ލައިފްސްޓައިލް

ހައިކަމުގައި އުޅުނު މީހެއްގެ ހާލަތު ބަދަލުވި ވީޑިއޯ

އިސާކް މުންޑާއަކީ އިންޑިޔާގެ އޮޑީޝާގެ ސަމްބަލްޕޫރު ޑިސްޓްރިކްޓްގައި އޮންނަ ގަބީލާއެއްގެ މީހެކެވެ. އެ ދުވަހަކު ޖެހުނު މަސައްކަތެއް ކޮށްލައިގެން ލިބޭ ފައިސާ ކޮޅުން އާއިލާ ބަލަހައްޓައިގެން އުޅުނު މުންޑާއަށް މިދިޔަ އަހަރު އިންޑިޔާ ފުރަތަމަ ފަހަރަށް ލޮކްޑައުން ކުރުމުން އާމްދަނީ ލިބޭނެ މަގުތައް ބަންދުވެ ބަނޑުގައި ހޫނުކަމުގައި އުޅެން ޖެހުނެވެ. މި ދުވަސްވަރު އޭނާ މާ ބޮޑަށް ބަނޑުހައިވެއްޖެނަމަ ކުރާ ކަމަކީ އެކުވެރިއެއްގެ ފޯނުން ޔޫޓިއުބު ވީޑިއޯ ބަލަނީ އެވެ. އެއީ ބަނޑުގައިކަން ހަނދާން ނައްތާލަން އޭނާ ކުރާ ކަމެއް ކަމަށް މުންޑާ ބުންޏެވެ.

ޔޫޓިއުބު ވީޑީއޯތައް ބަލަން ފެށުމުން އޭނާ އަމިއްލައަށް ވީޑިއޯ ހަދާހިތް މުންޑާ ވާން ފެށި އެވެ. އަދި މީހެއްގެ އަތުން ދަރަންޏަށް 3000 ރުޕީސް ނަގައިގެން ކުޑަ ކުޑަ ސްމާޓް ފޯނެއް ގަނެގެން އަމިއްލައަށް ވީޑީއޯ ނަގަން ފެށި އެވެ.

އޭނާ ފުރަތަމަ ވީޑިއޯ ހެދީ މާޗް 2020 ގައެވެ. އެއީ ވީޑިއޯއިން ވަކި ހާއްސަ ކަމެއް ނުފެނެ އެވެ. ހަމަ ވަރަށް އާދައިގެ ވީޑިއޯ އެކެވެ. ވީޑީއޯގައި ފެންނަނީ މުންޑާ އާދަޔާޚިލާފު އަވަހަށް ކާ މަންޒަރެވެ. އޭނާ ކަނީ ޕަކާލާ (ފެން ބަތް) އާއި ރޯ ފިޔާ އަދި ރޯ މިރުހެވެ.

ނިއުސް 18 އަށް މައުލޫމާތު ދެމުން މުންޑާ ބުނީ 4.99 ލައްކަ ވިއުޒް އޭނާގެ ފުރަތަމަ ވީޑިއޯއަށް ލިބުނު ކަމަށެވެ.

މުންޑާގެ ފުރަތަމަ ވީޑީއޯ

"އަހަރެން ފުރަތަމަ ވީޑިއޯގައި ދެއްކީ އަހަރެންގެ ގެއާއި އަވަށުގެ ހާލަތާއި އަހަރެން ކައި އުޅޭ ގޮތް. ފުރަތަމަ ވީޑިއޯ އަށް ރަނގަޅު ތަރުހީބެއް ލިބުމުން ވަރަށް އުފާވި. އެ ވިޑިއޯ އާއެކު އަހަރެންނަށް އާމްދަނީ ލިބެން ފެށި،" މުންޑާ ބުންޏެވެ.

މުންޑާ އޭގެ ފަހުން ލީ ވީޑީއޯ ތަކަކީ ވެސް މާ ޚާއްސަ ކަންތައްތަކެއް އެކުލެވޭ ވީޑީއޯތަކެއް ނޫނެވެ. ހިންދީ އާއި ސަމްބަލްޕޫރީ ބަހުން އޭނާ ވާހަކަ ދައްކާފައި ހުންނަ މި ވީޑިއޯތަކުގައި ފެންނަނީ އެ ގަބީލާގެ މީހުން ދިރިއުޅޭ ގޮތެވެ. ބަނޑުހައިހޫނުކަން އާއްމު ވެފައިވާ މި މުޖުތަމައުގައި މީހުން ކައިބޮއި އުޅޭ ގޮތެވެ.

މަސް ރިހަ، ކުކުޅު، ވައިލްޑް މަޝްރޫމް، ރަތްކުލައިގެ ހިނި އަދި ފިނިހައް ފަދަ ތަކެތި އެމީހުން ކާތަން މި ވީޑިއޯތަކުން ފެނެ އެވެ.

މުންޑާ ފުރަތަމަ ވީޑިއޯ ޔޫޓިއުބަށް ލީތާ ތިން މަސް ފަހުން މިދިޔަ އަހަރުގެ ޖޫންގައި އޭނާ ފުރަތަމަ ހެދި ވީޑީއޯއަށް 37،000 ރުޕީސް ލިބުނެވެ. މި ފައިސާ ޖަމާވީ އޭނާގެ ބެންކް އެކައުންޓަށެވެ. އޭގެ ފަހުން އޭނާއަށް ފަސް ލައްކަ ރުޕީސް ލިބުނެވެ.

އޮޑީޝާ ޓީވީ އާ ވާހަކަ ދައްކަމުން މުންޑާ ބުނީ އޮގަސްޓް 2020 ގައި އޭނާގެ ޔޫޓިއުބު ޗެނަލްގެ އާމްދަނީގެ ގޮތުގައި ފަސް ލައްކަ ރުޕީސް ލިބުނު ކަމަށެވެ. އެ ފައިސާއިން އޭނާގެ ދަރަނިތައް ފިލުވައި، ގެއެއް ވެސް އަޅައިފި ކަމަށެވެ. އަދި ބޭނުން ޖެހިފައިވާ އެތައް ބަޔަކަށް އޭނާ އެ ފައިސާއިން އެހީތެރިކަން ފޯރުކޮށްދީފައި ވާނެ ކަމަށެވެ.

މުންޑާގެ ވީޑިއޯތަކުގައި ގިނައިން ފެންނަނީ އެމީހުން އެކި ކަހަލަ ކެއުންތައް ކާ ތަނެވެ. އެއް ވީޑިއޯއެއްގައި އޭނާ މަސް ހިފަން ގޮސް އުޅޭތަން ފެނެ އެވެ. އޭނާގެ އަންހެނުންނާއި ތިން ދަރިންގެ ވީޑިއޯތައް ވެސް އޭނާ ޔޫޓިއުބަށް ލާފައި ވެއެވެ.

މި ހުރިހާ ވީޑިއޯއެއްގެ ވެސް އުސް އަލިތަކަކީ އޭނާ ދިރިއުޅޭ މުޖުތަމައުގައި އޮންނަ ސަގާފާތްތަކާއި އެމީހުން ދިރިއުޅޭ އަމާން އޮމާން ހިތްގައިމު ދިރިއުޅުމެވެ. ބަނޑުހައިހޫނުކަމުގައި ވެސް އެމީހުން ދިރިއުޅޭ ހަމަޖެހޭ ދިރިއުޅުމެވެ.

މުންޑާގެ ޔޫޓިއުބު ޗެނަލް "އިސަކް މުންޑާ އީޓިން" ސަބްސްކްރައިބް ކޮށްފައިވާ މީހުންގެ އަދަދު މިހާރު 7.6 ލައްކަ އަށް ވަނީ އަރާފަ އެވެ. މިހާތަނަށް އޭނާ 300 އަށް ވުރެ ގިނަ ވީޑިއޯ މި ޔޫޓިއުބު ޗެނަލްގައި ޝެއާ ކޮށްފައި ވެއެވެ. ހުރިހާ ވީޑިއޯއަކުން ވެސް ފެންނަނީ ހަމަ އެންމެ ކަމެކެވެ. އެމީހުންގެ ސިމްޕަލް ލައިފްސްޓައިލެވެ.