އަހުމަދު އުޝާމް

ޕާޓީ އުފައްދާ ކަމަށް ބުނެ ފުރައްސާރަ ކުރުމަކީ ދަށު ދަރަޖައިގެ ކަމެއް

ސިޔާސީ ޕާޓީ އުފައްދައި ހިންގުމަކީ ކޮންމެ ރައްޔިތަކަށްވެސް ލިބިފައިވާ ހައްގެއް ކަމަށާ ސިޔާސީ ޕާޓީއެއް އުފައްދަން އުޅޭ ކަމަށް ބުނެ ފުރައްސާރަ ކުރުމަކީ ވަރަށް ދަށު ދަރަޖައިގެ ކަމެއް ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

އުޝާމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ޖުމްހޫރީ ޕާޓީއަށް ހާއްސަ ކޮށްފައިވާ އޮފީހުގެ ބޭރުގައި "ސާލިހް ޕާޓީ" ލިޔެފައިވާ ކަރުދާސްގަނޑެއް ހަރުކުރި މައްސަލާގައެވެ. ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ތަމްސީލުކުރާ ކޮންމެ ޕާޓީއަކަށް ވެސް ހާއްސަ އޮފީހެއް ހުރެއެވެ. އަދި އެ އޮފީހުގެ ބޭރުގައި އެ ޕާޓީގެ ނަން ލިޔެ ބޯޑެއް ހަރުކޮށްފައިވެއެވެ.

ޖުމްހޫރީ ޕާޓީގެ އޮފީހުގެ ބޭރުގައި ހަރުކޮށްފައިވާ ބޯޑްގެ ތިރީގައި މިއަދު ވަނީ "ސާލިހް ޕާޓީ" ލިޔެފައިވާ ކަރުދާސް ގަނޑެއް ހަރުކޮށްފަ އެވެ. އެ ކަރުދާސްކޮޅުގައި "އެމްއެމްޕީ" މިހެން ވެސް ލިޔެފައި ވެއެވެ.

މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވި ގޮތުގައި "ސާލިހު ޕާޓީ" ގެ ނަމުގައި އެ އިޝާރާތް ކުރަނީ ރައީސް ސޯލިހަށް ވަފާތެރި މެންބަރުންނަށެވެ. އަދި "އެމްއެމްޕީ" ގެ ގޮތުގައި އިޝާރާތްކޮށްފައިވަނީ ކާނަލް މުހައްމަދު ނާޒިމް އާއި އަބްދުﷲ ރިޔާޒު އުފައްދަވަން މަސައްކަތް ކުރައްވާ ކަމަށް އަޑުފެތުރިފައިވާ ޕާޓީއަށެވެ. ޕާޓީއެއް އުފައްދަވާކަން ރަސްމީކޮށް އެ ދެ ބޭފުޅުން ހާމަނުކުރައްވައެވެ. ނަމަވެސް އެމްޑީޕީގެ ރައީސް ނަޝީދަށް ވަފާތެރި މެންބަރުން އެެ ވާހަކަތައް ދައްކަވާތާ ދެތިން ހަތަރު ދުވަހެއް ވެއްޖެ އެވެ. "އެމްއެމްޕީ" އަކީ މޯލްޑިވްސް މިލިޓަރީ ޕާޓީ ކަަމަށާ އެއީ ނާޒިމް އާއި ރިޔާޒު ކުރީން މިލިޓަރީގައި އުޅުއްވާފައިވާތީ ފުރައްސާރަ ކުރަން ބޭނުންކުރި ނަމެއް ކަަމަށްވެސް އެހެން މެންބަރަކު ވިދާޅުވިއެވެ.

އުޝާމް ވިދާޅުވީ ސިޔާސީ ޕާޓީ އުފައްދައި ހިންގުމަކީ ކޮންމެ ރައްޔިތަކަށްވެސް ލިބިފައިވާ ހައްގެއް ކަމަށާ ސިޔާސީ ޕާޓީއެއް އުފައްދަން އުޅޭ ކަމަށް ބުނެ ފުރައްސާރަ ކުރުމަކީ ވަރަށް ދަށު ދަރަޖައިގެ ކަމެއް ކަމަށެވެ.

"ތަސައްރަފު ނުފުރޭ ކުޑަކުދިން ކުރާ ޒާތުގެ އަމަލުތަކުން މަޖިލީހުގެ މެންބަރުން ދުރުހެލިވާންޖެހޭ،" ކާނަލް ނާޒިމްގެ އާއިލީ ބޭފުޅެއް ކަމަށްވާ އުޝާމް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ އޮފީހުގެ ބޭރުގައި ހަރުކޮށްފައިވާ ބޯޑްގެ ތިރީގައި "ސާލިހް ޕާޓީ" ލިޔެފައިވާ ކަރުދާސް ގަނޑެއް ހަރުކުރި މައްސަލަ ބަލައިދޭން ޖޭޕީން ވަނީ ރަސްމީކޮށް އެދިފައެވެ.