އިބްރާހިމް އަމީރު

ބްލެކް މާކެޓްގައި ޑޮލަރު ގަންނަން ކުރާ ހަރަދު ޓެކްސް ފައިލްކުރާއިރު ހިމެނޭނެ

ބްލެކް މާކެޓްގައި ޑޮލަރު ގަންނަ ވިޔަފާރިތަކުން އެ ހަރަދު ޓެކްސް ފައިލްކުރުމުގައި ހިމެނުމަށް ހުރަހެއް ނެތް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަމީރު އެހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ލިޔުމުން ޖަވާބު ހޯދެއްވުމަށް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ޓެކްސް ސަބްމިޝަންގެ ގޮތުގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން ބަލާ މިންގަނޑަކީ ޑޮލަރަކަށް 15.42 ރުފިޔާގެ ރޭޓު ކަމަށާއި ބްލެކް މާކެޓްގައި ޑޮލަރެއް ލިބެނީ 17 ރުފިޔާ ނުވަތަ އެއަށްވުރެ ބޮޑުކޮށް ކަމަށް މެންބަރު އިބްރާހީމް ރަޝީދު ވިދާޅުވި އެވެ.

އޭގެ ސަބަބުން ވިޔަފާރިތަކުން ޓެކްސް ސަބްމިޝަނަށް ހުށަހަޅަން ޖެހެނީ އަސްލު ހަރަދުތައް ހިނގާވަރަށްވުރެ މަދުން ކަމަށާއި ނަތީޖާއެއްގެ ގޮތުން ވިޔަފާރިތަކުން އަސްލު ދައްކަންޖެހޭ ވަރަށްވުރެ އިތުރަށް ޕްރޮފިޓް ޓެކްސް ދައްކަންޖެހި ވިޔަފާރިވެރިންގެ އަތުން ގިނަ ފައިސާތަކެއް ގެއްލިގެންދާކަން މެންބަރު ފާހަގަކުރެއްވި އެވެ. އެ މައްސަލަ ހައްލުކުރުމަށް މިނިސްޓްރީން އަޅާފައިވާ ފިޔަވަޅުތައް ސާފުކުރެއްވުމަށްވެސް މެންބަރު ސުވާލުކުރެއްވި އެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ ޑޮލަރު ގަތުމުގެ ހަރަދުތައް ލިޔެކިޔުމުން ބަލަހައްޓާފައިވާނަމަ އެ ހަރަދު ޓެކްސް ފައިލްކުރާއިރު ހިމެނުމަށް ހުރަހެއް ނެތް ކަމަށެވެ.

"ރަސްމީ ބޭންޑަށްވުރެ މަތީ ރޭޓަކުން ވިޔަފާރިތަކުން ބޭރު ފައިސާ ގަނެ ކޮސްޓް އޮފް ސޭލްސްގެ ތެރޭގައި މި ހަރަދު ހިމެނޭކަން ޔަގީންކުރެވޭ މިންވަރަށް ލިޔެކިޔުން ބަލަހައްޓާފައިވާނަމަ މި ހަރަދު ޓެކްސް ފައިލްކުރާއިރު ހިމެނުމުގައި ހުރަހެއް ނެތް،" މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

ފޮރިން އެކްސްޗޭންޖް ނިޒާމުގައި ހުރި މައްސަލަތައް ހައްލުކުރުމަށް މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޑީ ޑޮލަރައިޒޭޝަން -- ޑޮލަރަށް ބަރޯސާވުން ކުޑަކުރުމުގެ ސްޓްރެޓަޖީއެއް އެކުލަވާލާ ފިޔަވަޅުތައް އަޅަމުންދާ ކަމަށްވެސް އަމީރު ވިދާޅުވި އެވެ.