ދުނިޔެ

އުރުދުޣާން ދެދުވަހަށް ޔޫއޭއީއަށް

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން މިއަދު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ވަޑައިގަންނަވާނެ އެވެ.

މިއީ އަބޫދާބީގެ ވަލިއަހުދު ޝެއިޚް މުހައްމަދު ބިން ޒައިދު އައްނަހްޔާންގެ ދައުވަތަކަށް ކުރައްވާ ދެދުވަހުގެ ރަސްމީ ދަތުރެކެވެ.

އުރުދުޣާން މިދަތުރުގައި ޕްރިންސްއާ ވަކިން ބައްދަލު ކުރައްވައި ދެގައުމުގެ ގުޅުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ އެވެ. ޚަބަރުތައް ބުނާ ގޮތުން ތުރުކީ އާއި ޔޫއޭއީ އެއްބަސްވުންތަކެއްގައި ސޮއިކުރާނެ އެވެ.

ދެލީޑަރުންގެ އެޖެންޑާގައި ހުރި އައިޓަމްތަކުގެ ތެރޭގައި ސަރަހައްދީ މަސްލަހަތާ ބެހޭ ގޮތުން މަޝްވަރާ ކުރުމާއި މެދުއިރުމަތީ އަރަބި އެކުވެރި ގައުމުތަކުގެ މެދުގައި އިގުތިސޯދީ ގޮތުން މިނިވަން އެއްބާރުލުމެއް އުފެއްދުމާ ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާ ކުރައްވާނެ އެވެ.

މެދުއިރުމަތީ އަރަބި ގައުމުތައް ވިޔަފާރި އެއްބަސްވުމަކުން ގުޅުވާލުމަކީ ޔޫއޭއީ ގެންގުޅޭ ތަސައްވުރެކެވެ. މަޝްރަހު މިހާރު ފެންނަ ގޮތުން މިއެއްބާރުލުމުގައި ތުރުކީ އާއި ޕާކިސްތާން އަދި ޔޫނިސްއަށް ވެސް ފުރުސަތު ފަހިވެގެން ދާނެ ކަމަށް ބެލެވެ އެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އިގުތިސޯދީ ވިޔަފާރި ތަސައްވުރަކީ މެދުއިރުމަތީ އަރަބި ގައުމުތައް ނޫނަސް، އިސްލާމީ ކުދި ގައުމުތަކަށް ވެސް އޮތް ފުރުސަތެކެވެ. ދުބާއީ އެކްސްޕޯ 2020 ގައި ޕްރިންސް ކުރިން ދެއްކެވި ވާހަކަތަކުގައި މިފަދައިން ވަނީ ބަސްވިދާޅުވެފަ އެވެ.

ތުރުކީ ގޮވައިގެން އުރުދުޣާން މިހާރު އަރަބި ގައުމުތަކާ ގުޅުން ބަދަހި ކުރައްވާއިރު، އުރުދުޣާންގެ ވިސްނުން އޮތީ ވަރަށް ދުރަށް ފަތުރާލައްވާފަ އެވެ. އިގުތިސޯދީ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވުމާއި އަސްކަރީ ގޮތުން އަދި އޭވިއޭޝަނާއި ހަތިޔާރު އުފެއްދުން ފަދަ ސިނާޔަތްތަކުން ވެސް ތުރުކީ ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފަ އެވެ.

އުރުދުޣާން އާއި ޕްރިންސް ދުނިޔޭގެ މަޝްރަހަށް ވެސް އަލިއަޅުއްވާ ލައްވާނެ އެވެ.

ރަޝިއާ އާއި ޔުކްރޭން މަސްލަހަތު ނުވެ ދިގުލައިގެން ދާންވެއްޖެ ނަމަ ގައުމުތަކަށް އަދި އިންސާނިއްޔަތަށް ލިބިދާނެ ގެއްލުމަކަށް ހޭވެރިވުމާ މެދު ދެލީޑަރުން މަޝްވަރާ ކުރައްވާނެ އެވެ.

ތުރުކީ އާއި ޔޫއޭއީ ސޮއިކުރާ އެއްބަސްވުން ތަކުގެ ތެރޭގައި އިންވެސްޓްކުރުމާއި ޑިފެންސް، ދަތުރުފަތުރާއި ދަނޑުވެރިކަން އަދި ސިއްހަތާއި މީޑިއާ ހިމެނެ އެވެ.