ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކަނޑައަޅަން ޖެހޭ ތިން މެންބަރަކު އައްޔަން ކުރުމުގެ ގޮތުން ފަސް ނަމެއް މަޖިލީހަށް ފޮނުވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އެލްޖީއޭގެ ބޯޑު މެމްބަރު ކަމަށް އައްޔަން ކުރަން މަޖިލީހުގެ ލަފައަކަށް އެދިވަޑައިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފޮނުއްވި ސިޓީ އިއްވާފަ އެވެ.
ހުށަހެޅުއްވި ނަންތައް
- އަޒްހާ ޒަމީރު / މ. ލިލީޒް
- އައިމިނަތު އަލީ / ދަފްތަރު
- ފާތުމަތު ނިއުމާ / ގ. ހިމާލިޔާގެ
- ފާތިމަތު ޒީނާ އަލީ / ހ. ރައިޒިން ސަން
- އައިޝަތު ޝީޒާ / ޝާޒީބިން ބ. ކެންދޫ
ނަންތައް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން އެ މައްސަލަ ދިރާސާ ކުރަން ފޮނުވީ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީ އަށެވެ.
ލާމަރުކަޒީ ގާނޫނުގައިވާ ގޮތުން ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ބޯޑު އެކުލެވިގެން ވަނީ ނުވަ މެމްބަރުންގެ މައްޗަށެވެ. އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ވަޒީރަކާއި ޖެންޑާ އިކުއަލިޓީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަންހެން މެމްބަރަކާއި ގަވަނެންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މެމްބަރަކާއި މަދަނީ ޖަމިއްޔާއެއްގެ މެމްބަރެއް ވެސް ހިމެނެން ޖެހެ އެވެ.
އެލްޖީއޭގެ ބޯޑުގެ މެމްބަރުންގެ ދައުރަކީ ފަސް އަހަރެވެ. ބޯޑުގެ މި ދައުރުގެ ރައީސް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި އެތަނުގެ ސީއީއޯގެ މަގާމަށް ފާތިމަތު އަފްޝަން ލަތީފް އައްޔަން ކުރައްވާފަ އެވެ. އަދި އެލްޖީއޭގެ ބޯޑަށް ލޯކަލް ކައުންސިލްތަކުގެ ފަރާތުން އިންތިހާބު ކުރަން ޖެހޭ ކައުންސިލަރުން ވެސް ވަނީ އިންތިހާބުކޮށްފަ އެވެ.