ގާނޫނުލް އުގޫބާތުގައި ހިމެނޭ ނަފުރަތުގެ އަމަލު ހިންގުމުގެ ބަޔަށް މާއްދާތަކެއް އިތުރު ކުރަން ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށައެޅުއްވި ބިލަށް ތާއީދު ނުކުރައްވާނެކަން ހާމަކޮށް ރައްޔިތުންގެ މަޖިލީހުގެ 10 މެންބަރަކު ގުޅިގެން ބަޔާނެއް ނެރުއްވައިފި އެވެ.
މެންބަރުންގެ ބަޔާނުގައި ވިދާޅުވެފައިވަނީ ގާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ކޮންމެ މީހަކަށް ކަށަވަރުކޮށްދީފައިވާ އިސްލާމްދީނުގެ އަސްލަކާއި ހިލާފުނުވާނެ ގޮތެއްގެ މަތިން ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ހަނިކުރެވޭ ގޮތަށް ގާނޫނުލް އުގޫބާތު އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ބިލަށް ތާއީދު ނުކުރައްވާ ކަމަށެވެ.
ރައްޔިތުންގެ މެެދުގައި ބައެއް މީހުން އުފައްދަމުންދާ ނަފުރަތުގެ އަމަލުތަކަކީ ހުއްޓުވަން ޖެހޭ އަމަލުތަކެއް ކަމަށް އެ މެންބަރުންވެސް ގަބޫލުކުރައްވާ ކަމަށާ އަދި ނަފްރަތުގެ ސަބަބުން ދިވެހި އެތައް ރައްޔިތުންނަކަަށް ބޮޑެތި އަނިޔާތަކާއި ގެއްލުންތައް ލިބިފައިވާ ކަަމީ ދެބަސްވެވެން ނެތް ހަގީގަތެއް ކަމަށްވެސް ވިދާޅުވެފައިވެއެވެ.
".. މި މައްސަލައަކީ ހައްލު ހޯދަންޖެހޭ މައްސަލައެކެވެ. އެހެން ނަމަވެސް ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތަށް 124 ވަނަ މާއްދާގެ ގޮތުގައި އިތުރުކުރުމަށް މިހާރު ހުށައަޅާފައިވާ އިސްލާހަކީ މިކަމުގެ ހައްލު ކަމަށް ނުވަތަ މިފަދަ ގާނޫނެއް ފާސްކުރުމުގެ މަގުސަދު ހާސިލުވާނެ ބިލެއް ކަަމަކަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަމެވެ،"
މެންބަރުންގެ ބަޔާނުގައި ވިދާޅުވީ މި ބިލް މަޖިލީހަށް ހުށައެޅި އޭގެ ފަހަށް ޖުޑީޝަރީ ކޮމެޓީން ގެނެސްފައިވާ އިސްލާހުތަކަށް ބަލާއިރު މިއީ ނަފްރަތުގެ އަމަލުތައް ހުއްޓުވުމަށް އޮތް ހައްލަކަށްވުމުގެ ބަދަލުގައި މި ބިލުގެ ސަބަބުން ދިވެހިންގެ މެދުގައި އޮތް ދީނީ އެއްބައިވަންތަކަން ގެއްލިގޮސް ރައްޔިތުންގެ މެދުގައި ހަމަނުޖެހުން އިތުރުވުމުގެ ފުރުސަތު އޮތް ކަމަށް ގަބޫލުކުރެއްވޭ ކަމަށެވެ.
އިސްލާމްދީނުގެ އަސްލުތަކާއި ރައްޔިތުންގެ އަސާސީ ހައްގުތަކާއި ގުޅޭ މިފަދަ ބިލްތަކަކީ ވީހާވެސް ބޮޑަށް ރައްޔިތުންނާއި ދީނީ އިލްމުވެރިން އަދި ކަމާގުޅުންހުރި އެހެނިހެން ބޭފުޅުންގެ މަޝްވަރާ އާއި ލަފަޔާއެކު ޑްރާފްޓްކުރެވި ފާސްކުރަންޖެހޭ ބިލުތަކެއް ކަަމަށްވެސް ބުނެފައިވެއެވެ.
"އެހެން ނަމަވެސް މިފަދަ މުހިންމު ބިލެއް އެކުލަވާލެވުނުއިރު ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅުންހުރި ކޮމެޓީން މި ބިލްގެ މަސައްކަތް ކުރެވުނުއިރު ކަމާގުޅުންހުރި ގިނަ ފަރާތްތަކުގެ މަޝްވަރާ އެކަށީގެންވާ މިންވަރަށް ހޯދާފައިނުވާކަން ފާހަގަކުރަމެވެ. އަދި މި ބިލުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅުންހުރި ކޮމެޓީން ކުރަމުންދިޔައިރު މި ބިލަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އާއި ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް ފަދަ އިދާރާތަކުން ހުށައަޅާފައިވާ ގިަނ އިސްލާހުތަކަށް ރިއާޔަތްނުކޮށް ކޮމެޓީން މި ބިލް ފާސްކޮށްފައިވާ ކަމީ އަޅުގަނޑުމެންގެ ކަންބޮޑުވުމެކެވެ،"
މެންބަރުންގެ ބަޔާނުގައި ވިދާޅުވީ ނަފްރަތުގެ އަމަލުތައް ހުއްޓުވުއި މި މައްސަލައާމެދު ރައްޔިތުންގެ މެދުގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތަކަށް އެކަށީގެންވާ ހައްލެއް ހޯދުމަށްޓަކައި މަޝްވަރާގެ އުސޫލުގެ މަތިން ވީހާވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްގެން ގާނޫނުތައް އިސްލާހު ކުރުން މުހިންމު ކަަމަށެވެ.
"އަޅުގަނޑުމެންނަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އާއި ރައްޔިތުންގެ ހައްގުތައް ދެމެހެއްޓުމާއި ދިވެހި ގައުމަށް އިހުލާސްތެރިވުމަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަަރުންގެ ގޮތުގައި އަދާކުރަންޖެހޭ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އެންމެ ފުރިހަމަ ގޮތުގައި އަދާކުރުން މަތީ ދެމި ތިބުމަށް މާތްﷲ ގަންދީ ހުވާކޮށްގެން ތިބި ބައެއް ކަަމަށްވީހިނދު މިހާރު ހުށައަޅާފައިވާ ގޮތަށް މި ބިލް ފާސްކުރުމަކީ ދިވެހި ރައްޔިތުންގެ މެދުގައި އޮތް ދީނީ އެއްބައިވަންތަކަން ގެއްލި ދިވެހި ގައުމު އިތުުރު ހަމަނުޖެހުންތަކެއްގެ ތެރެއަށް ދިއުމުގެ ފުުރުސަތު އޮތް ކަމެއް ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭތީ މިހާރު ހުށައަޅާފައިވާ ގޮތަށް މި ބިލް ފާސްކުރުމަށް އަޅުގަނޑުމެން ތާއިދު ނުކުރާނެ ވާހަކަ ދަންނަވަމެވެ،"
މި ބަޔާން ނެރެފައިވަނީ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އާއި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް އާއި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން އާއި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް އާއި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް އާއި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ހަމީދު އާއި އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދު އާއި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އާއި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ސޮއިކުރައްވައެވެ.
ގާނޫނުލް އުގޫބާތުގައި ހިމެނޭ ނަފުރަތުގެ އަމަލު ހިންގުމުގެ ބަޔަށް މާއްދާތަކެއް އިތުރު ކުރަން ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށައެޅުއްވި ބިލަށް އެމްޑީޕީގެ ހަތަރު މެންބަރުންވެސް ދެކޮޅު ހައްދަވާފައިވެއެވެ. އެ ހަތަރު މެންބަރުންނަކީ ދެކުނުގެ ފުވައްމުލަކު ސިޓީއަށް ނިސްބަތްވާ އެ ސިޓީގެ ތިން މެންބަރުން ކަމަށްވާ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދާއި މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ އާއި، ދެކުނު ދާއިރާގެ މެންބަރު މުހައްމަދު މުމްތާޒެވެ. އެމްޑީޕީގެ އަނެއް މެންބަރަކީ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފެވެ.
ބިލްގެ ބަހުސްގައި ބިލާ ދެކޮޅަށް ވަރުގަދައަށް ވާހަކަ ދެއްކެވުމުގެ އިތުރުން ބިލް އަނބުރާ ގެންދަން ވެސް ސަނީފު ވަނީ ގޮވާލައްފަ އެވެ. އޭނާ ވަނީ އެމްޑީޕީން ގެނައި އުސޫލު ތަކާއި ނިޒާމުގެ ތެރެއިން ވަރަށް މުހިންމު ދީނީ ނުކުތާއެއް ފާހަގަކޮށް ދެއްވާފަ އެވެ. އެގޮތުން އެމްޑީޕީގައި ދީނީ ގޮތުން މަޝްވަރާ ކުރަން އޮންނަ ކޮމެޓީ ކޮބައިތޯ ސުވާލު އުފައްދަ އެވެ. އެ ކޮމެޓީގައި އެއްވެސް މެމްބަރަކު ނެތި ފަސް އަހަރު ވާއިރު އިސްލާމް ދީނާ ގުޅޭ މިފަދަ ކަންކަމުގައި ގޮތެއް ނިންމަން ވަނީ އެ ކޮމެޓީ ހަދައި މަޝްވަރާއެކުގައި ކަމަށް އެ ކޮމެޓީން އޭނާ ފާހަގަ ކޮށްދެއްވަ އެވެ.
"އެހެންނޫނީ އިސްލާމްދީނުގެ ދިފާއުގައި މަސައްކަތްކުރާ މީހުންގެ އަތް ފައި ބަނދެވިގެން ދާނެ" ސަނީފް ވިދާޅުވިއެވެ.
ގާނޫނުލް އުގޫބާތުގައި ހިމެނޭ ނަފުރަތުގެ އަމަލު ހިންގުމުގެ ބަޔަށް އިތުރު މާއްދާތަކެއް އިތުރު ކުރުމަށް ހުށައެޅި ބިލަކީ ދީނާ ހިލާފު ވާހަކަތަކަށް ފުރުސަތު ދީ އެފަދަ ވާހަކަތައް ފަތުރާ، ދައްކަމުންދާ މީހުންނަށް ހިތްވަރު ދިނުމުގެ ގޮތުން ކުރާ ކަމެއް ކަމަށް ބުނެ އެތައް ބަޔަކު ދަނީ އެ ބިލާ ދެކޮޅަށް ވާހަކަ ދައްކަމުންނެވެ. ބިލާ ދެކޮޅަށް ޖަމިއްޔާތަކާއި ސިޔާސީ ޕާޓީތަކުންވެސް ވަނީ ތެދުވެފައެވެ. އޭގެ ތެރޭގައި ސަރުކާރު ކޯލިޝަންގައި އޮތް އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީވެސް ހިމެނެއެވެ. އަދި 101 އިލްމުވެރިއަކު ވަނީ ބިލާމެދު ކަންބޮޑުވުން ފާޅުކުރައްވާ ރައީސް ސޯލިހަށް ޕެޓިޝަނެއްވެސް ހުށައަޅުއްވާފައެވެ. 100 ވުރެ ގިނަ ކައުންސިލުންވެސް ބިލާ ދެކޮޅަށް ބަޔާން ނެރެފައިވެއެވެ.