ބަންގްލަދޭޝްގައި އުފަންވެ މިހާރު 23 މަސް ފުރިފައިވާ ޑްވޯފް ގެރިއަކީ ދުނިޔޭގައި މިހާރު ހުރި އެންމެ ކުޑަ ގެރިއަށް ވެދާނެ އެވެ. ރާނީގެ ނަމުން ނަން ދީފައިވާ މި ގެރި ގެންގުޅޭ މީހާ ބުނަނީ މިވަރުގެ ކުޑަ ގެރިއެއް އެއްވެސް ގައުމެއްގައި ނެތްކަން އޭނާއަށް ޔަގީން ކަމަށެވެ.
އިސްކޮޅުގައި އެންމެ 51 ސެންޓިމީޓަރު ހުންނަ މި ގެރި އޮތީ ޑާކާގެ ދެކުނުން 30 ކިލޯމީޓަރު ދުރުގައި އޮންނަ ޗަރީގްރާމް ކިޔާ ރަށެއްގަ އެވެ. މި ގެރި ބަންގްލަދޭޝްގައި މަޝްހޫރު ވެގެން ގޮސް ދުރު ހިސާބުތަކުން ވެސް ގެރި ބަލަން މީހުން އަންނަމުންދާ ކަމަށް ވެއެވެ.
މި ގެރީގެ ވެރި މީހާ ބުނާ ގޮތުގައި ގިނިސް ވޯލްޑް ރެކޯޑްސްގައި އެންމެ ކުޑަ ގެރީގެ ގޮތުގައި ހިމަނާފައިވާ ގެރި އޭނާގެ ގެރިއަށް ވުރެ 10 ސެންޓިމީޓަރު ދިގެވެ. ރާނީގެ ދިގު މިނުގައި ހުންނަނީ 66 ސެންޓިމީޓަރު ކަމަށާއި ބަރުދަނަކީ 55 ކިލޯ ކަމަށް ގެރީގެ ވެރި މީހާ ބުންޏެވެ.
މި ގެރި އާދައިގެ ކުއްތާއަކަށް ވުރެ ވެސް އެތައް ތަނެއް ކުޑަ އެވެ.
ގެރި އޮތް ފާމުގެ ވެރިމީހާ އެމްއޭ ހަސަން ހަވާލްދާރް ބުނާ ގޮތުގައި އެންމެ ކުޑަ ގެރީގެ ދުނިޔޭގެ ރެކޯޑް މިހާރު އޮތީ އިންޑިއާގެ ކެރެލާގެ ޑުވޯފް ގެރި މަނިކްޔަމް އަށެވެ. ނަމަވެސް މަނިކްޔަމް ވެސް ރާނީއަށް ވުރެ 10 ސެންޓި މީޓަރު ދިގު ކަމަށް ވެއެވެ.
ހަވާލްދާރް ބުނި ގޮތުގައި ބަންގްލަދޭޝްގެ އެކި ހިސާބުތަކުން ކޮންމެ ދުވަހަކުވެސް އެތައް ސަތޭކަ ބަޔަކު މި ގެރި ދެކިލަން އާދެ އެވެ.
"ފާއިތުވީ ދެ ތިން ދުވަހު އެކަނިވެސް 15،000 މީހުން ރާނީ ބަލަން އަތުވެއްޖެ. ތެދަށް ބުނާނަމަ ބުނެވޭނީ ގެރި ބަލަން މީހުން އަންނަ ވަރުން އަހަރެމެން މުޅިން ވަރުބަލިވެއްޖެޔޭ،" ހަވާލްދާރް ބުންޏެވެ.
ހަވާލްދާރް ބުނީ ރެކޯޑް ފޮތަށް އަރުވަން ގިނިސް ވޯލްޑް ރެކޯޑްސް އާ ވާޙަކަ ދައްކާފައިވާކަމަށާއި ކުރިޔަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި އެމީހުން އައިސް ބަލައި މި ގެރި ރެކޯޑް ފޮތަށް އެރުވުމުގެ މަސައްކަތްތައް ކޮށްދޭނެ ކަމަށް ވައުދުވެފައިވާ ކަމަށެވެ.