ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

ވެކްސިން ފުރިހަމަ ކުރި މީހުންގެ އަދަދު ދެލައްކައަށް

Jul 8, 2021

ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ރާއްޖޭގައި ކުރިއަށް ދާއިރު މިހާތަނަށް 200،000 ވުރެ ގިނަ މީހުން ދެވަނަ ޑޯޒް ޖަހާ ވެކްސިން ފުރިހަމަ ކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން ބުނީ އަންގާރަ ދުވަހު އެކަނިވެސް 6،461 މީހަކު ދެވަނަ ޑޯޒް ޖަހާފައިވާ ކަމަށެވެ. އެއީ އަތޮޅުތަކުން ވެކްސިން ދިން 1،410 މީހަކާއި މާލެއިން ވެކްސިން ދިން 5،051 މީހެކެވެ. މިހާތަނަށް 206،245 މީހަކު ވަނީ ވެކްސިން ފުރިހަމަ ކޮށްފައެވެ.

މިހާރު ވެސް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުން ކުރިއަށް ގެންދެއެވެ. އަންގާރަ ދުވަހު ވަނީ 213 މީހަކަށް ފުރަތަމަ ޑޯޒް ދީފައިވެއެވެ. މިހާތަނަށް ރާއްޖެއިން 317،762 މީހަކަށް ވެކްސިން ދީފައިވެެއެވެ.

ދެވަނަ ޑޯޒް ޖަހާ ވެކްސިން ފުރިހަމަ ކުރި މީހުންގެ އަދަދު އިތުރުވަމުން ދަނީ މާޗް މަހުން ފެށިގެން މެދުކެނޑިފައި އޮތް ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ޖަހަން ފެށުމުންނެވެ. ކޮވިޝީލްޑްގެ އާ ސްޓޮކެއް ތިން މަސް ލިބި ވެކްސިން ޖަހައި ދޭން ފެށީ މީގެ ދެ ތިން ދުވަސް ކުރީންނެވެ. ކޮވިޝީލްޑް ވެކްސިން މިހާރު ޖަހައި ދެނީ ދެވަނަ ޑޯޒް ޖަހަން ޖެހޭ މީހުންނަށް އެކަންޏެވެ. އެ ވެކްސިން ޖަހައިދެނީ ވެސް އެޕޮއިންޓްމަންޓް އުސޫލުންނެވެ.

މީގެ އިތުރުން މިއަދުން ފެށިގެން ވެކްސިން ފުރިހަމަކުރިތާ 14 ދުވަސްވީ މީހުންނަށް ކަރަންޓީނާއި ނުލައި ދަތުރުވެސް ކުރެވޭނެ އެވެ. އެ ހުއްދަ އެޗްޕީއޭ އިން ދީ އެކަން އިއްޔެ ވަނީ އިއުލާނު ކޮށްފަ އެވެ.