ޔައުގޫބު އަބްދުﷲ

ނަފްރަތުގެ ބިލަށް ޔައުގޫބުގެ އިސްލާހުތަކެއް

މުސްލިމަކާ ދިމާއަށް ކާފަރެކޭ ބުނުން ކުށަކަށް ހަދަން ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ގާނޫނުލްއުގޫބާތަށް ހުށަހެޅި އިސްލާހުގެ ބިލަށް ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ އިސްލާހުތަކެއް ހުށައަޅުއްވައިފި އެވެ.

ޔައުގޫބު ހުށައަޅުއްވާފައިވަނީ ބިލުގެ ފުރަތަމަ މާއްދާއިން ގާނޫނުގެ 123 ވަނަ މާއްދާގެ ފަހަތަށް އިތުރުކުރުމަށް ހުށައަޅާފައިވާ 124 ވަނަ މާއްދާ އިސްލާހު ކުރުމަށެވެ. ކުށް ކަނޑައެޅުމުގެ އެ މާއްދާއަށް ހުށައަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ ދީނީ އިލްމުވެރިންގެ މެދުގައި ރައުޔު ތަފާތުވެފައިވާ މައްސަލައެއްގައި އޭގެ ތެރެއިން ވަކި ރައުޔެއްގައިވާ ގޮތަށް މީހަކު ފާޅުކުރި ޝުއޫރަކުން ނުވަތަ ކުރި އަމަލަކުން އެ މީހަކަށް އަނިޔާވެރިވުމަށް ގޮވާލުމާއި އިސްލާމީ ޝަރީއަތުގައި މީހަކު ކުފުރުވެ މުރުތައްދުވެއްޖެ ކަމަށް ކަނޑައެޅުމަށް އޮތް މިންގަނޑުން ބޭރުވެ އާންމު ތަނެއްގައި މުސްލިމަކަށް ނިސްބަތްކޮށް އެ މީހަކީ ކާފަރެއްގެ ގޮތުގައި ނުވަތަ މުރުތައްދުވެފަިއވާ މީހެއްގެ ގޮތުގައި ތުހުމަތު ކުރުމަކީ ކުށެއް ކަމަށެވެ. ނަމަވެސް ވަކި ބަސްތަކަކީ ކުފުރުވެދާނެ ބަސްތަކެއްކަން ނުވަތަ ވަކި އަމަލުތަކަކީ ކުފުރުވެދާނެ އަމަލުތަކެއްކަން ބަޔާންކުރުމަށް މި މާއްދާ ހުރަސް ނާޅާ ކަމަށެވެ.

މީގެ އިތުރުން މާތްﷲ އާއި ކީރިތި ރަސޫލާ އާއި ކީރިތި ގުރުއާން އާއި ކީރިތި ރަސޫލާގެ ސުންނަތާއި އެކަލޭގެފާނުގެ އަހުލުބަައިތުންނާއި ސަހާބީންނާއި އަދި އިސްލާމްދީނާއި އިސްލާމީ ޝިއާރުތަކާމެދު ނަފުރަތު އުފެދޭ ގޮތަށް ފުރައްސާރަ ކުރުމާއި މަލާމަތް ކުުރުން ނުވަތަ އިސްލާމީދީނާއި ގުޅޭގޮތުން ދޮގު މައުލޫމާތު ފެތުރުން ނުވަތަ ދޮގު މައުލޫމާތު ދިނުން ނުވަތަ މިފަދަ އަމަލަކަށް ހިތްވަރު ދިނުން ނުވަތަ މިފަދަ އަމަލެއް ކުރުމާއި އަދި ކުރުމުގައި ބައިވެރިވުމާއި ނުވަތަ އެކަމަށް ގޮވާލނުން ނުވަތަ އަމުރު ކުރުން ވެސް ކުށެއްގެ ގޮތުގައި ހިމަނަން ވަނީ ހުށައަޅާފައެވެ.

ޔައުގޫބުގެ އިސްލާހުތަކުގައި ވަނީ ކުށްތައް ދަރަޖަ ކުރުމުގެ ބަޔާއި މަނާކުރުމުގެ ބަޔަށްވެސް އިސްލާހު ހުށައަޅުއްވާފައެވެ.

އިސްލާހުގައިވާ ގޮތުން "އާންމު ތަނެއް" ކަމަށް ބުނެފައިވަނީ ވަނީ އާންމުން ހިނގާބިނގައިވާ ތަންތަނާއި އެ ތަނަކަށް އާންމުން އައިސް އަދި އެނބުރި ގޮސް އުޅޭ ތަންތަނާއި އާންމުން މަޑުކޮށްލައިގެން ތިބޭ ގޮތަށް ނުވަތަ އެކި ބޭނުންތަކުގައި އެއްވެ އުޅެވޭ ގޮތަށް ހުންނަ ތަންތަނާއި ކަނޑައެޅިފައިވާ އަގެއް ދައްކައިގެން ނުވަތަ ދައުވަތެއް ދީގެން ނުވަތަ އެ ނޫންވެސް ގޮތަކުން އާންމުންނަށް ބައިވެރިވެވޭ ފޯރަމްތަކާއި ހަބަރާއި މައުލޫމާތު އާންމުކުރާ އެހެނިހެން ވަސީލަތްތައް ކަމަށެވެ.

އަަދި "އަނިޔާވެރިވުމަށް ގޮވާލުން" ކަމަށް ބުނެފައިވަނީ މީހެއްގެ ނަފްސަށް ނުވަތަ މުދަލަށް ނުވަތަ އާއިލާއަށް ގެއްލުމެއް ދިނުމަށް ގޮވާލުމަށް ކަަމަށް ބުނެފައިވެއެވެ. މީހަކު ކުރާ ކުށަކަށް އިސްލާމީ ޝަރީއަތުގަައިވާ ގޮތުގެ މަތިން ޝަރުއީ މަރުހަލާއަކުން އިސްލާމީ ޝަރީއަތުގައިވާ އަދަބެއް ދިނުމަށް ގޮވާލުން މި މާނައިގެ ތެރޭގައި ނުހިމެނޭ ކަމަށްވެސް ބުނެފަައިވެއެވެ.

އިސްލާހުގައި ބުނެފައިވަނީ "މުރުތައްދުވުން" ކަމަށް ބުނެފައިވަނީ ވަނީ އަހްލުއްސުންނަ ވަލް ޖަމާއަތުގެ ދީނީ އިލްމުވެރިންގެ މެދުގައި މުރުތައްދުވުމުގެ އަމަލެއް ކަމާއިމެދު ހިލާފެއް ނެތް އަމަލެއް ކުރުމަށް ކަމަށްވެސް ބުނެފައިވެއެވެ.