ޗައިނާ އާއި ރާއްޖެއާ ދެމެދު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން (އެފްޓީއޭ)އަށް އަމަލުކުރަން ފެށުމާއެކު ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރި އެއްބިލިއަން ޑޮލަރަށް އިތުރުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ރާއްޖެއާއި ޗައިނާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއި ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2014 ވަނަ އަހަރު އެވެ. މި އެއްބަސްވުމަށް އަމަލުކުރުމަށް 2017 ވަނަ އަހަރު އޮތީ މަޖިލީހުން ރުހުންވެސް ދީފަ އެވެ. ނަމަވެސް 2018 ވަނަ އަހަރު ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު މި އެއްބަސްވުމަށް އަމަލުކޮށްފައެއް ނުވެ އެވެ.
ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން އިކޮނިމިކް މިނިސްޓަރު ސައީދު ވިދާޅުވީ ކުރިއަށް އޮތް ޖެނުއަރީ މަހުގެ އެއްވަނަ ދުވަހު މި އެއްބަސްވުމަށް އަމަލުކުރަން ފަށާނެ ކަމަށެވެ.
ޗައިނާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް އަމަލުކުރަން ފަށައިފިނަމަ ރާއްޖެއަށް ލިބޭނެ ގެއްލުންތަކެއް ހުރި ކަމަށް ބުނެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާތީ އެކަމަށް އިޝާރާތް ކުރައްވާ މިނިސްޓަރު ސައީދު ވިދާޅުވީ މި އެއްބަސްވުމަށް އަމަލުކުރަން ފެށުމާއެކު ރާއްޖެއަށް ލިބޭ ފައިދާތައް މާބޮޑޫ ކަމަށެވެ.
"މިސާލަކަށް ވީޗެޓުން ޕޭ ކުރެވޭނެ. މިހާރުވެސް ރިސޯޓްތަކާއި ސަފާރީތަކާއި ގެސްޓްހައުސްތަަކުގައި އެބަހުރި ޕީއޯއެސް ވީޗެޓުން ޕޭ ކުރެވޭ. ވަރަށް ބޮޑު ލުޔެއް ހަގީގަތުގައި ލިބިގެން މިދަނީ. މީގެއިތުރުން އެބޭފުުޅުންގެ އަމިއްލަ ފައިސާއިން އަގު ދެއްކުމަށްވެސް މީގެ ސަބަބުން މަގުފަހިވެގެންދާނެ،" ސައީދު ވިދާޅުވި އެވެ.
ކަމާ ގުޅޭ އިދާރާތަކުގެ ތަފާސްހިސާބަށް ބަލާއިރު ރާއްޖެއާއި ޗައިނާއާ ދެމެދު މިހާރު އަހަރެއްގެ މައްޗަށް ކުރަނީ 700 މިލިއަން ޑޮލަރުގެ ވިޔަފާރި އެެވެ.
ރާއްޖެއާއި ޗައިނާއާ ދެމެދު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފެށި ނަމަވެސް ދިވެހި ވިޔަފާރިވެރިން ޗައިނާގެ ބޮޑެތި ކުންފުނިތަކާ ވާދަކުރަން ނުޖެހޭ ގޮތަށް އެއްބަސްވުމުގައިމާއްދާތައް ހިމަނާފައިވާތީ މި އެއްބަސްވުމާ ގުޅިގެން ދިވެހި ވިޔަފާރިވެރިންނަށް ގެއްލުމެއް ނުވާނެ ކަމުގެ ޔަގީންކަންވެސް ސައީދު ދެއްވި އެވެ.