ނަޝީދަށް އަމާޒު ކުރި ހަމަލަ

ރިޕޯޓް ވަރަށް ފުރިހަމަ، މާރިޔާ އިސްތިއުފާ ދޭން ޖެހޭ: ނަޝީދުގެ އާއިލާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލައާ ގުޅިގެން އެމަނިކުފާނުގެ ސެކިއުރިޓީ "ބްރީޗް" ވިގޮތް ދެނެގަތުމަށް ހެދި އިންކުއަރީ ރިޕޯޓް ވަރަށް ފުރިހަމަ ކަމަށާއި ޑިފެންސް މިނިސްޓްރު މާރިޔާ އަހުމަދު ދީދީ މިނިސްޓަރު ކަމުން އިސްތިއުފާ ދޭން ޖެހޭ ކަމަށް ރައީސް ނަޝީދު އާއިލާއިން ބުނެފި އެވެ.

މަޖިލީހުގެ އިންކްއަރީގެ ފައިނަލް ރިޕޯޓް ކޮމިޓީގައި ހިމެނޭ މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައިވާއިރު އިއްޔެ އެ ރިޕޯޓް ވަނީ އާންމުކޮށްފަ އެވެ.

އިންކުއަރީ ރިޕޯޓާ ގުޅިގެން ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ވިދާޅުވީ ރިޕޯޓް ވަރަށް ފުރިހަމަ ކަމަށެވެ. ނަމަވެސް ޑިފެންސް މިނިސްޓަރު މާރިޔާ އިސްތިއުފާ ދެއްވަން ޖެހޭކަން ގަބޫލު ކުރާ ކަމަށް ވިދާޅުވި އެވެ. ނަމަވެސް މާރިޔާ އިސްތިއުފާ ދެއްވަން ޖެހެނީ ކޮން ސަބަބަކާ ގުޅިގެން ކަމެއް ވިދާޅެއް ނުވެއެވެ.

ރިޕޯޓް ފައިނަލް ކޮށްފައި ވަނީ ރައީސް ނަޝީދުގެ އާއިލާގެ ބަސް ހިމަނައިގެންތޯ ސުވާލު ކުރުމުން ނާޒިމް މީގެ ކުރިން ވިދާޅުވެފައި ވަނީ މަޖިލީހުގެ އިންކުއަރީއަށް އާއިލާގެ ބަސް ހޯދާފައިވާ ކަމަށެވެ.

މަޖިލީހުން އާންމުކޮށްފައިވާ އިންކުއަރީ ރިޕޯޓުން އެނގޭ ގޮތުގައި ރައީސް ނަޝީދަށް ބަޔަކު ހަމަލާންދޭން އުޅޭކަމަށް މެންބަރު އިލްޔާސް އަށް ލިބިވަޑައިގެންނެވި މައުލޫމާތެއް ހިއްސާކުރެއްވުމަށް މިނިސްޓަރު މާރިޔާ އަށް ގުޅުއްވާފައިވަނީ މިދިޔަ މެއި މަހުގެ ތިންވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގަ އެވެ. މިނިސްޓަރު މާރިޔާ އަށް އިލްޔާސް ގުޅުއްވީ އޭނާ އަށް ލިބުނު މައުލޫމާތު ރައީސް ނަޝީދާ ހިއްސާކުރެއްވުމުން އެ މައުލޫމާތު މާރިޔާއާ ހިއްސާކުރެއްވުމަށް ރައީސް ނަޝީދު، އިލްޔާސް އަށް އެންގެވުމާ ގުޅިގެންނެވެ. ރައީސް ނަޝީދަށް އިލްޔާސް އެ މައުލޫމާތު ހިއްސާކުރައްވާފައިވަނީ މެއި ތިންވަނަ ދުވަހު ރައީސް ނަޝީދާ ބައްދަލުކުރެއްވުމަށްފަހު އެވެ.

ރައީސް ނަޝީދުގެ އެދިވަޑައިގަތުމަކަށް މެއި ތިންވަނަ ދުވަހު އިލްޔާސް ގުޅުއްވުމުން މާރިޔާ އެރޭ އެ ފޯނަށް ޖަވާބު ދެއްވާފައެއް ނުވެ އެވެ. އެކަމަކު މެއި ހަތަރު ވަނަ ދުވަހު މިނިސްޓަރު މާރިޔާ، އިލްޔާސް އަށް ގުޅުއްވުމުން އޭނާ ވަނީ ލިބިވަޑައިގެންނެވި މައުލޫމާތު މިނިސްޓަރު މާރިޔާއާ ހިއްސާކުރައްވާފަ އެވެ. އެގޮތުން ބަޔަކަށް ތިން މިލިއަން ޑޮލަރު ދީގެން ރައީސް ނަޝީދު އަވަހާރަކޮށްލަން އުޅޭ ކަމުގެ މައުލޫމާތު އެ ފޯން ކޯލްގައި އިލްޔާސް ވިދާޅުވެފައިވެ އެވެ.

މިނިސްޓަރު މާރިޔާގެ އެންމެ ބޮޑު އިހްމާލުގެ ގޮތުގައި އިންކުއަރީ ރިޕޯޓްގައި ފާހަގަކޮށްފައިވަނީ މެންބަރު އިލްޔާސް ހުށަހެޅުއްވި މައުލޫމާތު އެއްވެސް ފަރާތަކާ ހިއްސާނުކުރުމެވެ. ކޮމިޓީއަށް ހާޒިރު ކުރި ސިފައިންގެ އިސްވެރިންގެ ތެރެއިން ޗީފް އޮފް ޑިފެންސް ފޯސްއާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން އެސްޕީޖީ ކޮމާންޑަރާއި ޑިފެންސް އިންޓެލިޖެންސް ސާވިސްގެ ފަރާތުން ވެސް، މިނިސްޓަރު މާރިޔާ އަށް ލިބުނު މައުލޫމާތު ހިއްސާކުރައްވާފައި ނުވާ ކަމަށް ބުނެފައިވެ އެވެ. މިނިސްޓަރު މާރިޔާ އެގޮތަށް އަމަލުކުރީ އެއީ "މައުލޫމާތު" ނޫން ކަމަށް ވާތީ ކަމަށް އެކަމަނާ އިންކުއަރީ އަށް ވިދާޅުވެފައިވެ އެވެ.