ދުބާއީގައި ފަޔާ ފައިޓަރުން ޑްރޯން ބޭނުންކުރަން ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ޖެނެރަލް ސިވިލް އޭވިއޭޝަން އިން ހުއްދަ ދީފި އެވެ.
ސިވިލް އޭވިއޭޝަނުން ބަޔާނެއްގައި ބުނެފައިވާ ގޮތުން 180 ޑްރޯނަކަށް ވަނީ ހުއްދަ ދީފައެވެ. ބަޔާނުގައި އަދި ބުނެފައިވާ ގޮތުން ޑްރޯންތައް ބޭނުންކުރެވޭނީ އަލިފާން ނިއްވާ މީހުންނަށް ވާސިލްވެވޭނެ ގޮތެއް ނެތް ތަންތަނަށް އެހީ ފޯރުކޮށް ދިނުމަށެވެ.
އުސް އިމާރާތްތަކަށާއި ހެލިފެލިވެ އުޅެން ދަތި ޖާގަތަކުން އަލިފާން ނިއްވުމަށް އަދި ނުރައްކާތެރި ކެމިކަލާއި މައުދަން ގުދަންކުރާ ހަރުގެތަކުން އަލިފާން ނިއްވަން ވެސް ޑްރޯން ބޭނުންކުރެވޭނެ އެވެ.
ޔޫއޭއީ ޖެނެރަލް ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނާ ގޮތުން އަލިފާން ނިއްވަން ޑްރޯން ބޭނުންކުރަން ފެށުމުން މަސައްކަތްތައް އަވަސްވެފައި ފުރާނަ ސަލާމާތްކުރަން ކުރެވޭ މަސައްކަތްތައް ހަލުއިވާނެ އެވެ.
ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި އާންމު ޚިދުމަތްތަކުގައި ޑްރޯން ބޭނުންކުރުން ވަނީ ވަރަށް ބޮޑަށް ފުޅާކޮށްފަ އެވެ. މަގުތަކުގެ ސެކިޔުރިޓީ ބެލެހެއްޓުމަށް ފުލުނުން ވެސް ޑްރޯން ބޭނުންކުރެ އެވެ. ކަސްޓަމްސްގެ އޮފިޝަލުން ކާގޯ ކޮންޓެއިނާތައް ބެލެހެއްޓުމަށާއި ސިއްހީ އެހީތެރިން ވެސް ޑްރޯން ބޭނުންކުރެ އެވެ.
ސިވިލް އޭވިއޭޝަންގެ އޮފިޝަލުން ބުނާ ގޮތުން ޑްރޯން ޕައިލެޓުންނަށް ހުއްދަދޭ އުސޫލުތައް ހަރުކަށި ނަމަވެސް 20،000 ޑްރޯން ޕައިލެޓުންނަށް ވަނީ ހުއްދަ ދެވިފަ އެވެ. އުސޫލުތައް ހަރުކަށިކުރަން ޖެހޭ ސަބަބެއް ކަމަށް އޮފިޝަލުން ބުނީ ޑްރޯން ބޭނުންކޮށްގެން ޓެރަރިސްޓް ހަމައެއް ދީފާނެތީ ކަމަށެވެ.
ޔަމަނުގައި ވަކި ސަރުކާރެއް އުފައްދަން ހަނގުރާމަކުރާ ހޫތީ ޖަމާއަތުން ޑްރޯން ބޭނުންކޮށްގެން ސައޫދީ އަރަބިއްޔާއަށް ހަމަލާދިނުމަކީ އާންމު ކަމެކެވެ.
ޔޫއޭއީގެ އަބޫދާބީއަށް ވެސް ހޫތީ ޑްރޯންތަކުން ހަމަލާދީ ވަނީ ތެޔޮ ޓޭންކަރެއްގައި ރޯކޮށްލާފަ އެވެ. މިހަމަލާގައި ތިން މީހަކު މަރުވެ އެތައް ބަޔަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން ވެސް ވަނީ ބުނެފަ އެވެ.