ޕީއެސްޖީ

އަޝްރަފް ހަކީމީ ޕީއެސްޖީއަށް ސޮއިކޮށްފި

ޕެއިސް ސެއިންޓް ޖާމެއިން (ޕީއެސްޖީ) އިން އަޝްރަފް ހަކީމީއާއެކު އެއްބަސްވުމުގައި ސޮއި ކޮށްފި އެވެ.

އަޝްރަފް މިއަދު ޕީއެސްޖީއަށް ސޮއި ކުރީ ޕީއެސްޖީން އިންޓާ މިލާނަށް 60 މިލިއަން ޔޫރޯގެ އިތުރުން 10 މިލިއަން ޔޫރޯގެ އިތުރު އަދަދެއް ދޭ ގޮތަށެވެ. މޮރޮކޯއަށް އުފަން އަޝްރަފް ޕީއެސްޖީ އާއެކު ހަދާފައިވަނީ 2026 ވަނަ އަހަރަށް ހަމަވާ ގޮތަށް ފަސް އަހަރުގެ ކޮންޓްރެކްޓެކެވެ.

އަޝްރަފް ބުނީ މިއަދު ސޮއި ކުރެވުނު އެއްބަސްވުމާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށާއި އޭނާގެ އާ ޓީމުގެ ބައިވެރިންނާއި ބައްދަލު ކުރަން ކެތްމަދު ވެފައި ހުރި ކަމަށެވެ.

ކޯޗާއި ޓީމުގެ ބައިވެރިންނެކޭ އެއްފަދައިން އަހަރެންގެ އުއްމީދުތައް ހުރީ ވަރަށް އުހުގައި. އަހަރެންގެ ފަރާތުން އެމީހުން އުއްމީދު ކުރާފަދަ ކުޅުމެއް ދައްކަން އަހަރެންނަށް ކުރެވުނު ހުރިހާ ކަމެއް ކުރާނަން.
އަޝްރަފް ހަކީމީ

މިދިޔަ ސީޒަނުގައި އަޝްރަފް ވަނީ އިންޓާ މިލާނުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ. އެގޮތުން އޭނާ ވަނީ 37 މެޗު ކުޅެ ހަތް ގޯލު ޖަހާފަ އެވެ. އަދި 10 ގޯލު ޖެހުމަށް ފުރުސަތު ތަނަވަސް ކޮށްދީފަ އެވެ.

އަޝްރަފްގެ އިތުރުން މި ހަފުތާގެ ތެރޭގައި ދެ އަހަރުގެ ކޮންޓްރެކްޓަކާއެކު ރިއަލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޮސް ޕީއެސްޖީ އާއި ގުޅޭނެ ކަމަށް ބެލެވެ އެވެ.

މިދިޔަ ޓްރާންސްފާ މާކެޓުގައި ޕީއެސްޖީން ޑީލް ތަކެއް ނުފެނުނު ނަމަވެސް މިހާރު ހިނގަމުންދާ ޓްރާންސްފާ މާކެޓުގައި އެމީހުން ދަނީ މަޝްހޫރު ކުޅުންތެރިންތަކެއް ޓީމަށް ހޯދަމުންނެވެ. ރާމޯސް ޕީއެސްޖީ އާއި ގުޅޭނީ ފްރީ އެޖެންޓެއްގެ ގޮތުގަ އެވެ.