ދުބާއީ ޖަބަލް އަލީ ބަނދަރުގައި ކެމިކަލް ކޮންޓެއިނާއެއް ގޮވައިފި އެވެ. ސިވިލް ޑިފެންސް ޓީމުން ބުނީ އެ ހާދިސާ ހިނގާފައި ވަނީ ބަނދަރު ބޭރުގައި އޮތް މުދާ އުފުލާ ބޯޓެއްގައި ކަމަށެވެ.
ކެމިކަލް ކޮންޓެއިނާ ގޮވުމުގެ ސަބަބުން އެ ހިސާބަށް އެރި ގުޑުން ދުބާއީގެ ބޮޑު ބަޔަކަށް އިހުސާސްވި ކަމަށް ޚަބަރުތައް ބުނެ އެވެ. މަންޒަރު ދުށް މީހުން ބުނީ ފުރަތަމަ އިވުނީ ބާރު ގަދަ އަޑުފަށްގަނޑެއް ކަމަށާއި ބިޔަ އަލިފާންގުޅައެއް ވައިގެ ތެރެއަށް އަރައިގެން ދިއަ ކަމަށެވެ.
ބަނދަރު ސަރަހައްދުގައި ހޮޓާތަކުގައި ތިބި މީހުން ބުނީ އިމާރާތުގެ ކުޑަދޮރުތަކަށް ގުޑުންއެރި ކަމަށާއި އިވުނު ގަދަ އަޑެއްގެ ސަބަބުން ހިތުގެ ވިންދު ވެސް އޮޅުނު ކަމަށެވެ.
ދުބާއީ މީޑިއާ އޮފިހުން ފުރަތަމަ ބުނި ގޮތުން ކޮންޓެއިނާގައި އަލިފާން ރޯވެ ގޮވަން މެދުވެރި ސަބަަބަކީ މޫސުމީ ހޫނު މާގަދަވުމެވެ. ކޮންޓެއިނާތައް އެކަތި އަނެކަތީގައި ކޭއްތި ކަނިކަނޑައިގެން ގޮސް ހުޅުރޯވީ އެވެ. ކޮންޓެއިނާ ގޮވަން މެދުވެރިވި އަސްލު ސަބަބު އަދި ނޭނގެ އެވެ.
އިމާޖެންސީ ޓީމުތަކުން ވަރަށް އަވަހަށް ހަރަކާތްތެރިވި ކަމަށް ބަނދަރުގައި ތިބި މީހުން އަލްއަރަބިއާ ނޫހަށް ކިޔައިދިނެވެ. ސިވިލް ޑިފެންސް ޓީމުން ބުނީ އެއްވެސް މީހަކަށް ގެއްލުމެއް ނުވާ ކަމަށާއި އަލިފާނގަޑު މުޅިން ކޮންޓްރޯލްކުރެވިފައިވާ ކަމަށެވެ.
ދުބާއީ ޖަބަލް އަލީ ފްރީ ޒޯނަކީ ބައިބޯ ސަރަހައްދެކެވެ. އިގުދިތިސޯދީ ގޮތުން މުޅި ދުނިޔެއަށް ހުޅުވާލާފައި އޮންނަ ދުބާއީގައި ޖަބަލް އަލީ ބަނދަރަށް ސަރުކާރުން ޚާއްސަ އިނާޔަތްތައް ދީފައި ވެސް ހުރެ އެވެ.