ރިޕޯޓް

ރައީސް އަވަހާރަކޮށްލަން ރޭވި މީހުންނަށް ހަތިޔާރު ވިއްކީ ލަންކާ ކުންފުންޏެއްތަ؟

Nov 17, 2015
1

އެއީ ސްރީ ލަންކާގެ އެންމެ ބޮޑު ސެކިއުރިޓީ ކުންފުނި ކަމުގައިވާ އަވަންޓް މެރިޓައިމް ސާވިސް އެވެ. އެމީހުންނަކީ ލަންކާ ސަރުކާރުގެ އެތެރެއިން ހަދާފައިވާ "ޑީލްތަކަކާ" އެކު ހަތިޔާރު ވިއްކައި ސަލާމަތީ ކަންކަމުގައި ވިޔަފާރީގެ އުސޫލުން އެހީތެރިކަން ފޯރުކޮށްދޭ ކުންފުންޏެކެވެ.

ވަރަށް ފަހުން މި ކުންފުނީގެ ހަތިޔާރު ބޯޓެއް (ފްލޯޓިން އާމަރީ) އެ ވަނީ ގަވާއިދާ ހިލާފުވެފައިވާ ކަމަށް ބުނެ ލަންކާ އިން ހިފަހައްޓައި ތަހުގީގުކޮށް އެމީހުންގެ އަތުގައި ހުރި ހަތިޔާރުތައް ވެސް ލަންކާ ސިފައިންގެ ބާރުގެ ދަށަށް ގެންގޮސްފަ އެވެ.

މި ކުންފުންޏެއްގެ މައްސަލަ ލަންކާގައި އިތުރަށް ހޫނުވަމުން އަންނައިރު މިހާރު އެންމެ އަޑުގަދަކޮށް ދެކެވޭ ވާހަކައަކަށް ވެފައި އޮތީ ރައީސް އަބްދުުﷲ ޔާމީން އަވަހާރަކޮށްލުމަށް ރިއާސީ ލޯންޗަށް ސެޕްޓެމްބަރު 28 ގައި ދިން ހަމަލާގެ ފަހަތުގައި ތިބި މީހުންނަށް ހަތިޔާރާއި ސްނައިޕަރެއް ވެސް "ވިޔަފާރީގެ އުސޫލުން" ދޫކުރީ ލަންކާގެ މި ކުންފުނި ކަމަށެވެ.

ބައެއް ރިޕޯޓްތައް ނުވަތަ އަރައިގެން އުޅޭ އަޑުތަކުން އެނގޭ ގޮތުގައި ރާއްޖެ އިން ހައްޔަރުކޮށްފައިވާ ކަމަށް ބުނާ ލަންކާގެ ސްނައިޕަރަކީ އަވަންޓް ގާޑްގެ މުވައްޒަފެކެވެ. މި ވާހަކައެއް މުޅިން ޔަގީންނުވިޔަސް ރައީސަށް ހަމަލާ ދިން ދުވަހު ނުވަތަ އެ ދުވަސްކޮޅު އެ ކުންފުނީގެ ހަތިޔާރު ބޯޓް، ފްލޯޓިން އާމަރީ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވާއިދާހިލާފަށް ވަދެފައިވާ ކަމަށް ބުނާ ވާހަކަ އަކީ ހަގީގަތެއް ކަމަށް ގަބޫލުކުރެވިދާނެ އެވެ.

ލަންކާ އިން ހިންގި ތަހުގީގަށް ވެސް މިކަން އެނގިފައިވެ އެވެ. އަދި އެނގިފައިވާ ގޮތުން މި ބޯޓު ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އުޅުނީ އެމީހުންގެ ޖީޕީއެސް ސިސްޓަމް ނިއްވާލައިގެންނެވެ. އޭގެ ސަބަބުން ރާއްޖޭގެ ސަރަހައްދުގައި ބޯޓް އޮތް ކަމަކަށް ޖީޕީއެސް ރިކޯޑްތަކަކަށް ނުދައްކަ އެވެ.

ނަމަވެސް މ. އަތޮޅުގެ މަސްވެރިންތަކަކަށް ވެސް އޮރޭންޖުކުލައިގެ މި "ފްލޯޓިން އާމަރީ" ބޯޓް ފެނިފައި ވުމަކީ ލަންކާގެ މި ހަތިޔާރު ބޯޓް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވާއިދާހިލާފަށް ވަދެފައިވާ ކަމަށް ގަބޫލު ކުރަން ލިބޭ ބާރެކެވެ.

"ހެނދުނު 6:30 ގައި އަޅުގަނޑުމެން ނުކުތީ އެ ދުވަހު މަހަށް. އޭރު އެންމެ ފުރަތަމަ އެ ބޯޓެއް ފެނުނީ. ދެން ބޮޔަށް ގޮސް މަސް ބާނައިގެން ރަށަށް އަނބުރާލީ މެންދުރުން އަނބުރާ ދޭއް ޖެހިއިރު. އަޅުގަނޑުމެން އެނބުރި އައިއިރު ވެސް އެ ބޯޓު އޮތް އޭތި އޮތް ހިސާބުގައި،" ލަންކާ އިން ހިފަހައްޓާފައިވާ ހަތިޔާރު ބޯޓު މ. މުލީގެ ރަށް ބޭރުން ފެނުނު ކަމަށް ބުނެ އަވަސް އަށް މައުލޫމާތު ދިން މުލީގެ މަސްވެރިޔަކު ކުރިން ބުނެފައިވެ އެވެ.

"އެ ބޯޓު އޮތް ހިސާބުގައި އޮންނައިރު ރީއްޗަށް ފެންނާނެ މުލީގެ ފުއްޓަރުގައި ނަގާ ރާޅުތައް. އެކަމަކު ރަށުގައި ތިބޭ ބަޔަކަށް އެ ބޯޓު ފެންނާނެ ކަމެއް ނޭނގޭ. ބޯޓު އޮތް ކަމަށް ލަފާކުރެވެނީ ރަށާ ފަސް މޭލު ދުރުގައި."

"އަޅުގަނޑުމެންނަށް ފެނުނުއިރު އެ ބޯޓެއް އޮތީ އޭގެ އިންޖީނު ނިއްވާލައިގެން. ކުރިއަކަށް ނުދޭ އެއްގޮތަކަށް ވެސް،" އެ މަސްވެރިޔާ ކިޔައިދިނެވެ.

"މަހަށް ގޮސް އެނބުރި ރަށަށް ދިޔަ މަގުމަތީގައި އަޅުގަނޑުމެން ފަހަތުން އައި މުލަކު ދޯންޏަކަށް އެ ބޯޓު ފެނިގެން އެއާ ދިމާލަށް ދާން އުޅުނު. އެއީ އެ ބޯޓަކީ އިންޖީނު ހުއްޓިފައި އޮތް ބޯޓެއް ކަމަށް ހީކޮށް. އެކަމަކު މުލަކު ދޯނި އެއާ ދިމާލަށް ނައްޓާލިތަނުން އެ ބޯޓު މުއްޔާ ދިމާލުން އުތުރަށް ނައްޓާލައިގެން ގޮސް ބޭރަށް ޖަހައިފި."

ލަންކާ އިން މި ހަތިޔާރު ބޯޓު ހިފެހެއްޓީ ކުރިއާލާ އެންގުމެއް ނެތި ލަންކާގެ ކަނޑުގެ ސަރަހައްދަށް ވަދެގެން އުޅެނިކޮށެވެ. އޭރު އެ ބޯޓް ދަތުރުކުރަމުން ދިޔައީ އެމީހުން ރަސްމީކޮށް ދާން އޮތް މަންޒިލުގެ ބަދަލުގައި އެހެން ބަނދަރަކަކަށް ކަމަށް ވެސް ލަންކާގެ ނޫސްތަކުގައި ބުނެފައިވެ އެވެ.