މޫސުން

ކުރިއަށް އޮތީ މޫސުން ގޯސް ހަތަރު ދުވަސް، އުދައިގެ އަސަރު ކުރާނެ

މާދަމާއިން ފެށިގެން ކުރިއަށް އޮތް ހަތަރު ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ބައެއް އަތޮޅުތަކަށް ބޯކޮށް ވާރޭވެހި ވައިގަދެވެ ކަނޑުތައް ގަދާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށް އިންޒާރު ނެރެފި އެވެ.

މެޓް އޮފީހުން ބުނީ ހުޅަނގު މޫސުމުގެ ބާރު ގަަދަވެ މާދަމާއިން ފެށިގެން ކުރިއަށް އޮތް ހަތަރު ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ބައެއް އަތޮޅުތަކަށް ބޯކޮށް ވާރޭވެހި ވައިގަދެވެ ކަނޑުތައް ގަދާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އާންމު ގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލާއި 60 މޭލާ ދެމެދުގެ ބާރު މިނަށް ވައި ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

އެ އިދާރާއިން ބުނީ ކަނޑުތައް ގަދަވެ ރާޅު ބޮޑުވުމުގެ ސަބަބުން ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށެވެ.

ރާއްޖޭގެ ސަރަހައްދުގައި ވައި ގަަދވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ ކަނޑުދަތުރުކުރާ މީހުން މޫސުމަށް ސަމާލުވުމަށްވެސް މެޓުން އިލްތިމާސްކުރެއެވެ.

ޖޫން/ޖުލައި އަކީ ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ގޯސް ދުވަސްވަރެކެވެ. މިދިޔަ ދެ ތިން ދުވަހު މާލެ ހިމެނޭހެން ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށްފައިވެއެވެ. އަދި މުޅި ރާއްޖޭގެ ކަނޑުތައް ގަދައެވެ.

ހިނގަމުން މިދަނީ ދިރާސީ އަހަރުގެ ބޮޑު ޗުއްޓީ ދުވަސްވަރަށް ވެފައި އަދި ކުރިއަށް މިނިވަން ދުވަހުގެ ބަންދާއި އީދު ބަންދު އޮތުމުން ވަރަށް ގިނަ ބަޔަކު މި ދުވަސްވަރު ދަތުރުކުރެއެވެ. ދަތުރުތަކުގައި ރައްކާތެރިވުމަށް ސިފައިންވެސް އިލްތިމާސްކޮށްފައިވެއެވެ.