ލައިފްސްޓައިލް

ކުއްޖެއްގެ ބަނޑުން ކާއްޓެއް ވަރުގެ ހިލައެއް!

އިންޑިޔާގެ ކަލްކަތާގެ ފިރިހެން ކުއްޖެއްގެ ބަނޑުގެ ސާޖަރީ ފާއިތުވީ 15 އަހަރު ތެރޭ ދެ ފަހަރަށް ހަދާފައި ވެއެވެ. މި ކުއްޖާ އަކީ ޔަތީމު ކުއްޖަކަށް ވާތީ މުމްބައިގެ ހޮސްޕިޓަލެއްގެ ޑޮކްޓަރުން މި ކުއްޖާގެ ސާޖަރީތައް ހަދައިދީފައިވަނީ އިންސާނިއްޔަތަށް ކުރާ ޚިދުމަތެއްގެ ގޮތުގައި މުޅިން ހިލެ އެވެ. އެންމެ ފަހުން ހެދި ސާޖަރީގައި ކާއްޓެއް ވަރުގެ ބޮޑު ހިލައެއް ޑޮކްޓަރުން ވަނީ ކުއްޖާގެ ބަނޑުން ނަގާފަ އެވެ. އެއް ކިލޯ ބަރުދަން ހުރި މި ހިލަ އިނީ ކުއްޖާގެ ޔޫރިނަރީ ބްލެޑާގައި ތަތްވެފަ އެވެ.

މިފަހަރު މިއީ މިއީ ޑރ. ރާޖިވް ރެޑްކަރް ސާޖަރީ ހަދައިދީގެން މި ކުއްޖާގެ ފުރާނަ ސަލާމަތް ކޮށްދިން ދެ ވަނަ ފަހަރެވެ. ރޫބެން ޝޭޚް ނަމަކަށް ކިޔާ 17 އަހަރުގެ މި ފިރިހެންކުއްޖާގެ ބަނޑުގައި މިހާ ބޮޑެތި ހިލަ އުފެދެނީ އުފަންވިއިރު ވެސް ހުރި ޖެނެޓިކް މައްސަލައަކާ ހެދި އެވެ. މިއީ ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔެކެވެ. މި ބަލި ހުންނަ މީހުންގެ ބްލެޑާގައި ކުޑަކަމުދާ އެއްޗެތި ކުޑަ އިރުކޮޅަކަށް ވެސް ރައްކާކޮށްފައި ނުބެހެއްޓެ އެވެ.

ރޫބެން އަށް ފަރުވާކުރަން ޑރ. ރެޑްކަރް ފެއްޓެވީ މީގެ 15 އަހަރު ކުރިން އޭނާ ވާދިއާ ހޮސްޕިޓަލުގައި މަސައްކަތް ކުރެއްވިއިރު އެވެ. އޭރު އުމުރުން އެންމެ ދެ އަހަރުވީ ރޫބެންގެ ބަނޑުގެ ސާޖަރީ އެއް އެ ފަހަރުވެސް ޑޮކްޓަރު ހައްދަވައި ދެއްވި އެވެ.

މިހާތަނަށް ވެސް އެ ކުއްޖާއަށް ދުނިޔޭގައި ހުރެވުނީ އެ ސާޖަރީ ކާމިޔާބު ވުމުންނެވެ. އޭގެ ފަހުން ފާއިތުވީ 15 އަހަރުވެސް މި ކުއްޖާއަށް ޑރ. ރެޑްކަރް ފަރުވާ ދެއްވީ މުޅިން ހިލެ އެވެ. އަދި މިފަހަރުގެ ސާޖަރީގެ ހުރިހާ ކަމެއް ވެސް ކޮށްދެއްވީ ހިލެ އެވެ.
ފުރަތަމަ ހެދި ސާޖަރީ އަކީ ބްލެޑާ ބޮޑުކުރަން ހެދި ސާޖަރީ އެކެވެ. މިފަހަރު ހެދި ސާޖަރީގައި ބަނޑުގައި އުފެދިފައިވާ ބޮޑު ހިލަ ނަގައި ބްލެޑާ އަށް ހޮޅިއެއް ލައްވައި ބަނޑުން ނެރެފައި ވެއެވެ. އެ ހޮޅި މެދުވެރިކޮށް ކުޑަކަމުދާ އެއްޗެތި ހަށިގަނޑުން ބޭރު ވާނެ ގޮތް ހެދުމަށެވެ.

ސާޖަރީ އަށް ފަހު ކުއްޖާގެ ހާލު ރަނގަޅުކަމަށް ޑރ. ރެޑްކަރް ވިދާޅުވި އެވެ.