ދެއަހަރުގެ ކުޑަ ކުޑަ ކުއްޖަކަށް މާ ގިނަ ކަންތައްތައް ކުރެވިދާނެ ކަމަކަށް އަހަރުމެން އުންމީދެއް ނުކުރާނެ އެވެ. އެކުދިން ހަމައެކަނި ކުރާނެހާ ވެސް ކަމަކީ ފިރުކުމާއި ހިނގުމާއި ރުއިމާއި ކެއިން ބުއިން އަދި ނިދުން ފަދަ ކަންކަމެވެ. އެކުދިން ދިރިއުޅޭނީ ވަށައިގެންވާ މާހައުލުގައި ހިނގާ ކަންކަން ނޭނގޭ ހާލުގައި ވަރަށް ސްޓްރެސް ފްރީ ދިރިއުޅުމެކެވެ. އެހެންކަމުން ކުޑަ ކުއްޖެއްގެ އަމިއްލަ ވިސްނުމަށް އެއްވެސް ކަމެއް ކުރެވިދާނެ ކަމަށް މީހުން ގަބޫލެއް ނުކުރެ އެވެ.
ނަމަވެސް އިންޑިޔާގެ އުއްތަރު ޕްރަދޭޝް ސްޓޭޓުގެ ބަރީލޭ ޑިސްޓްރިކްޓްގައި އުޅޭ ދެ އަހަރުގެ މި ކުއްޖާ މި އުމުރުގެ އެހެން ކުދިންނާ ތަފާތުކަން ޔަގީންވީ އޭނާގެ ވިސްނުން ތޫނުކަމުންނެވެ.
ކިރިޔަ ކިރިޔާ ވާހަކަ ދެއްކޭ އަދި ރީއްޗަށް ނުވެސް ހިނގޭ މި ކުއްޖާއަށް އޭނާގެ މަންމަ ރޭލްވޭ ސްޓޭޝަނެއްގެ ޕްލެޓްފޯމަށް ހޭނެތިގެން ވެއްޓިފައި އޮއްވާ ފެނުނެވެ. އެ އަންހެންމީހާގެ ކައިރީގައި އަދި ހަ މަހުގެ ތުއްތު ކުއްޖެއް ވެސް އޮތެވެ.
ދެ އަހަރުގެ ކުއްޖާއަށް އޭނާގެ މަންމަ ވެއްޓިފައި އޮތްތަން ފެނުމާއެކު ވަގުތުން މީހެއްގެ އެހީތެރިކަން ހޯދަން ހިނގަން ފެށި އެވެ. މަދު މީޓަރަކަށް ހިނގިތަނާ އާމީ އޮފިސަރެއް އެތާ ކައިރީގައި ހުއްޓާ މި ކުޑަ ކުއްޖާ އަށް ފެނުނެވެ. އެ ކުއްޖާ ގޮސް އެ އޮފިސަރު ކައިރީގައި މި ވެގެން އުޅޭ ގޮތް އޭނާއަށް އެނގޭ ގޮތަށް ކިޔައިދޭން ފެށި އެވެ. މި ތުއްތު ކުއްޖާ ކިޔާ އެއްޗެއް ނޭނގުނަސް އެ ކުއްޖާއަށް ކޮންމެވެސް ކަމެއް ވެގެން އުޅޭކަން އެ އޮފިސަރަށް ވިސްނުނެވެ. އަދި ކުއްޖާ ފަހަތުން އޭނާ ދެއްކި ތަނަށް ދިޔައިރު އަންހެނަކާއި ތުއްތު ކުއްޖެއް ހޭނެތިފައި އޮއްވާ ފެނުނެވެ.
ވަގުތުން އެމްބިއުލެންސް ގެނެސް އަންހެންމީހާ އާއި ތުއްތު ކުއްޖާ ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އަދިވެސް އަންހެންމީހާ ހޭ ނާރާ ކަމަށް މި ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.
މި އޮފިސަރު ފަހުން ނޫސްވެރިންނަށް ކިޔައިދިން ގޮތުގައި އޭނާ ރެއިލްވޭގައި ހުއްޓާ ކުޑަ ކުޑަ އަންހެންކުއްޖެއް އައިސް ކޮންމެވެސް ވާހަކައެއް ކިޔައިދޭން ފެށުމުން ޚުދް އޭނާ ވެސް ވަރަށް ހައިރާންވި އެވެ. އެ މީހުންނަށް އެ ކުއްޖާ ކިޔާ އެއްޗެއް ނޭނގޭހެން ހީވުމުން އޭނާއާއެކު އައުމަށް ކުއްޖާ އެ އޮފިސަރަށް އިޝާރާތް ކުރިކަމަށް ވެއެވެ. އަދި އެތާ ހުރި އަންހެން ފުލުސް ކޮންސްޓަބަލް އެއްގެ އަތުގައި ކުޑަ ކުއްޖާ ހިފައި އޭނާގެ މަންމަ އޮތް ތަން ދައްކަން ގެންދިޔަ އެވެ.
އަންހެންމީހާއަށް ފަރުވާދިން ޑޮކްޓަރުން ބުނެފައިވަނީ އޭނާ އަދިވެސް ރަނގަޅަށް ހޭ ނާރާތާ ވެގެން އުޅޭ ގޮތެއް އޮޅުން ނުފިލާ ކަމަށެވެ. ނަމަވެސް ދެ އަހަރުގެ ކުއްޖެއްގެ މިހާ ރަނގަޅު ވިސްނުމެއް ހުރީތީ އެންމެން ވެސް އެކަން ފާހަގަ ކުރި އެވެ.