ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހަަމަލާ ދިނުމަށް ފުރުސަތު ލިބިފައިވަނީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިހްމާލުވުމުން ކަމަށް ހާމަވާ މައުލޫމާތުތަކެއް މަޖިލީހުގެ އިންކުއަރީ ރިޕޯޓްގައި ފެންމަތިކޮށްފި އެވެ.
މެއި ހައެއްގެ އިންކުއަރީ ރިޕޯޓް އެކުލަވާލައި އާންމުކުރުމުގެ ކުރިން އެ އިންކުއަރީ ކުރިއަށް ގެންދިޔަ މަޖިލީހުގެ 241 ކޮމިޓީއަށް މިނިސްޓަރު އިމްރާނާއި މިނިސްޓަރު މާރިޔާ ހާޒިރުކޮށް ސުވާލުކޮށްފައިވެ އެވެ.
މިއަދު ހަވީރު ނެރުނު މެއި ހައެއްގެ އިންކުއަރީ ރިޕޯޓުގައި ޑިފެންސް މިނިސްޓަރު މާރިޔާގެ އިހްމާލު އޮތް ކަން އެންމެ ބޮޑަށް ފާހަގަކޮށްފައިވަނީ ބަޔަކަށް ފައިސާ ދީގެން ރައީސް ނަޝީދަށް ހަމަލާ ދޭން އުޅޭ ކަމަށް ވިދާޅުވެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، މިނިސްޓަރު މާރިޔާއާ ހިއްސާ ކުރި މައުލޫމާތާ ގުޅުވައިގެންނެވެ. މީގެ މައުލޫމާތު މި ދެ ބޭފުޅުން މީގެކުރިން ވަނީ މީޑިއާގައި ހިއްސާވެސް ކުރައްވާފައިވެ އެވެ.
މީގެއިތުރުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިހްމާލުގެ ގޮތުގައި ފާހަގަކޮށްފައިވަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުން ލާޒިމުކުރާ މަސައްކަތްތައް ފުރިހަމަކޮށްފައި ނުވުމެވެ.
އިލްޔާސް ހިއްސާކުރެއްވި މައުލޫމާތު މާރިޔާ ސިއްރުކުރުން
އިންކުއަރީ ރިޕޯޓުން އެނގޭ ގޮތުގައި މެންބަރު އިލްޔާސް އަށް ލިބިވަޑައިގެންނެވި މައުލޫމާތެއް ހިއްސާކުރެއްވުމަށް މިނިސްޓަރު މާރިޔާ އަށް ގުޅުއްވާފައިވަނީ މިދިޔަ މެއި މަހުގެ ތިންވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގަ އެވެ. މިނިސްޓަރު މާރިޔާ އަށް އިލްޔާސް ގުޅުއްވީ އޭނާ އަށް ލިބުނު މައުލޫމާތު ރައީސް ނަޝީދާ ހިއްސާކުރެއްވުމުން އެ މައުލޫމާތު މާރިޔާއާ ހިއްސާކުރެއްވުމަށް ރައީސް ނަޝީދު، އިލްޔާސް އަށް އެންގެވުމާ ގުޅިގެންނެވެ. ރައީސް ނަޝީދަށް އިލްޔާސް އެ މައުލޫމާތު ހިއްސާކުރައްވާފައިވަނީ މެއި ތިންވަނަ ދުވަހު ރައީސް ނަޝީދާ ބައްދަލުކުރެއްވުމަށްފަހު އެވެ.
ރައީސް ނަޝީދުގެ އެދިވަޑައިގަތުމަކަށް މެއި ތިންވަނަ ދުވަހު އިލްޔާސް ގުޅުއްވުމުން މާރިޔާ އެރޭ އެ ފޯނަށް ޖަވާބު ދެއްވާފައެއް ނުވެ އެވެ. އެކަމަކު މެއި ހަތަރު ވަނަ ދުވަހު މިނިސްޓަރު މާރިޔާ، އިލްޔާސް އަށް ގުޅުއްވުމުން އޭނާ ވަނީ ލިބިވަޑައިގެންނެވި މައުލޫމާތު މިނިސްޓަރު މާރިޔާއާ ހިއްސާކުރައްވާފަ އެވެ. އެގޮތުން ބަޔަކަށް ތިން މިލިއަން ޑޮލަރު ދީގެން ރައީސް ނަޝީދު އަވަހާރަކޮށްލަން އުޅޭ ކަމުގެ މައުލޫމާތު އެ ފޯން ކޯލްގައި އިލްޔާސް ވިދާޅުވެފައިވެ އެވެ.
އިލްޔާސް ލަބީބް ވިދާޅުވީ ތިން މިލިއަން ޑޮލަރު ދީގެން ރައީސް މުހައްމަދު ނަޝީދު މަރާލަން އުޅޭ ކަމުގެ ވާހަކައެއް ތިމަންނަ ކައިރީގައި މީހަކު ބުންޏޭ. ދެން އަޅުގަނޑު ދެންނެވީ ފައިސާ ދީގެން މީހަކު މެރުމަކީ ޖިނާއީ ކުށެކޭ. އެހެންވީމާ ފުލުހުންނާ ތިވާހަކަ ހިއްސާ ކުރައްވާށޭ. އެ ނިމުނީ. މާ ގިނައިރަކު ދެއްކެވި ވާހަކައެއް ނޫން. ހަމަ ވަރަށް ސިމްޕަލްކޮށް މިހެން ވިދާޅުވެފައި ދެން ބޭއްވެވީ. ދެން މައުލޫމާތު ފޯރުކޮށްދެއްވައްޗޭ. އިތުރު ފޯނު ކޯލެއް، އެއްޗެއްގެ ވާހަކައެއް، ގުޅޭނެ ގޮތެއް އެކަހަލަ އެއްޗެއް ފޯރުކޮށްދޭށޭ އަޅުގަނޑު ދެންނެވީމަ ދެންނެވީ އެ ވާހަކަ އަށް އާނ. ބަލާނަމޭ ވިދާޅުވެފައި ބޭއްވެވީ. އެކަމަކު ރައީސް އަށް ބަލައްޗޭ ވިދާޅުވިީ، އެންމެ ފަހުންވެސް. އެއީ އަޅުގަނޑު ހަނދާން ހުންނަ ގޮތަކީމާރިޔާ އަހްމަދު ދީދީ | ޑިފެންސް މިނިސްޓަރު
މާރިޔާގެ އެންމެ ބޮޑު އިހްމާލުގެ ގޮތުގައި އިންކުއަރީ ރިޕޯޓްގައި ފާހަގަކޮށްފައިވަނީ މެންބަރު އިލްޔާސް ހުށަހެޅުއްވި މައުލޫމާތު އެއްވެސް ފަރާތަކާ ހިއްސާނުކުރުމެވެ. ކޮމިޓީއަށް ހާޒިރު ކުރި ސިފައިންގެ އިސްވެރިންގެ ތެރެއިން ޗީފް އޮފް ޑިފެންސް ފޯސްއާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން އެސްޕީޖީ ކޮމާންޑަރާއި ޑިފެންސް އިންޓެލިޖެންސް ސާވިސްގެ ފަރާތުން ވެސް، މިނިސްޓަރު މާރިޔާ އަށް ލިބުނު މައުލޫމާތު ހިއްސާކުރައްވާފައި ނުވާ ކަމަށް ބުނެފައިވެ އެވެ. މިނިސްޓަރު މާރިޔާ އެގޮތަށް އަމަލުކުރީ އެއީ "މައުލޫމާތު" ނޫން ކަމަށް ވާތީ ކަމަށް އެކަމަނާ އިންކުއަރީ އަށް ވިދާޅުވެފައިވެ އެވެ.
ހުޅުދޫ ދާއިރާގެ އިއްޒަތްތެރި މެންބަރުގެ ފަރާތުން އަޅުގަނޑަށް ލިބުނީ ފޯން ކޯލެއް. މައުލޫމާތެއް ނޫން. އެއީ މައުލޫމާތެއް ކަމަށް އަޅުގަނޑު ބަލަނީ މީހެއްގެ ނަމެއް ނުވަަތަ ފޮލޯ ކުރެވޭނެ ކޮންމެވެސް ގޮތެއް އަޅުގަނޑަށް ފޯރުކޮށްދެއްވި ކަމަށް ވަންޏާމާރިޔާ އަހްމަދު ދީދީ | ޑިފެންސް މިނިސްޓަރު
މިނިސްޓަރު މާރިޔާ އަށް ލިބިވަޑައިގެންނެވި މައުލޫމާތަކީ "މައުލޫމާތު" ކަމަށް މިނިސްޓަރު މާރިޔާ ގަބޫލުނުކުރެއްވި ނަމަވެސް ރިޕޯޓްގައި ބުނެފައިވަނީ އެއީ މުހިއްމު މައުލޫމާތުތަކެއް ކަމަށެވެ. އެ މައުލޫމާތުތަކަކީ އެމްއެންޑީއެފްގެ ކަމާ ބެހޭ ފަރާތްތަކާ މިނިސްޓަރު މާރިޔާ ހިއްސާކުރައްވައި އެކަމާ ގުޅިގެން އެމްއެންޑީއެފުން ފިޔަވަޅުތަކެއް އަޅަންޖެހޭނެ ފަދަ މައުލޫމާތުތަކެއް ކަމަށް އިންކުއަރީއަށް ގަބޫލުކުރެވޭ ކަމަށް ފާހަގަކޮށްފައިވެ އެވެ.
"މެންބަރު އިލްޔާސް ލަބީބް ދެއްވި މައުލޫމާތަކީ އިންޓެލިޖެންސްގެ ގޮތުގައި ބޭނުންކުރެވޭނެ މައުލޫމާތެއް ކަން ނުވަތަ ނޫން ކަން ކަނޑައެޅޭނީ 'އިންޓެލިޖެންސް ސައިކްލް' އަށް ލުމަށްފަހުގައި ކަން ފާހަގަކުރަމެވެ" ރިޕޯޓްގައިވެ އެވެ.
އިލްޔާސް އަށް ލިބިވަޑައިގެންނެވި މައުލޫމާތު ސީދާ ފުލުހުންނާ ހިއްސާކުރެއްވުމަށް މިނިސްޓަރު މާރިޔާ، އިލްޔާސް އަށް އެންގެވި ނަމަވެސް އިލްޔާސް ވެސް އެ މައުލޫމާތު ފުލުހުންނާ ހިއްސާ ކުރައްވާފައި ނުވާ ކަން ފުލުހުންނާ ހަވާލާދީ ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. މާރިޔާ އެ މައުލޫމާތު ފުލުހުންނާ ހިއްސާ ނުކުރެއްވީ އިލްޔާސް އެ މައުލޫމާތު ފުލުހުންނާ ހިއްސާކުރައްވާފައި އޮންނާނެ ކަމަށް އެކަމަނާ އަށް ގަބޫލުކުރެވިގެން ކަމަށްވެސް ރިޕޯޓްގައި ބުނެފައިވެ އެވެ.
މެންބަރު އިލްޔާސް، މިނިސްޓަރު މާރިޔާ އަށް މައުލޫމާތު ހިއްސާ ކުރެއްވިއިރު އެމްއެންޑީއެފުން ވަނީ ރައީސް ނަޝީދަށް ނުރައްކާ އޮތް މިންވަރު "ކްރިޓިކަލް" ކަމަށް ކަނޑައަޅާފަ އެވެ. އެމްއެންޑީއެފްގެ ފަންނީ ތަޖުރިބާކާރުންނާ ހަވާލާދީ ރިޕޯޓްގައި ބުނެފައިވަނީ ކްރިޓިކަލް ކަމަށް ކަނޑައަޅާފައިވާ ފަރާތަކާ ގުޅޭގޮތުން ލިބޭ އެއްވެސް މައުލޫމާތަކީ "ޑިސްރިގާޑް" ކުރެވޭނެ ނުވަތަ އަޅާނުލައި ދޫކޮށްލެވޭނެ މައުލޫމާތެއް ނޫން ކަމަށެވެ.
މިނިސްޓަރު މާރިޔާ އަށް، މެންބަރު އިލްޔާސްގެ ފަރާތުން މައުލޫމާތު ލިބުމާ ގުޅިގެން މެއި ހަތަރުވަނަ ދުވަހު މިނިސްޓަރު މާރިޔާ ވަނީ ޗީފް އޮފް ޑިފެންސް ފޯސްއާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސްއާ ބައްދަލުކުރައްވާ ރައީސް ނަޝީދުގެ ސެކިއުރިޓީ ހަމަޖެހިފައިވާ ގޮތް ޗެކް ކުރައްވާފަ އެވެ. އެ ބައްދަލުވުމުގައި އެމްއެންޑީއެފްގެ ވެރިން ހިއްސާކުރެއްވި މައުލޫމާތުގައި ރައީސް ނަޝީދުގެ ސެކިއުރިޓީ "އެންހާންސް" ކޮށްފައި އޮތުމުން އިލްޔާސް ހިއްސާކުރެއްވި މައުލޫމާތުާ ގުޅިގެން އިތުރަށް ކުރެވޭނެ ކަމެއް ނެތުމުން އެމްއެންޑީއެފްގެ އިސްވެރިންނަށް މައުލޫމާތު ހިއްސާ ނުކުރެއްވީ ކަމަށްވެސް މާރިޔާ ވިދާޅުވެފައިވެ އެވެ.
އެބޭފުޅުން ވިދާޅުވީ؛ ސެކިއުރިޓީ އޮތީ ކްރިޓީކަލްގައި ކަން. އަދި ޗީފް ވިދާޅުވީ ސެކިއުރިޓީ އޮތީ އެންހޭންސް ކުރެވިފައި ކަމަށް. އެހެންވީމާ އަޅުގަނޑަކީ އޮޕަރޭޝަނަލް ޓެކްޓިކަލް މީހަކަށް ނުވާއިރު މި ފޯމޭޝަން، އެ ފޯމޭޝަން؛ އެ އެއްޗެހި މިހާރު ކިތަންމެ ބޮޑަކަށް އެ ބޭފުޅުން ކިޔައިދެއްވާ އަޅުގަނޑަށް. ކިޔައިދެއްވީމާ މި ދެންނެވި ގަވައިދުގައި އޮތް މިންވަރަށް އޮތްތޯ ބަލައި، އެއަށް ވުރެ އިތުރަށް ވެސް އޮތީމާ އަޅުގަނޑު އެކަމުގައި އިތުރަށް އެއްޗެއް ނުދެންނެވީމާރިޔާ އަހްމަދު ދީދީ | ޑިފެންސް މިނިސްޓަރު
އިންކުއަރީ ރިޕޯޓްގައި ބުނެފައިވަނީ މާރިޔާ އަށް ލިބުނު މައުލޫމާތު، އެމްއެންޑީއެފްގެ ކޮމާންޑް އެންޑް ކޮންޓްރޯލް ސްޓްރަކްޗާގެ ތެރެއިން ރައީސް ނަޝީދުގެ ކްލޯސް ޕްރޮޓެކްޝަން ޓީމަށް ދިންނަމަ ރައީސް ނަޝީދުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި އިތުރު ފިޔަވަޅުތަކެއް އެޅުމުގެ ފުރުސަތު އޮތީސް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
އިމްރާނަށް ގާނޫނުން ލާޒިމުކުރާ މަސައްކަތް ނިންމާފައި ނުވުން
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 19 ވަނަ މާއްދާގެ ދެވަނަ ނަންބަރުގައި ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސް އިދާރާތަކުގެ ގޮތުގައި ފަސް އިދާރާއެއް ކަނޑައަޅާފައިވެ އެވެ. އެ އިދާރާތަކަކީ އެމްއެންޑީއެފް، ޕޮލިސް، ކަސްޓަމްސް، އިމިގްރޭޝަން އަދި އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް އެވެ.
މި ފަސް އިދާރާގެ މެދުގައި އިންޓެލިޖެންސް މައުލޫމާތު ހިއްސާކުރާނެ އޮނިގަނޑެއް ނުވަތަ އުސޫލެއް ގާއިމުކުރަން ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ލާޒިމްކޮށްފައިވެ އެވެ. ގާނޫނުގެ 19 ވަނަ މާއްދާގެ ތިންވަނަ ނަންބަރުގެ (ހ)ގައިވާ ގޮތުން އެކަން ކުރައްވަންޖެހޭ ފަރާތަކީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ. އެ މާއްދާގައި ބުނެފައިވަނީ ޓެރަރިޒަމްއާ ގުޅުންހުރި އިންޓެލިޖެންސާއ މައުލޫމާތު ރައްކާތެރިކަމާ އެކު ބަދަލުކުރުމަށްޓަކައި ކަމާ ގުޅޭ އޮނިގަނޑެއް ހޯމް މިނިސްޓަރު އެކުލަވާލައި އެ އޮނިގަނޑާ އެއްގޮތަށް ޓެރަރިޒަމްއާ ގުޅޭ އިންޓެލިޖެންސާއި މައުލޫމާތު ބަދަލުކުރުމުގެ މަސައްކަތް ހިނގަމުންދާ ގޮތް ބަލައި މޮނިޓާ ކުރަމުން ގެންދަން ވާނެ ކަމަށެވެ. މީގެއިތުރުން ޓެރަރިޒަމްއާ ގުޅުންހުރި އިންޓެލިޖެންސް އިދާރާތަކުން އެއްކުރާ މައުލޫމާތު އެ އޮނިގަނޑުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފަސް އިދާރާގެ މެދުގައި ބަދަލުކުރަން ވާނެ ކަމަށްވެސް ގާނޫނުގައިވެ އެވެ.
އިންކުއަރީ ރިޕޯޓްގައިވާ ގޮތުން އިންޓެލިޖެންސް އިދާރާތަކުގެ މެދުގައި މައުލޫމާތު ބަދަލުކުރާނެ އޮނިގަނޑެއް ނެތުމުން މައުލޫމާތު ބަދަލުކުރުމުގައި އެއްވެސް ހަރުދަނާ ކަމެއް ނެތެވެ. އިދާރާތަކުން މައުލޫމާތު ބަދަލުކުރަނީ ކޮންމެ އިދާރާއެއް ވަކިން ހަދާފައިވާ އުސޫލެއްގެ ތެރެއިން އެ އިދާރާ އަކަށް ފެންނަ ގޮތަކަށެވެ.
ހޯމް މިނިސްޓަރަށް ގާނޫނުން ލާޒިމުކޮށްފައިވާ އޮނިގަނޑު އެކުލަވާލުމުގެ މަސައްކަތް، މަޖިލީހުގެ އިންކުއަރީ ރިޕޯޓް އާންމުކުރުމާ ހަމައަށް ވެސް ނިންމާފައި ނުވާ ކަންވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކޮމިޓީ އަށް ހާޒިރުކޮށް އެމަސައްކަތް ނުކުރެވި ލަސްވާ ސަބަބު ވެސް އިންކުއަރީ އަށް ވަނީ ސާފުކޮށްފަ އެވެ.
އެގޮތުން މިނިސްޓަރު އިމްރާން ވަނީ އޮނިގަނޑު އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ކޮމިޓީގައި ވިދާޅުވެފަ އެވެ. އެކަމަކު އިންޓެލިޖެންސް ބަދަލުކުރުމުގައި އިސް އިދާރާ އަކަށް ވާނެ ފަރާތަކާ މެދު ދިވެހި ފުލުހުންގެ ހިދުމަތާއި އެމްއެންޑީއެފް އަދި ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރާ ދެމެދު ބޮޑެތި ހިޔާލު ތަފާތުވުންތަކެއް ހުރި ކަން މިނިސްޓަރު އިމްރާން ވަނީ ފާހަގަކުރައްވާފަ އެވެ. އިދާރާތަކުގެ މެދުގައި ބާއްވާފައިވާ ބައްދަލުވުންތަކުގެ ލިޔެކިޔުންތަކުން އެކަން ފާހަގަކުރެވޭ ކަމަށްވެސް އިންކުއަރީ ރިޕޯޓުގައި ބުނެފައިވެ އެވެ. އެކަމަކު މިނިސްޓަރަށް ގަބޫލުކުރެއްވޭތީ އެ މަސައްކަތުގައި އިސް އިދާރާއެއްގެ ގޮތުގައި ފުލުހުންގެ އިދާރާ ކަނޑައަޅާފައިވެ އެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ލާޒިމުކުރާ އޮނިގަނޑު ހަދާފައި ނުވި ނަމަވެސް އެޓާނީ ޖެނަރަލްގެ ލަފާ ލިބިގެން ކަމާ ގުޅޭ ގަވައިދެއް ހަދައި މިއަހަރުގެ އޭޕްރީލް މަހުގެ 28 ވަނަ ދުވަހު ގަވައިދު ވަނީ ގެޒެޓްކޮށްފަ އެވެ. އެ ގަވައިދުގެ ދެވަނަ ބާބުގައި ހާއްސަކޮށްފައިވަނީ ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސާއި މައުލޫމާތު ބަދަލުކުރުމަށް ކަމަށް ބަޔާންކޮށްފައިވެ އެވެ. އަދި އެ ބާބުން ބާރު ލިބިގެން ކަމާ ގުޅޭ މުއައްސަސާ ތަކުގެ މެދުގައި އިންޓެލިޖެންސާއި މައުލޫމާތު ބަދަލުކުރުމުގެ ކަންކަން ތަންފީޒު ކުރާނެ ގޮތުގެ ޕްރޮސީޖުރަލް ފްރޭމްވާކެއްގެ ޑްރާފްޓް، އިސް އިދާރާގެ ހައިސިއްޔަތުން ފުލުހުން އެކުލަވާލާފައިވެ އެވެ. އެކަމަކު ކަމާ ގުޅޭ އިދާރާތަކުގެ މެދުގައި އެއްބަސްވުމަކަށް އާދެވިފައި ނުވާތީ އެ ފްރޭމްވާކް ވެސް ފައިނަލް ކުރެވިފައެއް ނުވެ އެވެ.
އިންކުއަރީގެ ރިޕޯޓުގައިވާ ހުށަހެޅުން
ރައީސް ނަޝީދަށް ދީފައިވާ ހަމަލާއާ ގުޅިގެން އިންކުއަރީއަށް ފާހަގަކުރެވުނު ކަންތައްތަކަށާއި ހޯދުނު ހޯދުންތަކަށް ރިއާޔަތްކޮށް އިންކުއަރީގައި މަގާމުގެ ޒިންމާ އަދާކޮށްފައި ނުވާ ކަމަށް ފާހަގަކޮށްފައިވާ ފަރާތްތަކާއި މަގާމުގެ މަސްއޫލިއްޔަތު ނުވަތަ ޒިންމާ އަދާކުރުމަށް އިހްމާލުވެފައިވާ ފަރާތްތަކާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަމެއް ފާހަގަކުރެވޭނަމަ އެކަމެއް ބަލައި އެ ފަރާތްތަކާ މެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ލަފާ ދީފައިވެ އެވެ.