ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެފްއޭއެމް

ކޮވިޑް ވެކްސިން ކެމްޕޭނެއް އެފްއޭއެމުން ފަށައިފި

ކޮވިޑް-19 އިން ރައްކާތެރި ވުމަށް ޖަހާ، ވެކްސިން ޖެހުމަށް އާންމުންނަށް ބާރު އެޅުމުގެ ގޮތުން ވެކްސިން ކެމްޕޭނެއް އެފްއޭއެމުން ފަށައިފި އެވެ.

އެޗްޕީއޭ އާ ގުޅިގެން ފަށާފައިވާ ވެކްސިން ކެމްޕޭން، އެފްއޭއެމުން ފެށީ، ދިވެހި ޕްރިމިއާ ލީގްގައި ވާދަ ކުރާ އަށް ކުލަބުގެ ކުޅުންތެރިންނާއި ކޯޗުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް ފަހު އެވެ. "ވެކްސިން ޖަހައިފިންތަ - ހުރިހާ ކުޅުންތެރިންވެސް ޖަހައިފި" މި ތީމްގެ ދަށުން އެފްއޭއެމުން ދަނީ ސޯޝަލް މީޑިއާ ކެމްޕޭނެއް ވެސް ހިންގަމުންނެވެ.

މި މަހު ލީގް މެދުކަނޑާލުމުން ފުރަތަމަ ޑިވިޝަންގެ ކުލަބުތަކުގެ އިސްވެރިން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާ ބައްދަލު ކުރަން އެދިވަޑައިގަތުމުން، ރައީސް ވަނީ އެބޭފުޅުނާ ބައްދަލުކޮށް، ކޮވިޑުން ރައްކާތެރި ވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް އަމަލު ކުރުމަށް އާންމުންނަށް ބާރު އެޅުމަށް އެދިވަޑައިގެންފަ އެވެ. އަދި ކޮވިޑް ވެކްސިން ޖެހުމަށްވެސް އާންމުންނަށް ބާރު އެޅުމަށް ކުޅިވަރުގެ ފަރާތްކުން ނަމޫނާ ދެއްކުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.

އެފްއޭއެމްގެ ރައީސް ބަައްސާމް އަދީލް ޖަލީލް ވެސް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި ހެލްތު މިނިސްޓަ އަހްމަދު ނަސީމް އާ ބައްދަލު ކުރައްވާފަ އެވެ. މިހާރު މެދުކަނޑާލާފައިވާ ދިވެހި ޕްރިމިއާ ލީގް ފެށުމަށް ވާ ތައްޔާރީތަކުގެ ތެރެއިން ކުލަބުތަކުގެ ޕްރެކްޓިސް ފެށޭނެ އިންތިޒާމެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމުގެ ފެހި ސިގްނަލް އެ ބައްދަލުވުމުން ލިބިގެން ދިޔަ ކަމަށް ބައްސާމް ކުރެއްވި ޓްވީޓްގައި ވަނީ ވިދާޅުވެފަ އެވެ.

ކޮވިޑް-19 އާ ވޭރިއަންޓް ނުރައްކާ ރާއްޖޭގައި ބޮޑުވުމުން އެޗްޕީއޭއިން މި މަހު އެންގީ ކުޅިވަރުގެ ހުރިހާ ހަރަކާތްތަކެއް ހުއްޓާލުމަށެވެ. އެޗްޕީއޭގެ ހާއްސަ ހުއްދައެއްގެ ދަށުން އޮކްޓޯބަރު މަހު ޕްރެކްޓިސް ފެށިނަމަވެސް، އެޗްޕީއޭގެ އާ އެންގުމާއެކު ކުލަބުތަކުން ޕްރެކްޓިސް ހުއްޓާލަން މި މަހު ޖެހުނެވެ. ލީގް ހުއްޓާލުމުން ކުޅުންތެރިންނަށް ކުރިމަތިވި ދަތިތަކާ ގުޅިގެން ލީގް އަލުން ފެށުމުގެ ހުއްދަ ދިނުމަށް އެދި ކުލަބުތަކުންނާއި ކުޅުުންތެރިން އަދި ކޯޗުން މަސައްކަތް ކުރި އެވެ.

ކުލަބުތަކުގެ އެންމެ ބޮޑަށް ފާހަގަ ކުރާ އެއް ކަމަކީ އިގްތިސޯދީ އެހެން ދާއިރާތަކުގެ މަސައްކަތް ކުރިއަށް ދާއިރު، ފުޓްބޯޅައިން އާންމުދަނީ ހޯދައިގެން ދިރިއުޅެމުންދާ ކުޅުންތެރިންނަށް އެކަމުގެ ދަތިކަން ކުރިމަތިވާނެ ކަމަށެވެ. ކުޅުންތެރިންނަށް މުސާރަ ދެނީ އެ ކުޅުންތެރިން ކުލަބުގެ ޕްރެކްޓިހަށް ނުކުމެ ކުރާ މަސައްކަތަށެވެ. ކުލަބު ތަކުން ބުނީ، ވެކްސިން ޖަހައިގެންވެސް ލީގް އަލުން ފަށަން ކުލަބުތަކުން ތިބީ ތައްޔާރަށް ކަމަށެވެ.

ލީގްގައި ވާދަ ކުރާ ކުޅުންތެރިން ވެކްސިން ޖެހުމުގެ ޕްރޮގްރާމް އެފްއޭއެމުން ފެށީ، މި މަހުގެ 15 ގަ އެވެ. ކޮވިޑް ވެކްސިން ޕްރޮގްރާމްގައި ދުނިޔޭގެ އެންމެ ކުރީ ސަފުގައި ރާއްޖެ ހިމެނެ އެވެ. އަދި އެންމެ ބާރަށް ވެކްސިންގެ ޕްރޮގްރަމް ކުރިއަށްދަނީވެސް ރާއްޖޭގަ އެވެ. ރެއާ ހަމައަށް 90،000 މީހުންނަށް ވަނީ ވެކްސިން ޖަހާފަ އެވެ.