އިބްރާހިމް އަމީރު

މަނީ ލޯންޑްރިންގެ ތުހުމަތުގައި ހިފެހެއްޓޭ ފައިސާ ޖަމާކުރާނީ އެމްއެމްއޭއަށް

ރާއްޖެއަށް އެތެރެކުރާ ނުވަތަ ބޭރުކުރާ ނަގުދު ފައިސާގެ ތެރެއިން މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރާ ކަމަށް ޝަައްކުކުރެވިގެން ހިފެހެއްޓޭ ފައިސާ ޖަމާކުރަންޖެހޭނީ މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގައި ހުޅުވާފައިވާ ޕަބްލިކް ބޭންކް އެކައުންޓަށް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަމީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ލިޔުމުން ޖަވާބު ހޯދެއްވުމަށް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ގަވާއިދާ ހިލާފަށް އެކި މީހުން ބޭރުކުރަން އުޅެނިކޮށް އެކި ފަހަރުމަތިން އަތުލެވިފައިވާ ގިނަ އަދަދެއްގެ ފައިސާ ހަވާލުކުރާނެ އިދާރާއެއް ކަނޑައެޅިފައި ނެތުމުގެ ސަބަބުން ކަސްޓަމްސްއަށް ދަތިތަކާ ދިމާވަމުންދާ ކަމަށް އެ ފަރާތުން މައުލޫމާތު ދީފައިވާ ކަމަށް މެންބަރު އިބްރާހީމް ރަޝީދު ވިދާޅުވި އެވެ.

އެފަދައިން އަތުލެވޭ ފައިސާ ހަވާލުކުރަން ޖެހޭ ވަކި އިދާރާއެއް މިހާތަނަށް ކަނޑައެޅިފައި ނެތީ ކީއްވެތޯ އަދި ކަނޑައެޅިފައިވާނަމަ އެއީ ކޮން އިދާރާއެއްތޯ މެންބަރު ސުވާލުކުރެއްވި އެވެ.

މިނިސްޓަރު އަމީރު ލިޔުމުން ދެއްވި ޖަވާބުގައި ވިދާޅުވީ މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ރާއްޖެއަށް އަންނަ ނުވަތަ ރާއްޖެއިން ބޭރަށްދާ މީހަކު އެމްއެމްއޭ އިން ކަނޑައަޅާ އަދަދެއްގެ ފައިސާ ނުވަތަ އެ އަދަދަށްވާ ބޭރު ފައިސާ ނުވަތަ އެއަށްވުރެ މަތީ އަދަދެއްގެ ނަގުދު ފައިސާ ނުވަތަ ބެއަރާ ނެގޯޝިއަބަލް އިންސްޓްރުމަންޓް ރާއްޖެއަށް އެތެރެކުރާނަމަ ނުވަތަ ރާއްޖެއިން ބޭރުކުރާނަމަ ކަސްޓަމްސްއަށް ރިޕޯޓުކުރަންޖެހޭ ކަމަށެވެ.

ރިޕޯޓުކުރަންޖެހޭ ނަމަވެސް ރިޕޯޓުކޮށްފައިނުވާ ނަގުދު ފައިސާ ނުވަތަ ބެއަރާ ނެގޯޝިއަބަލް އިންސްޓްރުމަންޓަކީ މަނީ ލޯންޑްރިން ނުވަތަ ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ އަމަލަކާ ގުޅުންހުރި ފައިސާ ނުވަތަ ބެއަރާ ނެގޯޝިއަބަލް އިންސްޓްރުމަންޓެއް ކަމަށް ޝައްކުކުރެވޭނަމަ ނުވަތަ ފައިސާގެ އަދަދު ރިޕޯޓުކުރުމުގައި ނުރަނގަޅު މައުލޫމާތު ދީފައިވާނަމަ އެ ހިފެހެއްޓުމުގެ ބާރު ކަސްޓަމްސްއަށް ލިބޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ ޝައްކުކުރެވޭ ހާލަތްތަކުގައި އެކަން އިތުރަށް ތަހުގީގުކުރުމަށް ފުލުހުންނާ 24 ގަޑިއިރުގެ ތެރޭގައި ހަވާލުކުރަންޖެހޭ ކަމަށެވެ.

މަނީ ލޯންޑްރިން ނުވަތަ ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ އަމަލަކާ ގުޅުންހުރި ފައިސާއެއް ކަމަށް ކަސްޓަމްސްއަށް ޝައްކު ކުރެވިގެން ހިފެހެއްޓޭ ފައިސާ 24 ގަޑިއިރު ވަންދެން ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށްފަހު ވެރިފަރާތާ އަނބުރާ ހަވާލުކުރާ ފައިސާ ފިޔަވާ އިތުރަށް ތަހުގީގު ކުރުމަށް ފުލުހުންނާ ހަވާލުކުރާ ފައިސާ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ޖަމާކުރަންޖެހޭނީ އެމްއެމްއޭގައި ހުޅުވާފައިވާ ޕަބްލިކް ބޭންކް އެކައުންޓަކަށް ކަމަށް މިނިސްޓަރު އަމީރު ވިދާޅުވި އެވެ.