މުހައްމަދު ސައީދު

"ނިޔަތް ގޯސްވެ، ގައުމަށް ގައްދާރުވުމުން ނަތީޖާ ހިތިވާނެ"

Nov 17, 2015
6

ތިމާގެ ނިޔަތް ގޯސްވެ، ގައުމަށް ގައްދާރު ވެއްޖެނަމަ އެ މީހަކަށް ނަތީޖާ ފެންނާނީ ވަރަށް ހިތި ގޮތަކަށް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ ވިދާޅުވެއްޖެ އެވެ. އިކޮނޮމިކް މިނިސްޓަރު މިހެން ދާޅުވީ ޒުވާނުންގެ ދުވަސް ފާހަގަ ކުރުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ޒުވާން ކަމަކީ ދެމިޔަލީ ކަނޑިއެކޭ ބުނަނީ އެކަމުގައި މާނައެއް ނެތި ނޫން ކަމަށެވެ. އަދި ތިމާގެ ނިޔަތް ގޯސްވެ އަމިއްލަ އެދުން އިސްވެ، ލޭ އޮހޮރުވައިގެން ވެސް ބާރުތައް އަތް ދަށަށް ގެނައުމުގެ ހިޔާލު އަންނަމަ ނަތީޖާ ފެންނާނީ ވަރަށް ހިތި ގޮތަކަށް ކަމަށާއި އެކަން ފާއިތުވާ ޒަމާންތަކުން ފެނިގެން ގޮސްފައިވާ ކަމަށެވެ.

"އަބަދު ވެސް އީމާންވާން ޖެހޭ ހަގީގަތަކީ ތިމާ ރާވާ މަކަރުވެރި ރޭވުންތަކަށް ވުރެ މަތިން ގަދަ ކީރިތި ވަންތަ ﷲ ކަންކަން ނިންމަވާކަން. އިލާހީ ހިކުމަތަކީ އިލާހީ ދަރުސަކީ، އިލާހީ ފިލާވަޅަކީ އެއީ،" ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ ގައުމު ސުންނާފަތިކޮށް، ގައުމު ބައިބައިކޮށް، ގައުމު ބޮއިކޮޓް ކުރަން މަސައްކަތްކުރާ އެއްވެސް މީހަކާ ދިވެހި ޒުވާނުން ގުޅިގެން ނުވާނެ ކަމަށެވެ.

ސައީދު ވިދާޅުވީ ދިވެހި ގައުމު އަމިއްލަ ގައުމެއްގެ ގޮތުގައި ފައި މައްޗަށް ތެދުވާނެ ދުވަސް ކައިރިވަމުން އަންނަ ކަމަށެވެ.

"ރައީސް ޔާމީންގެ ސަރުކާރުން ފެންނަން އޮތް ހަގީގަތަކީ ޓޫރިޒަމް ނޫން 55 ފޮރިން އިންވެސްޓްމަންޓް ރާއްޖޭގައި ރަޖިސްޓްރީ ކޮށްފިކަން. އެންމެ ފުރަތަމަ ފަށައިގަންނައިރު ވެސް 750 މިލިއަން ޑޮލަރު އިންވެސްޓްމަންޓްގެ ގޮތުގައި މި ގައުމުގެ ދަފުތަރުގެ ގޮތުގައި އިންވެސްޓް ކޮށްފިކަން،" ސައީދު ވިދާޅުވި އެވެ.

" އަޅުގަނޑުގެ ސުވާލަކީ މިހާ ބޮޑު އިންވެސްޓްމަންޓް ރާއްޖެ ގެންނަން މަސައްކަތްކުރަނީ ކީއްވެގެން ބާ އޭ؟ އިކޮނޮމިކް އެޖެންޑާއެއް ފާހަގަކޮށް އެއަށް މާބޮޑު ސަމާލުކަމެއް ދެނީ ކީއްވެބާ އޭ؟ މާލެއާ ހުޅުލެއާ ދެމެދު ބްރިޖެއް އަޅައި ތަހުޒީބުގެ އާ ޒަމާނެެއް ގެނެސްދެއްވަން އުޅުއްވަނީ ކީއްވެގެން ބާ އޭ؟ މި ސަރަހައްދުގެ މައި އެއާޕޯޓަކަށް މި ގައުމުގެ އެއާޕޯޓް ހައްދަވަން މަސައްކަތް ކުރައްވަނީ ކީއްވެގެން ބާ އޭ؟ އައި ހެވަން މަސައްކަތް ކުރައްވަނީ ކީއްވެތޯ އޭ؟ ރާއްޖޭން ތެޔޮ ހޯދަން ގޮންޖެހުން ބޮޑު މަސައްކަތެއް ކޮށްދެއްވަނީ ކީއްވެގެން ބާ އޭ؟" ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ ރައީސް ޔާމީން ގޮވާންކުރާ ބިޔަ މަޝްރޫއުތަކުގައި މޭވާ އަޅާތަން ފެންނާނީ ޒުވާނުންނަށް ކަމަށެވެ.

"އެ ދުވަަހަކުން ރައީސް ޔާމީނަށް ދިވެހިން ސެލިއުޓް ކުރާނެ. އަޅުގަނޑުގެ ހަނދާނަށް ވަނީ ޒުވާނުންނާ ބައްދަލުވާއިރު ރައީސް ދެއްވާ ލަފައެއް، އެއީ ދިރުމެއް ވާނަމަ އުންމީދެއް ވާނޭ. މި ބަސްކޮޅު. ދިވެހި ޒުވާނުން ވާނީ ދިވެހިންގެ އުންމީދަށް،" ސައީދު ވިދާޅުވި އެވެ.