ކޯލިޝަން އެއްބަސްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އަމަލުކުރައްވަމުން ގެންދަވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިހެން ވިދާޅުވެފައި މިވަނީ ވެރިކަން ކުރާ ކޯލިޝަންގެ އެއްބަސްވުމުގައި ބުނެފައިވާ ކަންކަމުގެ ތެރެއިން ތަންފީޒު ކުރީ 10 އިންސައްތަ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެފައިވާތީ އެކަމާ ގުޅޭ ގޮތުން ނޫސްވެރިއަކު މިއަދު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިއުވާން ވިދާޅުވީ ކޯލިޝަން އެއްބަސްވުމާ ގުޅޭ ގޮތުން ގާސިމް އިބްރާހީމް ވަކި އިންސައްތައެއް ފާހަގަ ކުރެއްވި ނަމަވެސް ކޯލިޝަން އެއްބަސްވުމަށް ރައީސް އަމަލުކުރައްވަމުން ގެންދަވާ ކަމަށާއި ކޯލިޝަން އެއްބަސްވުމުގައިވާ ކަންކަމަށް ސަރުކާރުން އިހުތިރާމު ކުރާނެ ކަމަށެވެ.
މިއުވާން ވިދާޅުވީ ކޯލިޝަން އެއްބަސްވުމާއި އެއްގޮތަށް ހުރިހާ ކަމެއްވެސް ކުރިއަށްދާ ކަމަށާއި ލީޑަރުންގެ މެދުގައި މަޝްވަރާތައްވެސް ކުރިއަށްދާ ކަމަށެވެ.
"އެހެންވީމާ ސްޕެސިފިކަލީ އަދި އެއީ ކޮން ކަމެއްކަން އެއްބަސްވުމާ އެއްގޮތަށް ނުދަނީ އެހެން ދަންނަވައިފިނަމަ އެއަށް އަޅުގަނޑަށް ޖަވާބު ދޭން ފަސޭހަވާނެ. އެހެންނަމަވެސް ވަކި އިންސައްތައެއް ވިދާޅުވެފަ އެއާ އެއްގޮތަށް ކަންތައްތައް ނުދެއޭ ދެންނެވިޔަސް ތަންކޮޅެއް ޖަވާބުދޭން އަޅުގަނޑަށް ދަތި،" މިއުވާން ވިދާޅުވި އެވެ.
ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ގާސިމް އިބްރާހީމް ވިދާޅުވީ ކޯލިޝަންގެ އެއްބަސްވުމުގެ 90 އިންސައްތަވެސް ފުރިހަމަ ނުވާ ކަމަށާއި ފުރިހަމަވީ 10 އިންސައްތަ ކަމަށެވެ.
"ވެރިކަން ލިބުނީމަ ވެރިކަން ލިބުނު ޕާޓީން ވެރިކަން ކުރަމުން ދަނީ ކޯލިޝަން އޮތުމެކޭ ނެތުމެކޭ އެއްގޮތަށް،" ގާސިމް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބާއި ހަމައަށް މި ކޯލިޝަން ދެމިއޮންނާނެ ކަމާމެދު މިވަގުތު ވަކި އެއްޗެއް ދަންނަވަން އެނގިވަޑައިނުގަންނަަވާ ކަމަށެވެ.
ގާސިމް އިބްރާހީމް ވަނީ 2008 ވަނަ އަހަރު އޭރުގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ގެނައުމަށާއި 2013 ވަނަ އަހަރު އަބްދުﷲ ޔާމީން ވެރިކަމަށް ގެނައުމަށްވެސް ކޯލިޝަން ހައްދަވާފަ އެވެ.