ފޭސްބުކާއެކު ލަލީގާއިން ހަދާފައިވާ ތިން އަހަރުގެ ޑީލް ނިމުމަކަަށް އައުމުން ލަލީގާގެ މެޗުތައް އަލުން ޓީވީ މެދުވެރިކޮށް ދައްކަން ނިންމައިފި އެވެ.
ތިން އަހަރުގެ ޑީލަކާއެކު އިންޑިއަން ސަބް ކޮންޓިނެންޓްގައި އަލުން ލަލީގާ ދައްކާނީ އިންޑިއާގެ ވިއަކޮމް 18 ޔޫތު ޓީވީ ޗެނަލްގެ އެމްޓީވީ އާއި ބައެއް ގައުމީ އަދި ދީނީ ޗެނަލް ތަކުންނެވެ. މީގެ އިތުރުން ވޯޓް އަދި ޖިއޯ ޕްލެޓްފޯމް ތަކުގައި ލަލީގާގެ މެޗުތައް ލައިވް ސްޓްރީމް ކުރާނެ އެވެ.
ލަލީގާއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަ ޑިރެކްޓަރު ހޯސޭ އެންޓޯނިއޯ ބުނީ މީގެ ކުރިން ޓީވީ މެދުވެރިކޮށް ލަލީގާ ދެއްކުމަށް ފަހު ފޭސްބުކަށް ތިން އަހަރު ދުވަހުގެ މުއްދަތަކަށް ދިނީ އާ ތަޖުރިބާއެއް ކުރަން ކަމަށެވެ.
ފޭސްބުކް އާއި އެކު ކުރި ތަޖުރިބާއަކީ ވަރަށް ތަފާތު ތަޖުރިބާއެއް. އޭގެން ވަރަށް ގިނަ އެއްޗެހި ދަސްވެ ސަޕޯޓަރުންނާ ގާތުން މަސައްކަތް ކުރެވުނު. ދެން އަނެއްކާވެސް އެނބުރި ޓީވީއަށް މިއަންނަނީ މިފަހަރު މުޅިން ތަފާތު ގޮތަކަށްހޯސޭ އެންޓޯނިއޯ
އަދި ފޭސްބުކް އާއި އެކު ޑީލް އާ ނުކުރީ ފާއިތުވި ތިން އަހަރުގައި ބައިވަރު ގޭމްތައް ފޭސްބުކް މެދުވެރިކޮށް ލިބެން ހުރުމުން އަލުން ލަލީގާއަށް އިންވެސްޓް ކުރަން ފޭސްބުކް އިން ބޭނުން ނުވާތީ ކަމަށް ވެސް އެންޓޯނިއޯ ބުންޏެވެ. ހޯސޭ ބުނީ ފޭސްބުކް ޑީލްގައި އޮތްއިރު ދުނިޔޭގެ ދެވަނައަށް އެންމެ ގިނަ ސަޕޯޓަރުން އޮތް އިންޑިއާގެ ބެލުންތެރިން ލަލީގާ ބެލުމަށް މަސައްކަތް ކުރިގޮތް ވަރަށް ރަނގަޅަށް ދަސްވެއްޖެ ކަމަށެވެ.
"ދަސް ކުރުމަކީ އަބަދުވެސް ރަނގަޅު ކަމެއް. ގިނަ ފަހަރު ބޮޑެތި ކަންތައް ދަސްވާނީ ގޯސްކޮށް ކުރެވޭ ކަންތަކުން. އަދި ގޯސްކޮސް ކުރެވޭ ކަންތައް ރަނގަޅު ކުރުމަކީ އަހަރެމެން ކުރަން ޖެހޭ ކަންތައް. އެކަމަކު ފޭސްބުކާއެކު ހެދި ޑީލަކީ ގޯސް ޑީލެކޭ ނުބުނާނަން. އެއީ ތަފާތު ތަޖުރިބާއެއް. ގަބޫލު ކުރަން ޓީވީ އާއި ހިލާފަށް ފޭސްބުކް މެދުވެރިކޮށް މެޗުތައް ބަލަން ދަތި ވުމުން ބައެއް ސަޕޯޓަރުން ގެއްލުނުކަން. އެކަމަކު އަދިވެސް ފޭސްބުކާއެކު ޑިލް ހަދަން ޖެހިއްޖެއްޔާ ހަދާނަން."
އިންޑިއާގައި ކްރިކެޓް ނަގާފައި ދެން އެންމެ ސަޕޯޓަރުން ގިނަ ކުޅިވަރަކީ ފުޓްބޯޅަ އަށެވެ. އެހެން ކަމަށް ވާއިރު 1.3 ބިލިއަނުގެ އާބާދީއެއް އޮންނަ އިންޑިއާގެ ޓީވީ ޗެނަލަކުން ލަލީގާގެ މެޗުތައް ދައްކައިގެން ލަލީގާއަށް ވަރަށް ބޮޑު މާލީ ފައިދާއެއް ވާނެ ކަމަށް ޒޫމް މެދުވެރިކޮށް ބޭއްވި މީޓިންގައި ހޯސޭ ބުންޏެވެ.
އެންމެ ފުރަތަމަ އިންޑިއަން ސަބް ކޮންޓިނެންޓަށް ލަލީގާ ދައްކާފައި ވަނީ ސޮނީ ޕިކްޗާ ނެޓްވޯކުންނެވެ. އޭރު ހަދާފައިވާ އެއްބަސްވުމުން އެ ޗެނަލްއިން ލަލީގާ ދެއްކުމުގެ ރައިޓްސް ގަތީ ސީޒަނަކަށް 32 މިލިއަން ޑޮލަރަށެވެ. އޭގެ ފަހުން ފޭސްބުކާއެކު ލަލީގާއިން ޑިލް ހެދީ ސީޒަނަކަށް 50 މިލިއަން ޑޮލަރަށް ވުރެ އިތުރަށް ލަލީގާއަށް ފައިސާ ލިބޭ ޑިލެއްގައި ކަމަށް ރިޕޯޓުތައް ބުނެ އެވެ. މިފަހަރު ވިއަމްކޮމް އަށް ލަލީގާ ރައިޓްސް ވިއްކީ ކިހާވަރަކަށް ކަމެއް އަދި ހާމައެއް ނުކުރެ އެވެ.