ކާޑެއްދޫ އެއާޕޯޓް

ހުކުމާ އެއްގޮތަށް ވިލާއާ ކާޑެއްދޫ ހަވާލު ކުރުމެއް ނުހިނގާ

Jul 6, 2021

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ވިލާ އެއާ އިން ގދ. ކާޑެއްދޫ އެއާޕޯޓް ހިންގަމުން ދަނިކޮށް އެއްބަސްވުން ބާތިލުކުރީ ގޯސްކޮށް ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމަށް ތަންފީޒު ކުރަން ދައުލަތުން މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަން އަވަސް އެނގިއްޖެ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން ދައުލަތުން ކުރަންޖެހޭ ކަންތައްތަކެއް ހުރުމުން އެކަންކަން ކުރިއަށް ދޭތޯ ބަލަން ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކަށް އެކި ދުވަސް މަތިން އަވަސް އިން ގުޅައިގެން ކުރި މަސައްކަތުން އެއްވެސް އިދާރާއެއްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ވިލާ ގުރޫޕްގެ އިސް ބައެއް ބޭފުޅުންނަށް ގުޅުމުން ނަން ނުޖަހަން ޝަރުތުކޮށް ބައެއް ބޭފުޅުން ވިދާޅުވީ ކާޑެއްދޫ އެއާޕޯޓުގެ މައްސަލަ ވިލާ އާއި އެއްކޮޅަށް ނިމިފައި ވާތީ އެކަމުގައި ގޮތް ނިންމަވާނީ ވިލާ ގުރޫޕްގެ ޗެއާމަން ގާސިމް އިބްރާހީމް ކަމަށެވެ. ހުކުމް ކުރިތާ މަހެއް ވެގެން ދިޔައިރު ހުކުމަށް އަމަލު ކުރުމުގެ ގޮތުން ސަރުކާރުން މިހާތަނަށް ވިލާ އާއެކު ރަސްމީ މަޝްވަރާތަކެއް ކޮށްފައި ނުވާ ކަން ވެސް އެ ބޭފުޅުން ޔަގީން ކޮށްދެއްވި އެވެ.

ކާޑެއްދޫ އެއާޕޯޓް ވިލާ އެއާ އަށް ހަވާލު ކުރަން ސުޕްރީމް ކޯޓުން ހުކުމް ކުރިއިރު އެ އެއާޕޯޓް މިހާރު ހިންގަނީ ސަރުކާރުގެ 100 ޕަސަންޓް ހިއްސާވާ ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ ދަށުންނެވެ. ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން އެ ކުންފުނިން ކުރިން ބުނެފައި ވަނީ ކާޑެއްދޫ އެއާޕޯޓުގެ މައްސަލާގައި ސަރުކާރުން އަންގާ ގޮތެއްގެ މަތިން އަމަލު ކުރާނެ ކަމަށެވެ.

ކާޑެއްދޫ އެއާޕޯޓް ހިންގަން ވިލާ އެއާ އިން ހަވާލުވީ 2013 ވަަނަ އަހަރުގެ ތެރޭގަ އެވެ. އަދި ރަސްމީކޮށް އެ ކުންފުނިން ކާޑެއްދޫ އެއާޕޯޓް ހިންގަން ފެށީ ޖެނުއަރީ 1، 2014 ގައެވެ. ސަރުކާރުން ވިލާއާއެކު ހަދާފައިވާ އެއްބަސްވުން ބާތިލު ކޮށްލީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރު އެވެ.

ވިލާ އެއާ އަށް ކާޑެއްދޫ އެއާޕޯޓް 50 އަހަރަށް ކުއްޔަށް ދީފައި ވަނިކޮށް އެއްބަސްވުން ބާތިލްކުރީ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މިންގަނޑުތަކާ ހިލާފަށް އެއާޕޯޓް ހިންގި ކަމަށް ބުނެ އެވެ.

ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުން އެއްބަސްވުން ބާތިލްކުރީ ގޯސްކޮށް ކަމަށް ސިވިލް ކޯޓާއި ހައިކޯޓުން މީގެ ކުރިން ނިންމާފައިވެ އެވެ. ވިލާ އެއާ އިން ކާޑެއްދޫ އެއާޕޯޓް ހިންގަމުން ދަނިކޮށް އެއްބަސްވުން ބާތިލުކުރީ ގޯސްކޮށް ކަމަށްވާތީ އެއްބަސްވުން އިއާދަކޮށް ވިލާއަށް އެއާޕޯޓް އަނބުރާ ދޭންޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ވެސް މިހާރު ވަނީ ހުކުމްކޮށްފަ އެވެ. އެ ހުކުމް ކޮށްފައިވަނީ މިދިޔަ މެއި މަހުގެ 10 ވަނަ ދުވަހު އެވެ. އެހެންކަމުން ހުކުމް ކުރިތާ މިއަދަށް ވަނީ 57 ދުވަސް ހަމަވެފަ އެވެ.

ސުޕްރީމް ކޯޓުގެ މި ހުކުމާ ގުޅިގެން ވިލާ އެއާއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ވަކި ދައުވާއެއް ކުުރުމުގެ ފުރުސަތު ލިބިފައިވެ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމްގައި ބުނެފައިވަނީ ކާޑެއްދޫ އެއާޕޯޓްގައި ހުރި މައްސަލަތަކެއް އިސްލާހު ކުރަން ފުރުސަތު ދިން ނަމަވެސް އެއްބަސްވުން ބާތިލުކުރީ އެއާޕޯޓް ހިންގުން ހުއްޓާލަން ނޯޓިސް ނުދީ ކަމަށެވެ. އަދި މައްސަލަތައް އިސްލާހު ކުރަން ފުރުސަތު ދިނުމަށްފަހު އެއާޕޯޓް ހިންގަން ވިލާ އެއާ އަށް ދީފައި އޮތް ލައިސަންސް ސިވިލް އޭވިއޭޝަން އޮތޯރިޓީން އާ ކޮށްދިން ކަން އެނގޭ ކަން ވެސް ހުކުމްގައި ފާހަގަކޮށްފައިވެ އެވެ.

ދައުލަތުން ވަނީ ވިލާ އެއާ އިން ކާޑެއްދޫ އެއާޕޯޓް ހިންގިއިރު އުސޫލުތަކާ ހިލާފަށް ކަންތައްތަކެއް ކުރިކަން ސާބިތު ކޮށްދިނުމުގެ ގޮތުން އެސެސްމަންޓް ރިޕޯޓެއް ހުށަހަޅާފަ އެވެ. އެކަމަކު އެ ރިޕޯޓުން އެއްވެސް ކަމެއް ޝަރީއަތަށް ސާބިތުވާ ކަމަށް ހުކުމްގައި ބުނެފައެއް ނުވެ އެވެ. އޭގެ ބަދަލުގައި އެ ރިޕޯޓްގައި ހުރި ކަންތައްތަކަކާ މެދު ހުކުމްގައި ސުވާލު އުފައްދާފައިވެ އެވެ.

އެގޮތުން ވިލާ އެއާ އިން އުސޫލާ ހިލާފުވި ކަމަށް ބުނާއިރު މޯލްޑިވިއަންގެ ފްލައިޓް ޖައްސަން ހުއްދަ ދިނުމާއި، އެއާޕޯޓް ހިންގަން ވިލާއަށް ފުރުސަތު ދީގެން ސިވިލް އޭވިއޭޝަނުން ދެމިތިބުން ފާހަގަކޮށްފައިވެ އެވެ. ކަމެއް އިސްލާހުކުރަން އެންގުމަކީ އެއްބަސްވުމެއް ބާތިލު ކުރަން ޖެހޭނެ ކަމެއް ނޫން ކަމަށްވެސް ކަނޑައަޅާފައިވެ އެވެ.

ފަނޑިޔާރުންގެ އިއްތިފާގުން ނިންމި އެ މައްސަލަ ބެއްލެވި ބެންޗުގައި ތިއްބެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި، ފަނޑިޔާރު ހުސްނުއްސުއޫދުގެ އިތުރުން ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ސުއޫދެވެ.