާފުކުރުމަށް ހައިކޯޓަށް ސިޓީއެއް ފޮނުވާފަ އެވެ. އެ ސިޓީގެ ޖަވާބުގައި ހައިކޯޓުން ފޮނުވި ސިޓީގެ ކޮޕީއެއް އަވަސްއަށް ވެސް ވަނީ ލިބިފަ އެވެ. އެ ސިޓީގައި ހައިކޯޓުން ބުނެފައިވަނީ "ރިލްވާންގެ މައްސަލަ އިސްތިއުނާފު ކުރުމަށް ނުވަތަ އިސްތިއުނާފު ކުރުމުގެ ހުއްދައަކަށް ދައުލަތުން އެދިފައިވާ ކަމަށް މި ކޯޓުގެ ރެކޯޑްތަކުން ފެންނަން ނެތް" ކަމަށެވެ.

އެ ސިޓީ ހައިކޯޓުން އާއިލާއަށް ފޮނުވީ މިއަދު އެވެ. ސިޓީގައި ސޮއި ކުރައްވާފައިވަނީ ރަޖިސްޓްރާގެ މަސްއޫލިއްޔަތާ ހަވާލުވެ ހުންނެވި މަރްޔަމް އަފްޝާ އެވެ.

ހައިކޯޓުން މިހެން ބުނެފައިވީ ނަމަވެސް މިދިޔަ މަހުގެ ތެރޭގައި ޕީޖީ ބިޝާމް ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކޮށް އެ ކޮމެޓީގެ މެންބަރު މޫސާ ސިރާޖު ރިލްވާން މައްސަލައާ ގުޅޭ ގޮތުން ސުވާލު ކުރުމުން ޕީޖީ ވިދާޅުވީ "އެ މައްސަލައިގައި ވާނީ އިސްތިއުނާފު ކުރުމުގެ ހުއްދައަަކަށް އެދިފަ" ކަމަށެވެ.

އެހެން ވިދާޅުވުމަށްފަހު ޕީޖީ ބިޝާމް ވިދާޅުވީ އެ މައްސަލާގައި އެކަމަނާގެ ވަރަށް ބޮޑު ކަންބޮޑުވުމުންތަކެއް އެބަހުރި ކަމަށެވެ. އެގޮތުން އެ މައްސަލާގެ ތަހުގީގުގެ އެންމެ ފުރަތަމަ މަރުހަލާގައި ވެސް ފުރިހަމަ ކުރަންޖެހޭ އެތައް ކަމެއް ނުކޮށް ހުރި ކަމަށެވެ. އެ ކަންބޮޑުވުންތައް އޭރުގެ ކޮމިޝަނާ އޮފް ޕޮލިސް އަދި އޭރުގެ ރައީސް އަބްދުﷲ ޔާމީންއަށް ސިޓީއަކުން ހިއްސާ ކުރެއްވި އެވެ. އެ ސިޓީގެ ކޮޕީއެއް މަޖިލީހަށް ވެސް ފޮނުއްވި ކަމަށް ވިދާޅުވި އެވެ.

ބިޝާމް ވިދާޅުވި ގޮތުގައި އެ މައްސަލަ ފުލުހުން ޕީޖީ އޮފީހަށް ގެނައީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލު ކުރަން ފެށުމާއެކު ވަކި މުއްދަތެއްގެ ތެރޭގައި ދައުވާ ކުރަން ޖެހޭ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ވެގެން ދިޔުމުންނެވެ. އެ މައްސަލާގައި ދައުވާކުރީ އެ މުއްދަތު ހަމަވުމުގެ ކުރިން ކޯޓަށް ފޮނުވުމުގެ ބޭނުމުގަ އެވެ.

މިހާރު ރިލްވާންގެ މައްސަލަ ރިޔާސީ ކޮމިޝަނުން ވެސް ތަހުގީގު ކުރަމުންދާތީ މައްސަލާގައި ބަލަން ޖެހޭ ކަންކަމާއި އަޅަންޖެހޭ ފިޔަވަޅުތައް ތަފާތު ވާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށް ވެސް އެ ދުވަހު ޕީޖީ ބިޝާމް މަޖިލީހުގެ ކޮމެޓީގައި ވިދާޅުވި އެވެ.