ރައްޔިތުންގެ މަޖިލީހުގެ ރަައީސް މުހައްމަދު ނަޝީދަށް ނުރައްކާ އޮތް މިންވަރާ ގުޅޭގޮތުގެ އެއްވެސް މައުލޫމާތެއް އެމަނިކުފާނުގެ ހަށިފާރަވެރިންގެ ގޮތުގައި މަސައްކަތް ކުރައްވާ ކްލޯސް ޕްރޮޓެކްޝަން ޓީމް (ސީޕީ ޓީމް) އަށް ހިއްސާކޮށްފައި ނުވާ ކަން ހާމަވެއްޖެ އެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މަޖިލީހުން ކުރިއަށް ގެންދިޔަ އިންކުއަރީއަށް ފަހު މިއަދު އާންމުކުރި ރިޕޯޓްގައި ބުނެފައިވަނީ ރައީސް ނަޝީދަކީ ނުރައްކާ އޮތް ބޭފުޅެއް ކަން ސީޕީ ޓީމަށް އެންގި ނަމަވެސް ނުރައްކާވާ ގޮތުގެ މައުލޫމާތު ނުދޭ ކަމަށެވެ. އެގޮތަށް އަމަލުކުރުމުން ސީޕީ ޓީމުން ރައީސް ނަޝީދަށް ރައްކާތެރިކަން ދޭން ބޭނުންވާ އެންމެ ފުރިހަމަ ގޮތުގައި އެކަން ކުރަން ގޮންޖެހުންތަކެއް ހުރި ކަަމަށެވެ.
އިންކުއަރީ ރިޕޯޓްގައި ބުނެފައިވަނީ އެމްއެންޑީއެފަށް ލިބޭ ޖާސޫސީ މައުލޫމާތު އެ އިދާރާގެ އެތެރޭގައި އޮންނަ އިންޓެލިޖެންސް ޔުނިޓް ކަމުގައިވާ ޑިފެންސް އިންޓެލިޖެންސް ސާވިސް (ޑީއައިއެސް) އިން ބަލައި "އެސެސްމަންޓް" ހަދާ ކަމަށެވެ. އަދި އޭގެފަހުގައި އެކަމާ ގުޅޭ ރިޕޯޓްތައް އެކުލަވާލައި އެ ރިޕޯޓްގައި ކުރަންޖެހޭ ކަންކަމުގެ ރެކޮމެންޑޭޝަންތައް ހިމަނާ ކަމަށެވެ. ނަމަވެސް ރެކޮމެންޑޭޝަންތަކުގެ މައުލޫމާތު ސީޕީ ޓީމާ ހިއްސާ ނުކުރާ ކަން ފާހަގަކޮށްފައިވެ އެވެ.
ރައީސް ނަޝީދަށް ހަމަލާ ދިން އިރު ޑިފެންސް އިންޓެލިޖެންސް ސާވިސްގެ އިސްވެރިޔަކަށް ހުންނެވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނަރަލް އަބްދުއްރަހީމް އަބްދުއްލަތީފް އެވެ.
މީގެއިތުރުން ރައީސް ނަޝީދަށް ނުރައްކާ އޮންނަ މިންވަރު ބަލައި، އެއް ލެވަލުން އަނެއް ލެވަލަށް ނުރައްކާގެ ދަރަޖަ ބަދަލުކުރާއިރު އެ ބަދަލު ގެންނަ ގޮތާ ގުޅިގެން ސީޕީ ޓީމަށް ހިއްސާ ކުރަންޖެހޭ މައުލޫމާތު ދީފައި ނުހުންނަ ކަމަށް ރިޕޯޓުގައިވެ އެވެ. އެކަމަކު ރައީސް ނަޝީދަށް ރައްކާތެރިކަން ދިނުމުގައި ސަމާލުވުމަށް އެސްޕީޖީގެ ކޮމާންޑަރުން އަބަދުވެސް އިރުޝާދު ދެއްވާ ކަން ކްލޯސް ޕްރޮޓެކްޝަން ޓީމުގައި ހިމެނޭ ބޭފުޅުން އިންކުއަރީ އަށް ހިއްސާކޮށްފައިވާ މައުލޫމާތުގައި ވިދާޅުވެފައިވެ އެވެ.
"ރައީސް ނަޝީދަށް އަބަދުވެސް ތްރެޓް އޮންނަކަމަށް ބުނެ އަދި އެންމެ މަތީ ދަރަޖައިގެ ސެކިއުރިޓީ ދޭން ތަކުރާރުކޮށް ޓީމަށް ކިޔައިދިން ނަމަވެސް ހަމަލާއެއް ދިނުމުގެ ބިރުވެރިކަން އިތުރުވެފައިވާ ކަން އެއީ ހަމަލާއެއް ދިނުމުގެ އަޒުމުގައި، އަދި ހަމަލާއެއް ދިނުމުގެ ގާބިލިއްޔަތު ހުރެ ބަޔަކު ހަރަކާތްތެރިވާ ކަން ޓީމަށް ކިޔައި ނުދީ އޮތުމަކީ ރައީސް ނަޝީދަށް ރައްކާތެރިކަން ފޯރުކޮށް ނުދެވުނު އެއް ސަބަބުކަން ފާހަގަކުރަން" ރިޕޯޓްގައިވެ އެވެ.
ރައީސް ނަޝީދަށް ނުރައްކާ އޮތް މިންވަރު ބެލުމަށް އެސެސްމަންޓެއް ހެދުމަށްފަހު އެކަމާ ގުޅޭ ރިޕޯޓް އެމްއެންޑީއެފް ސްޕެޝަލް ޕްރޮޓެކްޝަން ގުރޫޕް (އެސްޕީޖީ)ގެ ކޮމާންޑަރު ކާނަލް ނަސްރުﷲ އިބްރާހީމް މަޖުދީ އަށް އެންމެ ފަހުން ހިއްސާ ކޮށްފައިވަނީ މިއަހަރުގެ މާޗު މަހުގެ ތިންވަނަ ދުވަހު އެވެ. ރިޕޯޓްގައި ރެކޮމަންޑޭޝަންތަކެއް ހުރި ނަމަވެސް ގިނަ ކަންކަމަށް އަމަލުކޮށްފައި ނުވާ ކަން ފާހަގަކޮށްފައިވެ އެވެ.
ރައީސް ނަޝީދަށް ރައްކާތެރިކަން ދޭއިރު އެމަނިކުފާނު ދިރިއުޅުއްވާ ގެ ހުންނަ މަގު ސްވީޕް ކުރަން ހަމަޖެހިފައި އޮންނަ ނަމަވެސް އެއްވެސް އިރެއްގައި އެ މަގު ސްވީޕް ކޮށްފައި ކަން ސީޕީ ޓީމަށް އެނގިފައި ނުވާ ކަމަށްވެސް ބުނެފައިވެ އެވެ.