ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކުޅިވަރު

ކުޅިވަރު ކުޅެވޭނެ، މުބާރާތްތަކެއް ނުބޭއްވޭނެ: އެޗްއީއޯސީ

ކޮވިޑް 19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދީ ކުޅިވަރު ކުޅެވޭނެ ގޮތް ހަމަޖައްސާފައިވީ ނަމަވެސް އަދިވެސް ކުޅިވަރު މުބާރާތްތައް ނުބޭއްވޭނެ ކަމަށް ސަރުކާރުން ނިންމައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މާދަމާއިން ފެށިގެން ކުޅިވަރު ކުޅޭ ހުރިހާ ތަނެއްވެސް އާންމުކޮށް ހުޅުވާލާނެ ކަމަށެވެ. އަދި ކަސްރަތު ކުރުމަށް ހާއްސަ ކުރެވިފައިވާ ތަންތަން ވެސް މާދަމާ އިން ފެށިގެން ހުޅުވާލާނެ ކަމުގައި ވިދާޅުވި އެވެ. އެކަމަކު މުބާރާތެއްގެ ގޮތުގައި ކުޅިވަރުގެ އެއްވެސް ހަރަކާތެއް ކުރިއަށް ގެންދަން ހުއްދަ ނުދެވޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

ނޫސްވެރިންގެ މިބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކުޅިވަރު ކުޅޭ ތަންތަން ހުޅުވާލި ނަމަވެސް އެޗްޕީއޭ އިން ހަދާފައިވާ ހާއްސަ އުސޫލުތަކަށް ހުރިހާ އެންމެން ވެސް އަމަލުކުރުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

ކަސްރަތު ކުރަން ބޭނުންވާ މީހުންނަށް ބޭރަށް ނިކުމެ ކަސްރަތު ކުރަންވެސް މިހާރު ވަނީ ފުރުސަތު ހުޅުވާލާފަ އެވެ. މީގެއިތުރުން އެޗްޕީއޭގެ އުސޫލުތަކާއި އެއްގޮތަށް ޖިމްތައް ހުޅުވާލުމަށްވެސް ފުރުސަތު ދީފައިވެ އެވެ.

ކުޅިވަރު ކުޅޭ ތަންތަން ހުޅުވާލުމަށް ހުއްދަ ދިނުމާ ގުޅިގެން ގައުމީ ބައެއް އެސޯސިއޭޝަންތަކުން މިހާރު ދަނީ ފަރިތަކުރުންތައް ފަށައިގެން ކުރިއަށް ގެންދާނެ އުސޫލުތަކެއް ވެސް ހަމަޖައްސަމުންނެވެ.