ކުޅިވަރު

އިބްރަހިމޮވިޗްގެ ދެ ގޯލާ އެކު ސްވިޑެން ޔޫރޯ އަށް

Nov 18, 2015

މިދިޔަ އަހަރުގެ ވޯލްޑް ކަޕަށް ސްވިޑެން ގެންގޮސްދިނުމަށް ޒަލްޓާން އިބްރަހިމޮވިޗްގެ ބޭނުން އެންމެ ބޭނުންވި ވަގުތު އެ ޖާދޫއެއް ނުދެއްކުނު ނަމަވެސް އޭނާ މި ވަނީ އެ ޖާދޫ ދައްކައި ކުރިއަށް އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތުން ސްވިޑެން އަށް ޖާގައެއް ކަށަވަރުކޮށްދީފަ އެވެ.

އަވަށްޓެރި ޑެންމާކާ ދެކޮޅަށް ރޭ ކުޅުނު ޕްލޭއޮފްގެ ދެ ވަނަ ލެގުގައި ސްވިޑެން އާއި ޑެންމާކް 2-2 އިން އެއްވަރުވިއިރު ހުރިހާ ވެސް ޝުކުރެއް ޒަލްޓާނަށެވެ. އޭނާ ސްވިޑެންގެ ދެ ލަނޑު ކާމިޔާބުކުރިއިރު މި ދެ ޓީމުގެ ފުރަތަމަ ލެގު 2-1 އިން ކާމިޔާބުކޮށްފައި ވަނީ ވެސް ސްވިޑެން އެވެ.

ވާދަވެރި ޑެންމާކުގެ މައްޗަށް ސްވިޑެން އިން ޕްލޭއޮފެއްގައި ކުރި ހޯދައި އެ ޓީމު ކަޓުވާލާފައިވާއިރު މިއީ 2010 ވަނަ އަހަރުގެ ވޯލްޑްކަޕުގެ ކޮލިފައިންގެ ޕްލޭއޮފްގައި ޑެންމާކުން ސްވިޑެން ކަޓުވާލުމުގެ ރަނގަޅު ބަދަލުހިފުމެކެވެ.

އަންނަ އަހަރު ފްރާންސްގައި ބާއްވާ ޔޫރޯ އަށް ވަނުމަށް އޮތް ފަހު ދެ ފުރުސަތުގެ ތެރެއިން ސްވިޑެން އެއް ޖާގަ ގެންދިޔައިރު ސްލޮވޭނިއާއާ 1-1 އިން އެއްވަރުކޮށްގެން 3-1 ގެ އެގްރިގޭޓަކުން ފަހު ޖާގަ ކަށަވަރުކޮށްފައި ވަނީ ޔޫކްރެއިން އެވެ.

ކުރިއަށް އޮތް މުބާރާތުން ނުފެންނާނެ ޔޫރަޕްގެ އެންމެ ގަދަ ބާރަކީ ނެދަލެންޑްސް އެވެ.

އަންނަ އަހަރުގެ މުބާރާތުން ފެންނާނެ ޓީމުތައް:

  • އަލްބޭނިއާ
  • އޮސްޓްރިއާ
  • ބެލްޖިއަމް
  • ކޮރޭޝިއާ
  • ޗެކް ރިޕަބްލިކް
  • އިންގްލެންޑް
  • ފްރާންސް
  • ޖާމަނީ
  • ހަންގޭރީ
  • އައިސްލޭންޑް
  • އިޓަލީ
  • ނޮދާން އަޔަލޭންޑް
  • ޕޮލެންޑް
  • ޕޯޗުގަލް
  • ރިޕަބްލިކް އޮފް އަޔަލެންޑް
  • ރޮމޭނިއާ
  • ރަޝިއާ
  • ސްލޮވާކިއާ
  • ސްޕެއިން
  • ސްވިޑެން
  • ސްވިޓްޒަލެންޑް
  • ތުރުކީ
  • ޔުކްރެއިން
  • ވޭލްސް