ޕެނަލްޓީގައި ނަސީބު ރަނގަޅު ވެގެން އާޖެންޓީނާ ވެސް ކޮޕާ އެމެރިކާގެ ފައިނަލަށް ދަތުރު ކޮށްފި އެވެ.
ރޭ ފަތިހު ކޮލަމްބިއާ އާއި ދެކޮޅަށް ކުޅުނު ސެމީ ފައިނަލުގައި އާޖެންޓީނާ މޮޅުވީ 1-1 އިން އެއްވަރު ވެގެން ޖެހި ޕެނަލްޓީންނެވެ. އާޖެންޓީނާ އިން ތިން ޕެނަލްޓީ ކާމިޔާބު ކުރިއިރު ކޮލަމްބިއާއަށް ކާމިޔާބު ކުރެވުނީ ދެ ޕެނަލްޓީ އެވެ. މިއާއެކު ކޮލަމްބިއާ ވަނީ މުބާރާތުން ކަޓާފަ އެވެ.
މެޗުގެ ފުރަތަމަ ހާފު ފެށުނު ތަނާހެން އާޖެންޓީނާއަށް ލީޑު ނަގައިދިނީ ލައުޓާރޯ މާޓިނެޒް އެވެ. މި ގޯލަކީ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ ޖައްސާލި ޕާހެއް ގޯލުގެ ފަހަތުގެ ދާގަނޑަށް ފޮނުވާލައިގެން އޭނާ ކާމިޔާބު ކުރި ލަނޑެކެވެ. އޭގެ ކުޑަ އިރުކޮޅެއް ކުރިން ވެސް މެސީ އޭނާއަށް ރަނގަޅު ފުރުސަތެއް ތަނަވަސް ކޮށްދިނެވެ. ނަމަވެސް އޭގެ ބޭނުން ނުހިފުނީ އެވެ.
ފުރަތަމަ ހާފު ނިމުނީ 1-0 ގެ ނަތީޖާ އަކުން އާޖެންޓީނާ ކުރީގައި އޮވެގެންނެވެ.
ކޮލަމްބިއާ އިން ނަތީޖާ ހަމަ ކުރީ މެޗުގެ ދެވަނަ ހާފުގަ އެވެ. މި ގޯލު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ 61 ވަނަ މިނެޓުގައި ލުއިސް ޑިއަޒް އެވެ. އެއީ އަރިމަތިން ޑިފެންޑަރު ބީޓު ކޮށްލައި ގޯލުގެ ދުރު ކަނަށް ފޮނުވާލައިގެން އޭނާ ކާމިޔާބު ކުރި ރީތި ގޯލެކެވެ.
އާޖެންޓީނާއަށް އަލުން ލީޑު ނަގަން ރަނގަޅު ފުރުސަތު ތަކެއް ލިބުނު ނަމަވެސް އޭގެ ބޭނުމެއް ނުހިފުނެވެ. އެގޮތުން މެސީ އަރިމަތިން ފޮނުވާލި ބޯޅަ ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފައި ނިކުން އިރު، ކީޕަރު ކަޓުވާލާފައި ޑިމާރިއާ ގޮންޒަލެޒް އަށް ދިން ބޯޅަ އޭނާ ގޯލަށް ޖެހި ނަމަވެސް ކޮލަމްބިއާގެ ޑިފެންޑަރު ވަނީ ގޯލު ލައިނުމަތިން ބޯޅަ ދިފާއު ކޮށްފަ އެެވެ.
މުޅި މެޗުގައި ދެޓީމުގެ ފަރާތުން ފެނުނީ ދާދި އެއްވަރު ކުޅުމެކެވެ. ކޮންމެ ޓީމަކަށް ވެސް އިދިކޮޅު ގޯލާއި އަމާޒުކޮށް ފޮނުވާލެވުނީ ހަތަރު ބޯޅަ އެވެ.
މެޗުގައި މެސީގެ ފަރާތުން ވަނީ ވަރަށް މޮޅު ކުޅުމެއް ފެނިފަ އެވެ. އޭނާ ވަނީ ގޯލު ޖަހާނެ ގިނަ ފުރުސަތު ތަކެއް ޓީމު ކުޅުންތެރިންނަށް ތަނަވަސް ކޮށްދީފަ އެވެ. މެސީގެ އަމާޒަކީ މިފަހަރުގެ ކޮޕަ އެމެރިކާ ކާމިޔާބުކޮށް އޭނާގެ ކެރިއާ ނިމުމުގެ ކުރިން ބޮޑު އިންޓަނޭޝަނަލް ޓްރޮފީއެއް ހާސިލު ކުރުމެވެ. މިހާރު އޭނާ މިވަނީ އެއުންމީދާއި ގާތަށް ޖެހިލާފަ އެވެ.
ނަމަވެސް ފައިނަލުގައި ކުރިމަތިލާން ޖެހޭނީ ދުނިޔޭގެ އެންމެ ވަރުގަދަ އެއްޓީމު ބްރެޒިލާއެވެ. ބްރެޒިލް އޮތީ ޖެހިޖެހިގެން ދެވަނަ ފަހަރަށް ކޮޕާ އެމެރިކާ ކާމިޔާބު ކުރުމަށެވެ.