ރައްޔިތުންގެ މަޖިލިސް

އެއްބަސްވުންތަކުގެ މާލީ ބަދަލަށް ދެވޭނެ މަތީ އަދަދެއް ކަނޑައަޅަން ފާސްކޮށްފި

ދައުލަތުގެ ނަމުގައި އެކި ފަރާތްތަކާ އެކު ހަދާ އެއްބަސްވުންތައް އުވާލުމުން ނުވަތަ އެއްބަސްވުމަކާ ހިލާފްވުމުން އެ ކަންކަމަށް ދައުލަތުގެ ފަރާތުން އަދާ ކުރަން ޖެހޭ މާލީ އިލްތިޒާމްތަކާ ގުޅިގެން އެފަދަ އެއްބަސްވުންތަކުގެ މާލީ ބަދަލުގެ ގޮތުގައި ދޭން ޖެހޭ މަތީ އަދަދެއް ކަނޑައަޅަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މި ސަރުކާރު އައި ފަހުން ކުރީ ސަރުކާރުން ބާތިލް ކުރި ގިނަ އެއްބަސްވުންތަކަށް މާލީ ބަދަލުގެ ގޮތުގައި ބޮޑު އަދަދުތަކެއް ދޭން ޖެހިފައިވެ އެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މި ސަރުކާރުން މިހާތަނަށް ބަދަލުގެ ގޮތުގައި ބިލިއަަނެއްހާ ރުފިޔާ ވަނީ ކުންފުނިތަކަށް ދޫކޮށްފަ އެވެ.

އެފަދަ އެއްބަސްވުންތަކުގެ މާލީ ބަދަލުގެ ބުރަ ދައުލަތަށް އުފުލަން ޖެހޭތީވެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން މަޖިލީހަށް ހުށަހެޅުއްވި ގަރާރު ދިރާސާކޮށް މާލިއްޔަތު ކޮމިޓީން ތަޅުމަށް ހުށަހެޅި ރިޕޯޓް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކުރީ 62 މެންބަރުންގެ ވޯޓުންނެވެ.

މިއަދުގެ ޖަލްސާގައި ނެގި ވޯޓުތަކަށް އިދިކޮޅު ކޯލިޝަންގެ މެންބަރުން ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. ވޯޓަށް އެހި ވަގުތު އިދިކޮޅު ކޯލިޝަންގެ މެންބަރުންގެ ގެންދެވީ މަޖިލީހުގެ ރިޔާސަތުގެ ކުރިމަތީގައި ތިއްބަވައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި އިހުތިޖާޖް ކުރަމުންނެވެ.

މާލިއްޔަތު ކޮމިޓީގެ އެ ރިޕޯޓްގައި ވަނީ ސަރުކާރުން ސޮއިކުރާ އެއްބަސްވުންތަކުގައި ބަދަލުގެ ގޮތުގައި ދެވޭނެ އެންމެ މަތީ މިންވަރެއް ކަނޑައަޅަން ޖެހޭނެ ކަމަށް ސަރުކާރުގެ ހުރިހާ ވުޒާރާތައް ލާޒިމުކުރާ ގޮތަށް ދައުލަތުގެ މާލިއްޔަތު ގަވާއިދު އިސްލާހު ކުރަން ފިނޭންސް މިނިސްޓްރީއަށް އެންގުމަށެވެ. އެފަދަ އެއްބަސްވުންތަކުގައި ބަދަލު ދެވޭނެ އެންމެ މަތީ މިންގަނޑު ކަނޑައަޅައި، އެއްބަސްވުންތަކުގައި ހިމެނުމަށް އެޓާނީ ޖެނެރަލްއަށް އެންގުމަށް ރިޕޯޓްގައިވެ އެވެ.

މަދަނީ އިޖުރާއަތްތަކުގެ ގާނޫނުގެ ބިލާއި ދައުލަތުގެ މާލިއްޔަތުގެ ގާނޫނު އިސްލާހު ކުރުމުގެ ބިލެއް ވީ އެންމެ އަވަހަށް އެކުލަވާލައި މަޖިލީހަށް ފޮނުވުމަށް އެޓާނީ ޖެނެރަލްއަށް އަންގަން ވެސް ރިޕޯޓްގައިވެ އެވެ. އެ ގޮތުން ދައުލަތުގެ މުވައްޒަފަކު އިހުމާލުވެގެން ދައުލަތަށް ގެއްލުން ލިބިއްޖެނަމަ، ފަރުދީ ގޮތުން އެ މުވައްޒަފަކު ޒިންމާ ވާން ޖެހޭނެ ކަމަށް މާލިއްޔަތު ގާނޫނުގައި ހިމަނަން ރިޕޯޓްގައި ބުނެ އެވެ.

އޭގެ އިތުރުން ކޮންޓްރެކްޓެއްގެ ބައިވެރިޔަކު އެ ކޮންޓްރެކްޓަކާ ހިލާފަށް އަމަލެއް ކޮށްފިނަމަ އެ އަމަލެއް ކުރި މީހަކު ބަދަލު ދޭން ޖެހޭ ކަމަށް ކޮންޓްރެކްޓާ ބެހޭ ގާނޫނުގައި އޮތް ނަމަވެސް، އެ ކަން ކުރާނެ އުސޫލެއް ގާނޫނުގައި ނެތުމުން އެ މަސައްކަތް ކުރުމަށް ވެސް އެޓާނީ ޖެނެރަލްއަށް އަންގަން ވެސް މާލިއްޔަތު ކޮމިޓީން ނިންމާފައިވެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، އެތައް މިލިއަން ރުފިޔާއިން ކުންފުނިތަކަށް ބަދަލު ދެމުންދާއިރު ސަރުކާރުން އެކަން ކުރަމުން ގެންދަނީ ކޯޓުގެ ތިން މަރުހަލާ ވެސް ނިމުމުގެ ކުރިންނެވެ. އެއީ ކުރީ ސަރުކާރުން އެއްބަސްވުންތަކެއް އުވާލައިގެން ލިބުނު ކަމަސް ބުނާ ގެއްލުންތަކެވެ.

އެ ގޮތަށް ބަދަލު ދެމުން ދަނީ ސަރުކާރުގެ އިސް ބޭފުޅުންނާ ގުޅުން އޮންނަ ފަރާތްތަކުގެ މަސްލަހަތު އޮންނަ ކުންފުނިތަކަށް ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެ އެވެ. އެ ކަމުގައި ކޮރަޕްޝަން އުޅޭ ކަމަށް ތުހުމަތުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅި މައްސަލައެއް ވެސް އެ ކޮމިޝަނުން ދަނީ ބަލަމުންނެވެ.