ބޮލީވުޑް

ސަންޖީވްގެ ގައިގައި ނޫތަން ޖެހީ ކީއްވެ؟

ނޫތަން އަކީ ބޮލީވުޑުގެ އުދަރުން އެރި އެންމެ އަލިގަދަ އެއް ތަރި އެވެ. އެފަދަ ދެ ވަނައެއް ނެތް ބަތަލާ އެކެވެ. ފިލްމީ ހުނަރާ އެއްވަރަށް ނޫތަން އަކީ އޭނާގެ އަބުރުވެރި ދިރިއުޅުމަށް ވެސް ގިނަ ބައެއްގެ ތައުރީފު ލިބިފައިވާ ބަތަލާ އެކެވެ. ގާތްގަނޑަކަށް 40 ވަރަކަށް އަހަރަށް ދެމިގެން ދިޔަ ކެރިއަރުގައި ނޫތަން ވަނީ 70 އަށް ވުރެ ގިނަ ފިލްމު ކުޅެފަ އެވެ. ފިލްމުފެއާ އެވޯޑުގެ އެތައް އެވޯޑެއް ހޯދި ނޫތަން އަކީ ހިންދީ ސިނަމާގެ ފުރަތަމަ އަންހެން ސުޕަސްޓާރު ކަމަށް ގިނަ ބަޔަކު ބުނެ އެވެ.

ނޫތަންގެ ކާމިޔާބު އަދި މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "ސުޖާތާ"، "ބަންދިނީ"، "މިލަން"، "މައި ތުލްސީ ތެރޭ އާގަން ކީ"، "އަނާޅީ"، "ޗަލިއާ" އަދި "ތެރޭ ގަރް ކެ ސާމްނޭ" ހިމެނެ އެވެ.

ނޫތަން މި ދުނިޔެ ދޫކުރީ ކެންސަރު ބަލީގައި ގިނަ ދުވަސްތަކަކު އުޅުމަށްފަހު 1991 ވަނަ އަހަރު އެވެ.

އެންމެ މޮޅު ބަތަލާއަކީ ކޮބައިތޯ މިހާރުގެ އެންމެ ކުޅަދާނަ އެއް ޑައިރެކްޓަރު ސަންޖޭ ލީލާ ބާންސާލީ ކައިރީގައި ނޫސްވެރިއަކު ސުވާލު ކުރި އެވެ. އޭނާ ބުނީ ނޫތަން ކަމަށެވެ. އޭރުއްސުރެ މިހާތަނަށް ވެސް ނޫތަން އާ އެއްވަރަށް އެކްޓް ކުރެވުނު ބަތަލާއަކު ނެތް ކަމަށެވެ.

ނޫތަން އުފަންވީ ޖޫން 4، 1936 ގައެވެ. ކާޖޮލް އަދި ތަނީޝާގެ މަންމަ ތަނޫޖާ އާއި ނޫތަންއަކީ އެއްބަނޑު އެއްބަފާ ދެބެންނެވެ. ނޫތަންގެ މަންމަ ޝޯބްނާ ސަމްރާތު އަކީ ވެސް ބްލެކް އެންޑް ވައިޓް ފިލްމުތަކުގެ ޒަމާނުގައި ވަރަށް މަޝްހޫރު ބަތަލާ އެކެވެ. ނޫތަން 1959 ގައި ކައިވެނިކުރީ އިންޑިޔާ ކަނޑުގެ ސިފައިންގެ ކޮމާންޑަރެއް ކަމަށްވާ ރަޖްނީޝް ބެލް އާ އެވެ. ކުޅަދާނަ އެކްޓަރު މޮހިނީޝް ބެލް އަކީ ނޫތަން އާއި ރަޖްނީޝް އަށް ލިބުނު ހަމައެކަނި ދަރިފުޅެވެ.

ނޫތަން އަކީ ވަރަށް ގޮތެއްގައި ހުންނަ އަންހެނެކެވެ. ކޮންމެ ކޮންމެ މީހަކަށް އޭނާ އާ ސަމާސާކޮށް ފާޑުފާޑުގެ ވާހަކަ ދައްކާކަށް ނުކެރޭނެ އެވެ. މީގެ އެއް މިސާލަކީ 1969 ގައި ސަންޖީވް ކުމާރާއެކު ނޫތަން ކުޅުނު ފިލްމެއްގެ ސެޓުގައި އޭނާ ސަންޖީވްގެ ގައިގައި ޖެހި އެތިފަހަރެވެ.

އޭރު ސަންޖީވް އަކީ އަލަށް ފިލްމު ކުޅެން ފެށި އަދި ފިލްމު އިންޑަސްޓްރީގައި ފައިތިލަ ސާބިތުކުރަން މަސައްކަތް ކުރަމުންދިޔަ އެކްޓަރެކެވެ.

ނޫތަން ޖެހި މި އެތިފަހަރު ވެގެން ދިޔައީ ވަރަށް ގިނަ ބަޔަކަށް ޝޮކެއް ލިބުނު އެތިފަހަރަކަށެވެ.

ސްޓާޑަސްޓް މަޖައްލާއަށް 1972 ގައި ނޫތަން ދިން އިންޓަވިއު އެއްގައި ގިނަ ބަޔަކު ތިބި ތަނެއްގައި ސަންޖީވް ގައިގައި ޖަހަން ޖެހުނު ސަބަބު ކިޔައިދިނެވެ. ނޫތަން ކިޔައިދީފައިވާ ގޮތުގައި އޭނާ އާއި ސަންޖީވް ފުރަތަމަ ކުޅުނީ "ގޯރީ" ކިޔާ ފިލްމެކެވެ. އެ ފިލްމު ކުޅުނީއްސުރެ ދެ މީހުންގެ ވަރަށް ގާތް އެކުވެރިކަމެއް އޮވެ އެވެ. އެއީ އެކަކު އަނެކަކަށް އިހްތިރާމްކުރާ ޕްރޮފެޝަނަލް ގުޅުމެއް ކަމަށާއި އެނޫން އެހެން އެއްވެސް ގުޅުމެއް އެ ދެ މީހުންގެ ނޯންނަ ކަމަށް ވެސް ނޫތަން ބުނެފައި ވެއެވެ.

"ކުއްލިއަކަށް އެއް ދުވަހަކު ނޫހަކުން ފެނިއްޖެ މަށާ ސަންޖީވް އާ ލޯބީގެ ގޮތުން ގުޅިގެން އުޅެއޭ ކިޔައިގެން ލިޔެފައިވާ ޚަބަރެއް. ފުރަތަމަ އަހަރެން ވެސް އެއީ މާ ބޮޑު ކަމަކަށް ނުހަދާ ހީނލާފައި ހުރީ. ނަމަވެސް ފަހުން އަހަންނަށް އެނގިއްޖެ މިއީ ވަރަށް ވައިގައި ހިފައިގެން އުޅޭ ޚަބަރެއްކަން. އެހެންވެ އަހަރެން އެކަމާ ހިތްހަމަނުޖެހި އެ މައްސަލަ އާ މެދު ވަރަށް ސީރިއަސް ވި. ސަބަބަކީ ފަހުން ވާހަކަތައް ފެތުރެން ފެށީ ސަންޖީވް ދެކެ ލޯބިވެގެން އަހަރެން ފިރިމީހާ ކައިރިން ވަރިވާން އުޅެއޭ ކިޔާފައި،" ނޫތަންގެ އިންޓަވިއުގައި ބުނެފައި ވެއެވެ.

ނޫތަން ބުނި ގޮތުގައި މި ވާހަކައަކީ ސަންޖީވް ގަސްތުގައި ފަތުރައިގެން އުޅޭ ވާހަކައެއްކަން ފަހުން އޭނާއަށް އެނގުނެވެ.

"ސަންޖީވް ބައެއް ރިޕޯޓަރުން ކައިރީ ބުނި އަހަރެން ދިރިއުޅެނީ ވެސް އޭނާއާއެކު އެ ގޭގައޭ. ފިރިމީހާ ކައިރިން ވަރިވެގެން އަހަރެން އުޅެނީ ސަންޖީވް އާ އިނދެގެން ދަރިފުޅުގެ ކަސްޓަޑީ ވެސް ހޯދާށޭ،" ނޫތަން ބުނެފައި ވެއެވެ.

ސަންޖީވް ދެކެ ނޫތަން ރުޅިއައީ އެހެންވެ ކަމަށާއި ފިލްމު ސެޓުން އޭގެ ފަހުން ބައްދަލުވީ ފުރަތަމަ ދުވަހު ހަނދާން ނުނެތޭވަރުގެ އެތިފަހަރެއް އޭނާގެ މޫނުމަތީގައި ޖެހިކަމަށް ނޫތަން ބުންޏެވެ.

"އަސްލު އަހަރެން އުޅުނީ މަޑުމައިތިރިކަމާއެކު އެ ވާހަކަ އޭނާ އާ ދައްކަން. ނަމަވެސް އޭނާ މާ ފޮންޏެއް ވެފަ އަހަރެން ގޮވީމަ ވެސް އަޅާނުލާ ދިޔައިމަ ބޮޑަށް ރުޅި އައީ. ފަހުން ވެސް އައިސް އުނަގަނޑުގައި އަތް ވިދިފަ މާ ފޮންޏެއް ވެފަ ހުރީ. އެހެންވެ ރުޅިއައިސްގެން ޖެހީ،" ނޫތަން ކިޔައިދީފައި ވެއެވެ.

ސަންޖީވް ގައިގައި ޖެހުނީތީ ފަހުން ދެރަވިތޯ ނޫސްވެރިޔަކު ނޫތަން އާ ސުވާލު ކުރި އެވެ. ޖަވާބުގައި އޭނާ ބުނީ އެއްވެސް ވަރަކަށް އެކަމާ ހިތާމަ ނުކުރާ ކަމަށެވެ. ނަމަވެސް ސަންޖީވް ގައިގައި ޖެހުމުގެ ސަބަބުން ނޫތަންގެ ކެރިއަރަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރި އެވެ. އޭނާއަށް ލިބިފައި ހުރި ވަރަށް ގިނަ ފިލްމުތައް އޭނާއަށް ގެއްލުނެވެ. މިކަމާ ދެރަވެގެން ނޫތަން ޑިޕްރެޝަން އަށް ވެސް ދިޔަ އެވެ.

"އެއްވެސް މީހަކު އަހަރެންގެ ވާހަކަ އަޑުއަހާކަށް ބޭނުމެއް ނުވި،" ނޫތަން ބުންޏެވެ.

ނޫތަންގެ ހަޔާތުގެ މި އުނދަގޫ ދުވަސްތަކުގައި އޭނާއަށް އެހީވީ ފިރިމީހާ ރަޖްނީޝް އެވެ. ރަޖްނީޝް އޭނާގެ އަންހެނުންނަށް އިތުބާރު ކުރި އެވެ. އަދި ފިލްމު އިންޑަސްޓްރީން ނޫތަން އަށް ފުރަގަސް ދިނުމުން އޭނާއަށް ހިތްވަރުދީ އެހީތެރިވީ ރަޖްނީޝް އެވެ.