ދުނިޔެ

"އިނގިރޭސި މަނަވަރުތައް ކަޅުކަނޑަށް ވަންނާނެ"

އިނގިރޭސި މަނަވަރުތައް ކަޅުކަނޑުގައި ދަތުރު ކުރާނެ ކަމަށާއި އަދިވެސް ކްރައިމިއާ ސަަރަހައްދަށް ވަންނާނެ ކަމަށް އިނގިރޭސި ފޮރިން ސެކްރެޓަރީ ޑޮމެނިކް ރާބް ވިދާޅުވެއްޖެ އެވެ. ކްރައިމިއާ ކަނޑަކީ ރަޝިއާއަށް ބާރު އޮންނަ ތަނެއް ނޫން ކަމަށާއި އެއީ ރަޝިއާގެ ބާރު ހިނގާ ކަނޑެއް ގޮތުގައި ބައިނަލްއަގުވާމީ ގާނޫނުތައް ބަލައި ނުގަންނަ ކަމަށް ވެސް ރާބް ވިދާޅުވި އެވެ.

އިނިގިރޭސި އަސްކަރީ މަނަވަރެއް ކަޅުކަނޑުގައި ރަޝިއާއަށް ޖެއްސުން ކުރި މައްސަލަ އިނގިރޭސިވިލާތުގައި ވެސް ވަނީ ބޮޑު ކަމަކަށް ވެފަ އެވެ. ރަޝިއާއިން ބުނީ އިނގިރޭސި މަނަވަރު އެ ގައުމުގެ އިމަށް ވަތން ކަމަށާއި އިންޒާރުގެ ބަޑިއަށް އިޖާބަ ނުދިން ނަމަ ރަޝިއާ ޖެޓުތަކުން ހަމަލާ ދިނީސް ކަމަށެވެ.

އިނގިރޭސި އަސްކަރިއްޔާއިން ބުނީ ރަޝިއާއިން އިންޒާރުގެ ބަޑި ނުޖަހާ ކަމަށާއި ޔުކްރޭން ކައިރިން ދަތުރު ކުރުން ކުށްވެރި ނުކުރެވޭނެ ކަމަށެވެ. އެއީ ބައިނަލްއަގުވާމީ ކަނޑެއް ކަމަށާއި އެސަރަހައްދަށް ވަދެ ނުކުންނަން ރަޝިއާގެ ހުއްދަ ހޯދަން ވެސް ނުޖެހޭނެ ކަމަށެވެ.

މި މައްސަލާގައި ރަޝިއާއިން ބުނީ އިނގިރޭސިންނާ އެމެރިކާ ގުޅިގެން ރަޝިއާއަށް ޖެއްސުން ކުރަން ގޮސް ތިބީ ރަޝިއާގެ ދޮރު ބުޑުގައި ކަމަށާއި އެމީހުން ދެކޭ ގޮތުގައި އެއީ ބަައިނަލްއަގުވާމީ ދޮރާއްޓެއް ކަމަށެވެ.

ގާނޫން ހަދާ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ރާބް ވިދާޅުވީ އިނގިރޭސި މަނަވަރު އެހެން ދަތުރުކުރީ މަގު ކުރުކުރަން ކަމަށާއި ޔުކްރޭން ކަނޑަަށް ވަނުން އިނގިރޭސިންނަށް މަނާ ނޫން ކަމަށެވެ. ކަޅުކަނޑުގައި އިނގިރޭސި މަނަވަރުތައް ދަތުރު ކުރާނެ ކަމަށާއި ޔުކްރޭނުން ޖޯޖިއާއަށް އިނގިރޭސިން ދަތުރުކޮށް އުޅޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރަޝިއާގެ އަސްކަރިއްޔާއިން ޖޫން 23 ގައި އާންމުކުރި ވީޑިއޯއިން ފެންނަ ގޮތުން ރަޝިއާގެ ޖެޓުތަކުން ހަތިޔާރު ބޭނުން ކުރުމުގެ ކުރިން އިންޒާރު ދިނުމަށް ދެތިން ބޮމެއް ކަނޑަށް ވައްޓާލަ އެވެ. އަދި އެއިންޒާރަށް ބޯ ލަނބައި އިނގިރޭސި މަނަވަރު މަގު ބަދަލުކޮށް ދުރަށް ދާތީ ފެނެ އެވެ.