ވިޔަފާރި

"މާލީ އިދާރާތައް ރާއްޖެއާމެދު މިހާރު ދެކެނީ ޕޮޒިޓިވްކޮށް"

Nov 18, 2015

ދުނިޔޭގެ ބޮޑެތި މާލީ އިދާރާތަކުން ރާއްޖެއާމެދު މިހާރު ދެކެނީ ވަރަށް ޕޮޒިޓިވް ގޮތެއްގައި ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެންމެ ބޮޑަށް އަވަސްވެގަތީ ރާއްޖެއާ މެދު މާލީ އިދާރާތަކުން ދެކޭ ގޮތް ބަދަލު ކުރުމަށް ކަމަށެވެ.

"ރައީސް ޔާމީން ވެރިކަމާ ހަވާލުވިރު ހަގީގަތުގައި ބޭރު ދުނިޔޭގެ، އިންވެސްޓްކުރާ ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް މާޔޫސްވެފައި. އެއީ ސިޔާސީ އެތައް ކަމެއްގެ ތެރެއިން ރާއްޖެއަށް އައި ނިކަމަތި ކަމެއް ކަމަށްވަނީ. ރައީސް ހަވާލުވުމަށްފަހު އިންވެސްޓާ ކޮންފިޑެންސް ގެނައުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއްވި،" ސައީދު ވިދާޅުވި އެވެ.

"އޭގެ ތެރޭގައި ރާއްޖެއާ ދޭތެރޭ ބޭރުގެ ގައުމުތަކާއި ބޭރުގެ މާލީ ވުޒާރާތަކުން ދެކެމުން ދިޔަ ގޮތްގޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވަނީ ބަދަލުވެފަ. އެކަން ވަރަށް ބޮޑަށް ފާހަގަ ކުރެވޭ،" ސަރުކާރަށް ދެ އަހަރު ފުރުމުގެ ގޮތުން ޓީވީއެމް އަށް ދެއްވި އިންޓަވިއުއެއްގައި ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާއި ވޯލްޑް ބޭންކް ފަދަ މާލީ މުވައްސަސާތަކުން ރާއްޖެއާ މެދު ދެކޭގޮތް ބަދަލުވެފައިވާ ކަމަށެވެ.

"އޭރު ޝާއިރުކުރި ރިޕޯޓްތަކާއި މިހާރު ޝާއިރުކުރި ރިޕޯޓްތަކާ ބަލާއިރު ރަނގަޅު ކުރިއެރުންތަކެއް އައިސްފައިވާތަން ފާހަގަ ކޮށްފައިވޭ. މިސާލަކަށް ރާއްޖޭގެ މާލީ ސިޔާސަތުތަކަށް ގެނެވުނު ބަދަލުތަކުގެ ސަބަބުން މެކްރޯ އިންޑިކޭޓާސްތަކަށް ގެނެވުނު ބަދަލުތަކުގެ ސަބަބުން ޑޮލަރުގެ ބާޒާރު ރާއްޖޭގެ ޓޫރިޒަމަށް ގެއްލުން ނުވާފަދަ އިންތިޒާމު ތަކެއް ވަނީ ހަމަޖެއްސިފަ،" ސައީދު ވިދާޅުވި އެވެ.