ޕެންޓަގަނުން މައިކްރޮސޮފްޓާއެކު ހެދި 10 ބިލިއަން ޑޮލަރުގެ ޖެޑައި ޑީލް ކެންސަލްކޮށްފި އެވެ. އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓްގެ ޖޮއިންޓް އެންޓާޕްރައިޒް ޑިފެންސް އިންފްރަސްޓްރަކްޗާ (ޖެޑައި) ޑީލްއަކީ އެ ޑިޕާޓްމަންޓަށް ބޭނުންވާ ކްލައުޑް ސްޓޯރޭޖް ފޯރު ކޮށްދިނުމަށް ހެދި އެއްބަސްވުމެވެ.
ޖެޑައި ކޮންޓްރެކްޓް ކެންސަލްކުރަން ޕެންޓަގަނަށް މަޖުބޫރުވީ އެ ޑީލް ހެދުމުގައި އޮޅުވާލުންތަކެއް އުޅޭ ކަމަށް ބުނެ އެމެޒޯންއިން ކޯޓަށް ދިއުމުންނެވެ. ހަގީގަތުގައި މި ކޮންޓްރެކްޓް ފުރަތަމަ އޮތީ އެމެޒޯނަށް ދޭ ގޮތަށެވެ.
މި ޑީލަށް ޝައުގުވެރިކަން ފާޅުކުރި ކުންފުނިތަކުގެ ތެރޭގައި އެމެޒޯން އާއި މައިކްރޮސޮފްޓާއި ގޫގުލް އާއި އައިބީއެމް އަދި އޮރެކަލް ފަދަ ބާރުގަަ ކުންފުނިތައް ވެސް ހިމެނެ އެވެ. އެހެން ނަމަވެސް އެންމެ ކުންފުންޏަކަށް މިވަރުގެ ބޮޑު މަސައްކަތެއް ހަވާލު ކުރުމުން ޕެންޓަގަންގެ ނިޔަތާ މެދު ގިނަ ބަޔަކު އޮތީ ޝައްކު އުފައްދާފަ އެވެ.
އެމެޒޯނާއި ގޫގުލުން ބުނެފައި އޮތް ގޮތުން ބިޔަ ޕްރޮޖެކްޓެއް އެކަނި އެއްކުންފުންޏަކަށް ހަވާލު ކުރުމަށް ވުރެ ބައިބަޔަށް ބަހާލައި ގިނަ ކުންފުނިތަކަކަށް ހަވާލު ކުރުމުން މަސައްކަތަށް ނަގާ ވަގުތު ވެސް އަވަސްވާނެ އަދި ޚަރަދު ވެސް ކުޑަވާނެ އެވެ.
ޕެންޓަގަނުން މައިކްރޮސޮފްޓަށް މިޑީލް ދީފައި ވަނީ ވަރަށް ކުއްލި ގޮތަކަށް އަވަސް އަރުވާލައި ގެންނެވެ.