މާލޭ ސިޓީ ކައުންސިލް

މިހާރު ދޭގޮތަށް އަބަދު ހުޅުމާލޭގައި ހިދުމަތް ނުދެވޭނެ: މުއިއްޒު

ހުޅުމާލޭގެ މުނިސިޕަލް ހިދުމަތް މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލު ނުވާނަމަ މިހާރު އެ ހިދުމަތްދޭ ގޮތަށް އަބަދު ހިދުމަތް ނުދެވޭނެ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އަވަސް އަށް ދެއްވި އިންޓަވިއު އެއްގައި މުއިއްޒު ވިދާޅުވީ ހުޅުމާލޭގައި މިހާރު މުނިސިޕަލް ހިދުމަތް ދެނީ ސިޓީ ކައުންސިލުން އާދަޔާ ހިލާފު ހިތްވަރެއް ލައިގެން ކަމަށެވެ. އެ މަސައްކަތުގައި ހުޅުމާލޭގެ ކައުންސިލަރު އިބްރާހީމް ޝުޖާއު ވަރަށް ގިނަ މަސައްކަތް ކުރައްވާ ކަމުގައި ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ހަމަ ހިތްވަރު ކޮށްގެން [ހުޅުމާލޭގެ މުނިސިޕަލް ހިދުމަތް] މި މެނޭޖު ކުރަނީ. ސުޖާ ހަމަ ވަރަށް މަސައްކަތް އެބަ ކުރައްވާ އަޅުގަނޑުމެންނަށް އަދި މުނިސިޕަލް ކަންކަން ބަދަލު ނުވިޔަސް އެތަނުގައި އެޗްޑީސީގެ ތެރޭގައި ހަމަ ކޮންމެ ދުވަހަކުހެން ގޮސް އެމީހުންނާ ބައްދަލު ކޮށްގެން ކަންކަން އަޅުގަނޑުމެން އެދޭ ގޮތަށް ވޭތޯ އިނގޭތޯ،" ހުޅުމާލެއަށް ހިދުމަތް ދިނުމަށް މަސައްކަތް ކުރައްވާ ގޮތް ހިއްސާ ކުރައްވަމުން ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ހުޅުމާލޭގެ މުނިސިޕަލް ހިދުމަތް ސިޓީ ކައުންސިލްގެ ދަށަށް ބަދަލުވުން ލަސްވާ ނަމަ މިހާރު ހިދުމަތް ދެމުންދާ ގޮތަށް އުނދަގުލުގައި އަބަދު އެ ހިދުމަތް ނުދެވޭނެ އެވެ. އެހެންކަމުން ހުޅުމާލޭގެ މުނިސިޕަލް ހިދުމަތް އަވަހަށް ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރަން ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.

ހުޅުމާލޭގެ މުނިސިޕަލް ހިދުމަތް ކައުންސިލާ ހަވާލުވުން ލަސްވަނީ ބަޖެޓުގެ މައްސަލަތަކެއް އުޅޭތީ ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ވެސް މުއިއްޒު ވިދާޅުވި އެވެ. އެކަމަކު އަންނަ އަހަރުގެ ބަޖެޓު ހުރިހާ އޮފީސްތަކާއި ކުންފުނިތަކުން މިހާރު ހަދަމުންދާތީވެ، މި އަހަރުގެ ފަހުކޮޅު ހުޅުމާލޭގެ މުނިސިޕަލް ހިދުމަތް އެއްކޮށް ކައުންސިލަށް ބަދަލުވާނެ ކަމަށް ވަރަށް ބޮޑަށް އުއްމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ ހުޅުމާލޭގެ މުނިސިޕަލް ހިދުމަތް ކައުންސިލްގެ ދަށަށް ބަދަލު ކުރުން ލަސްވަނީ ހަމައެކަނި އެޗްޑީސީގެ މައްސަލަ އަކުން ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާ އެކަމުގައި ސަރުކާރުގެ ތެރެއިން ނިންމަންޖެހޭ ކަންތައްތަކެއް ހުންނާނެ ކަމަށެވެ.

"އަޅުގަނޑު ގާތުގައި ރައީސް ވެސް ވިދާޅުވި މުނިސިޕަލް ހިދުމަތް ބަދަލު ކުރަން އެމަނިކުފާނު ވެސް ބޭނުންވާ ކަމަށް އަޅުގަނޑުމެންގެ ދަށަށް. އެއީ ގާނޫނުގައި ވެސް އޮންނަ ކަމެއް،" މުއިއްޒު ވިދާޅުވި އެވެ.

ހުޅުމާލޭގެ މުނިސިޕަލް ހިދުމަތް ކައުންސިލަށް ބަދަލު ކުރާއިރު އެކަން ކުރަންވާނީ އެޗްޑީސީގައި މުނިސިޕަލް ހިދުމަތަށް މިހާރު ބޭނުންކުރާ ބަޖެޓާއި އެކަމުގައި އުޅޭ މުވައްޒިފުންނާއެކު ކަމަށްވެސް ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.