މިނިސްޓްރީ އޮފް އެޑިއުކޭޝަން

މަތީ ގްރޭޑްތަކުގެ ފޮތްބައި ޑިޖިޓަލް ކުރަނީ

އަންނަ އޯގަސްޓު މަހުގައި މި އަހަރުގެ ދިރާސީ އާ އަހަރު ފަށާއިރުގައި ގްރޭޑް ނުވަޔަކުން ފެށިގެން މަތީގެ ކުލާސްތަކަށް ކިޔަވައި ދޭނީ ޑިޖިޓަލް ފޮތްތަކުގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެޑިއުކޭޝަން މިނިސްޓރްީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދު އަވަސް އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ މަތީ ގްރޭޑްތަކުގެ ދަރިވަރުންގެ ފޮތް ބަޔަކީ ބަރު ފޮތްތަކަކަށް ވުމުން އެ ކުދިން ފޮތްތައް ހަމައަށް ސްކޫލަށް ނުގެންދާ ކަމަށެވެ. ޑިޖިޓަލް ފޮތްބައި މެދުވެރިކޮށް ކިޔަވއިދޭން ނިންމުމުން ކުދިންނަށް ލުޔެއް ލިބޭނެ ކަމަށެވެ.

އެގޮތުން ގްރޭޑް ނުވަޔަކުން މަތީގެ ދަރިވަރުން ކިޔަވަން ބޭނުންކުރާނީ ޓެބްލެޓް ފަދަ ވަސީލަތެކެވެ. ކިޔަވަން ބޭނުންކުރާ ޕްލެޓްފޯމްގައި ދަރިވަރުން ކިޔަވާ މާއްދާތަކުގެ ކޮންޓެންޓް ހިމަނާނެ އެވެ.

ކެމްބްރިޖް އޯލެވެލް ހަދާ ދަރިވަރުން ޑިޖިޓަލް ޓެކްސްޓް ފޮތްތައް ބޭނުން ކުރަން ކޮންމެ ދަރިވަރަކަށް ވެސް ކެމްބްރިޖް ލޮގިންއިންއެއް އެޑިއުކޭޝަނުން ދޭނެ އެވެ. އަދި އޭލެވެލް ހަދާ ދަރިވަރުންނަށް ވެސް ޕިއާސަންގެ ލޮގިންއެއް ދޭނެ އެވެ. ފޮތްތައް ޑިޖިޓަލައިޒް ކުރި ނަމަވެސް ޗާޕު ފޮތްތައް ސްކޫލްތަކުގެ ލައިބްރަރީގައި ހުންނާނެ އެވެ. އަދި ދަރިވަރުންނަށް އެ ފޮތްތައް ބޭނުން ކުރެވޭނެ އެވެ.

ރަޝީދު ވިދާޅުވީ ރާއްޖޭގެ ލޯކަލް މާއްދާތައް ކަމަށްވާ ދިވެހި އިސްލާމް ފޮތްތައް ވެސް ޑިޖިޓަލް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަން ވެސް ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މީގެ ކުރިން ވިދާޅުވެފައި ވަނީ ރާއްޖޭގެ ފަންސާހަކަށް ސްކޫލުގައި ދަރިވަރުނަށް ޓެކްސްޓް ފޮތްތައް ޑިޖިޓަލައިޒް ކޮށްގެން ކިޔަވައިދެމުން އަންނަކަމަށާއި މިނިސްޓްރީގެ އަމާޒަކީ ކިޔަވައިދިނުމުގެ އެކި އުކުޅުތައް ބޭނުން ކޮށްގެން ދަރިވަރުންނަށް ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށް ދިނުންކަމަށެވެ.

ސްކޫލްތަކުގައި ކިޔަވައިދިނުން ޑިޖިޓަލައިޒް ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޓެބްލެޓް މެދުވެރިކޮށް މިހާރު ވެސް އަންނަނީ ކިޔަވައިދެމުންނެވެ. ގްރޭޑް ތިނަކުން މަތީގެ ދަރިވަރުންނަށް ސަރުކާރުން ޓެބްލެޓް ފޯރުކޮށްދީފައިވާއިރު ޓެބްލެޓް ނެތް ދަރިވަރުންނަށް ޓެބްލެޓް ފޯރު ކޮށްދިނުމުގެ މަސައްކަތް ވެސް ސަރުކާރުން ދަނީ ކުރަމުން ނެވެ.