ބޮލީވުޑް

ޝަތުރުގަން ސިންހާ-ރީނާ ރޯއީގެ ލޯތްބަށް ވީ ކިހިނެއް؟

ޝަތުރުގަން ސިންހާއާއެކު ފުރަތަމަ ފިލްމު ކުޅުނުއިރު ރީނާ ރޯއީއަށް އެންމެ 19 އަހަރެވެ. ނަސީބު ދިމާކުރި ގޮތުން އެ ފިލްމަށް ބޮޑު ކާމިޔާބެއް ވެސް ލިބުނެވެ. އެއީ "ކާލީޗަރަން" އެވެ. ފިލްމުގެ ކާމިޔާބުން ލިބުނު މަޝްހޫރު ކަމުގައި ރީނާ ވަނީ 100 އަށް ވުރެ ގިނަ ފިލްމު ކުޅެފަ އެވެ.

ގިނަ ފިލްމުތަކެއް ކާމިޔާބު ވިޔަސް ރީނާގެ ހަނދާން ގިނަ މީހުން އާ ކުރަނީ އޭނާ އާއި ޝަތުރުގަން ސިންހާ (ޝަތުރޫ) ގެ ލޯބީގެ ވާހަކަތަކާ ގުޅުވައިގެންނެވެ.

ރީނާއަށް ވުރެ ޝަތުރޫ 11 އަހަރު ދޮއްޓެވެ. ނަމަވެސް އޭރު 19 އަހަރުގެ ރީނާ އަށް ޝަތުރޫގެ ޖާދޫގައި ނުޖެހި ސަލާމަތެއް ނުވި އެވެ. މި ވާހަކަ މުޅި ފިލްމު އިންޑަސްޓްރީގައި ދެކެވެން ފެށުމުން ރީނާގެ މަންމަ ވަރަށް ހިތްހަމަނުޖެހި އޭނާ އާއި ޝަތުރޫ ދުރު ކުރެވޭތޯ ވަރަށް މަސައްކަތް ކުރި އެވެ. ނަމަވެސް މަންމަގެ ބަހެއް ރީނާ ނޭހި އެވެ.

ރީނާގެ ހަޔާތުގައި 1981 ވަނަ އަހަރަކީ ދުވަހަކު ވެސް ހަނދާން ނުފޮހެވޭނެ އަހަރެކެވެ. ޝަތުރޫ އާ ކައިވެނި ކުރުމުގެ އުންމީދުގައި ރީނާ ހުއްޓާ ޕޫނަމް ސިންހާ އާ ޝަތުރޫ ކުއްލިއަކަށް ކައިވެނި ކުރީ އެވެ.

ޝަތުރޫ އަށް ޕޫނަމް ފެނުނީ ފްލައިޓެއްގެ ތެރެއިންނެވެ. ވަގުތުން އޭނާގެ ރީތި ކަމުގެ ޖާދޫގައި ޝަތުރޫ ޖެހި ވަރަށް އަވަހަށް ކައިވެނި ކުރި އެވެ. މިއީ ޝަތުރޫ ކޮށްފާނެ ކަމަށް ރީނާ ހުވަފެނަކުން ވެސް ދެކެފައިވާ ކަމެއް ނޫނެވެ.

ޕޫނަމް އާ ކައިވެނި ކުރިޔަސް ރީނާ އާ ވާހަކަ ދެއްކުން ޝަތުރޫ ހުއްޓައެއް ނުލަ އެވެ. ޕޫނަމް އާއި ކައިވެނި ކޮށްގެން ރީނާ އާ ވެސް އޭނާ ލޯބީގެ ގުޅުން ބާއްވަމުން ދިޔަ އެވެ. ޝަތުރޫ ދެކޭ ގޮތުގައި އެއީ އެއްގޮތަކަށް ވެސް ގޯސް ކަމެއް ނޫނެވެ. ވަރަށް އަވަހަށް ޕޫނަމް އަށް މިކަން އެނގުނެވެ. އަދި ރީނާއަށް ޖެއްސުން ކުރަން ފެށި އެވެ.

ޝަތުރޫ އާއި ރީނާގެ ލޯބީގެ ކުޅިގަނޑު އެއީ ނުވާ ކަމެއް ކަމަށް ހަދާކަށް ވެސް އަދި އެކަން ގަބޫލު ކުރާކަށް ވެސް ޕޫނަމް ބޭނުމެއް ނުވި އެވެ. އޭނާ ގެންދިޔައީ ދެ މީހުންނަށް އެއްވަރަށް އެއްޗެތި ކިޔައި މަލާމާތްކޮށް އޭނާއަށް ކުރެވުނުހާ ޖެއްސުމެއް ކުރަމުންނެވެ.
ޕޫނަމް ބުނެފައިވާ ގޮތުގައި އޭނާ ހުރީ ޝަތުރޫ އާއި ރީނާގެ ލޯތްބަށް މަގު ދައްކާފައި އެއްފަރާތަކަށް ޖެހެން ތައްޔާރަށެވެ.
ނަމަވެސް ޝަތުރޫ އެގޮތް ބޭނުން ނުވީ އެވެ. ސަބަބަކީ ރީނާ އޭނާއަށް ވަފާތެރިކަން ޝަތުރޫއަށް ޔަގީން ނޫނީ އެވެ. އޭނާއާ ކައިވެނިކުރި ފަހުން ވެސް އެމީހުން ލޯނީގެ ކުޅިގަނޑު ހިންގިކަން ޕޫނަމް އަށް އެނގޭ ކަމަށް ވެސް އޭނާ ބުނެ އެވެ.

ޝަތުރޫ އޭނާ އާ މެދު ސީރިއަސް ނޫންކަމާއި އޭނާއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭނަމަ އަބަދުވެސް ހުންނަން ޖެހޭނީ ސެކަންޑް ޗޮއިސްގެ ގޮތުގައިކަން އަދި ޝަތުރޫ އޭނާ އާ ދުވަހަކު ވެސް ކައިވެނި ނުކުރާނެކަން ރީނާއަށް ޔަގީންވުމުން މަޑުމަޑުން ފެޔަށް ޖެހެމުން ގޮސް ޝަތުރޫގެ ހަޔާތުން މުޅިން ނުކުތީ އެވެ. އަދި މާ ގިނަ ދުވަހެއް ނުވެ ޕާކިސްތާނުގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ މުހްސިން ޚާން އާއި ކައިވެނި ކުރަން އުޅޭކަން އިއުލާން ކުރި އެވެ.

މި ކައިވެނި އޮތީ މުހްސިންގެ ގައުމު ކަމަށްވާ ޕާކިސްތާނުގަ އެވެ. ކައިވެނިކޮށްގެން ދެ މީހުން ފުރަތަމަކޮޅު އުޅުނީ ވަރަށް އުފަލުގަ އެވެ. އެމީހުން ލަންޑަނުން އިންޑިޔާ އިން ދަތުރު ކުރުމުގައި ދުވަސްތައް ހޭދަކުރި އެވެ. އެ ދެމަފިރިންނަށް އަންހެން ދަރިއަކު ލިބުނެވެ. އެ ކުއްޖާއަށް ކީ ޖަންނަތު އެވެ.

ބޮލީވުޑްގެ އޭރުގެ ނަން މަޝްހޫރު ބަތަލާއަކާ ކައިވެނި ކުރުމުން މުހްސިން އަށް ވެސް ބޮލީވުޑް ފިލްމުތައް ކުޅޭނެ ފުރުސަތު ލިބުނެވެ. އަދި ވަރަށް ކާމިޔާބު ފިލްމުތަކެއް އޭނާ ކުޅުނުވެސް މެއެވެ. ރީނާ ވެސް ކައިވެންޏަށް ފަހު ފިލްމު ކުޅުން ކުރިޔަށް ގެންދިޔަ އެވެ. ޖަންނަތު ލިބެން ދެނެވެ. އަލަތު ދަރިފުޅު ލިބުމުން ދަރިފުޅަށް ވަގުތު ހުސްކުރަން ރީނާ ދުވަސްކޮޅަކަށް އެކްޓްކުރުމާ ދުރަށް ދިޔަ އެވެ. އެހިސާބުން މި ކައިވެނީގައި މައްސަލަތައް ޖެހެން ފެށި އެވެ.

މުހްސިން އަކީ ވަރަށް ޒަމާނީ މުއްސަނދި ދިރިއުޅުމަށް ލޯބިކުރާ މީހެކެވެ. ރީނާއަކީ ވަރަށް އާދައިގެ ދިރިއުޅުމެއް އުޅޭހިތްވާ މީހެކެވެ. މުހްސިން ބޭނުންވީ އިނގިރޭސި ވިލާތުގެ ރަށްވެއްސަކަށް ވެގެން އެ ގައުމުގައި ދިރއުޅޭށެވެ. ނަމަވެސް ރީނާއަކަށް އެ ދިރިއުޅުން އެހާ ކަމަކު ނުދިޔަ އެވެ. ނަމަވެސް މައްސަލަތައް އިތުރުވެ 1990 އިގެ އަހަރުތަކުގައި ރީނާ އާއި މުހްސިން ވަރިވީ އެވެ. ޖަންނަތުގެ ބެލުމުގެ ޒިންމާ ވެސް ކޯޓުން ދިނީ މުހްސިން އަށެވެ. އެހިސާބުން ދަރިފުޅު ގޮވައިގެން މުހްސިން ޕާކިސްތާނުގެ ކަރާޗީއަށް ގޮސް އެ ރަށުގައި ދިރިއުޅެން ފެށީ އެވެ. ޖަންނަތު އަނބުރާ ހޯދަން ރީނާ ވަރަށް މަސައްކަތްކުރި އެވެ. ނަމަވެސް މުހްސިން އޭނާ ރީނާ ކައިރިއަށް ފޮނުވީ ތިން ވަނަ ކައިވެންޏަކަށް ފަހުގަ އެވެ.

ޖަންނަތު ފަހުން ރީނާ ކައިރިއަށް އައިސް އޭނާއާއެކު ދިރިއުޅެން ފެށި އެވެ. ރީނާ ވަނީ ފަހުން އޭނާގެ ދަރިފުޅުގެ ނަން ސަނަމް އަށް ބަދަލުކޮށްފަ އެވެ.

ރީނާ އާއި ދަރިފުޅު ސަނަމް މުމްބައިގައި އެކްޓިން ސްކޫލެއް ހުޅުވައި ދެމައިން މިހާތަނާ ޖެހެން ދެންވެސް ކުރަނީ އެ ސްކޫލް ހިންގުމުގެ މަސައްކަތެވެ.

ޝަތުރޫގަން އާއި ރީނާ ވަކިވިތާ ގިނަ ޒަމާންތަކެއް ވިޔަސް އަދިވެސް ބައެއް މީހުން އޭނާއާ ޝަތުރުގަން އާ ގުޅޭ ގޮތުން ސުވާލުތައް ކޮށް ހަދަ އެވެ. އަދި ޝަތުރޫގަންގެ އަންހެން ދަރިފުޅު އަދި ފިލްމީ ބަތަލާ ސޮނާކްޝީ ސިންހާ އާއި ރީނާ އާ ވައްތަރު ކަމަށް ވެސް ބައެއް މީހުން ބުނެ އެވެ.

ބައެއް މީހުން ގަބޫލުކުރާ ގޮތުގައި ސޮނާކްޝީ އާއި ޝަތުރުގަން އާއި ރީނާގެ 'ލަވް ޗައިލްޑް' އެކެވެ. ނަމަވެސް އެމީހުން ބުނަނީ އެއީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

ރީނާ ބުނަނީ ސޮނާކްޝީ ވައްތަރީ އޭނާގެ މަންމަ ޕޫނަމް އާ ކަމަށެވެ. ސޮނާކްޝީ ބޮލިވުޑަށް ލޯންޗުކުރީ ސަލްމާން ޚާނާއި އޭނާގެ އާއިލާއިން ކަމަށާއި އެމީހުން ގަސްތުގައި ސޮނާކްޝީގެ ސިފަ ރީނާ އާ ވައްތަރުކޮށް ފުރަތަމަ ފިލްމުގައި ދެއްކީ ކަމަށް ރީނާ ގަބޫލު ކުރެ އެވެ.

"އަހަރެން 'ޒަޚްމީ' ކުޅުނު ދުވަސްވަރު މީހުން ބުނޭ އަހަންނާ އާޝާ ޕާރެކް އާ ވަރަށް ވައްތަރޭ. އަހަންނަކީ އާޝާ އާއި ނާސިރު ހުސެއިންގެ 'ލަވް ޗައިލްޑް' އެކޭ. އަދި ޑިމްޕަލް އަކީ ނަރްގިސް އާއި ރާޖް ކަޕޫރުގެ ދަރިއެކޭ ވެސް ކިޔާ އަޑު އިވޭ،" ނަމަވެސް މީގެ އެއްވެސް ވާޙަކައެއްގައި ހަގީގަތް ނެތް،" ރީނާ ބުންޏެވެ.

ހަޔާތުގައި ކުރެވުނު ތަޖުރިބާތައް ކިތަންމެ ހިތި ނަމަވެސް ޝަތުރޫގަން އަށް އަދި މުހްސިން އަށް ވެސް ރީނާ ދުވަހަކުވެސް އެއްޗެއް ކިޔާ އަޑު ނީވޭކަމަށް އޭނާ ދަންނަ ހުރިހާ މީހުން ވެސް ބުނެއެވެ.