ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާއިރު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ރަނިންމޭޓަކަށް ހަމަޖައްސަވަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަށް ގާސިމް ރައްދު ދެއްވައިފި އެވެ.
ގާސިމް ވިދާޅުވީ މީހުން ތަފާތު ވާހަކަ ދައްކާނެ ކަމަށާއި ނަޝީދު ރަނިންމޭޓަކަށް ވުމަށް ހުށަހެޅިކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
ގާސިމް މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލު ކުރެއްވުމަށްފަހު ނިކުމެ ވަޑައިގެން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ސޯލިހް އާއި މިއަދު ބައްދަލު ކުރެއްވި ނަމަވެސް ދެއްކެވި އެއްވެސް ވާހަކައެއްގެ ތަފްސީލު ދެއްވުމަށް ގާސިމް ވަނީ ދެކޮޅު ހައްދަވައިފަ އެވެ.
ނޫސްވެރިން ވަނީ ރައީސް އޮފީހުގައި ކުރިއަށް ދިޔަ ބައްދަލުވުމާއި ރިޔާސީ އިންތިހާބާއި ގުޅޭ ގޮތުން ވަރަށް ގިނަ ސުވާލުތަކެއް ގާސިމްއާއި ކޮށްފަ އެވެ. މިއިން އެއްވެސް ސުވާލަކަށް ސާފު ޖަވާބެއް އެމަނިކުފާނު ނުދެއްވަ އެވެ.
ރައީސް ސޯލިހާއިއެކު ކުރިއަށް ދިޔަ ބައްދަލުވުމާއި ގުޅޭ ގޮތުން ގާސިމް ވިދާޅުވީ ބައްދަލުވުން ދިޔައީ ކުރިއަށް ކަމަށެވެ. އަދި މިވަގުތު އޮތީ ކޯލިޝަން ސަރުކާރެއް ކަމުން ކޯލިޝަންއާއި ގުޅޭ ވާހަކަތައް ދެއްކެވި ކަމަށްވެސް ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި ރައީސް ސޯލިހާއިއެކު ކޯލިޝަންއެއް ހަދަން މަޝްވަރާ ކޮށްފައިވާނެތޯ ސުވާލު ކުރެއްވުމުން ގާސިމް ވިދާޅުވީ އެމަނިކުފާނަކީވެސް ޕާޓީއެއްގެ ލީޑަރެއް ކަމަށާއި އެމަނިކުފާނު ކުރިއަށް ދާނީ ޕާޓީން ނިންމާ ގޮތަކަށް ކަމަށެވެ.
"ސިޔާސީ ވާހަކައެއްގެ ތެރޭގައި އަޅުގަނޑުމެންގެ ކޯލިޝަނެއް އޮންނާނެތޯ ނޯންނާނެތޯ، މިކަމާ ބެހޭގޮތުން ވާހަކަދެއްކި،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ރައީސް ސޯލިހާއި ބައްދަލު ކުރައްވާފައި ވާއިރު ގާސިމް ރައީސް ނަޝީދާއެކު ކޯލިޝަންއެއް ހަދަން އުޅޭ ކަމުގެ އަޑުތައްވެސް އަންނަނީ އިވެމުންނެވެ.
ޖޭޕީން މިދިޔަ ހަފްތާ ބަންދުގައި ނިންމާލި އެ ޕާޓީގެ ކޮންގްރެސްގައި އެ ޕާޓީން ވަނީ އަމިއްލަ ކެންޑިޑޭޓެއް ނެރުމަށް ނުވަތަ ޖޭޕީ އިސްވެ އޮވެގެން ކޯލިޝަންއެއް ހެދުމަށް ގަރާރެއް ފާސްކޮށްފަ އެވެ.
ޖޭޕީގެ ކޮންގްރެސްއިން މި ގަރާރު ފާސް ކުރި ނަމަވެސް އިންތިހާބުގައި ވަކިން ވާދަ ކުރައްވަން އަދި ނުނިންމަވާ ކަމަށް ގާސިމް ވަނީ ވިދާޅުވެފަ އެވެ.
އިންތިހާބުގައި ވާދަކުރުމަށް ޝައުގުވެރިވޭތޯ ސުވާލުކުރުމުން އެކަމާ ގުޅޭގޮތުން އެއްވެސް ޖަވާބެއް ޖަވާބެއްނުދެއްވަ އެވެ.
މި ކޮންގްރެސްގެ ފެށުމުގެ ރަސްމިއްޔާތުގަ އާއި ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ނަޝީދު ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.