ހަބަރު

އެލްޖީއޭގެ ރައީސްކަމުން ނާޒިމް ވަކިކުރި ކަމަށް ބުނި ހަބަރު ނާޒިމް ދޮގުކޮށްފި

Jan 15, 2015

ލޯކަލް ގަވަމެންޓް އޮތޯރިޓީ(އެލްޖީއޭ) ގެ ރައީސްގެ މަގާމުގައި ހުންނެވި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އިތުބާރު ނެތް ކަމަށް ފާސްކުރި ނިންމުން ސައްހަ ނޫން ކަމަށް ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

އެލްޖީއޭ ބޯޑުގެ ފަސް މެމްބަރަކު މިއަދު މެންދުރުފަހު ވަނީ ނާޒިމްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި، އެލްޖީއޭގެ ރައީސްކަމުން ނާޒިމް ވަކިކޮށްފަ އެވެ. އެކަމާ ގުޅިގެން އެލްޖީއޭގައި ނާޒިމް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ އެގޮތަށް ބައްދަލުވުމެއް ނުބޭއްވޭނެ ކަމަށާއި އެ ބައްދަލުވުމުގައި ނިންމި ނިންމުން ސައްހަ ނޫން ކަމަށް ވިދާޅުވި އެވެ.

"މިއަދު އެ ފަސް މެމްބަރުން ނިންމި ނިންމުމަކީ އަމިއްލައަށް މިތަނުގެ އެއްވެސް މީހަކަށް ނޭނގި ނިންމާފައި އޮތް ނިންމުމެއް، މިއަދު އެ ފެތުރި ހަބަރަކީ ރައްޔިތުންނަށް އޮޅޭ ގޮތަށް ސަރުކާރާ ދެކޮޅު ފިކުރުގެ ބޭފުޅުން ކުރެއްވި ކަމެއްގެ." ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ އާންމު އުސޫލުން އިއްޔެ ބާއްވަން އޮތް ބައްދަލުވުން ކެންސަލްވުމުގެ ސަބަބުން މިއަދަށް އެ ޖަލްސާ ފަސްކުރި ކަމަށާއި ނަމަވެސް އޭގެކުރިން މިއަދު އެހެން ޖަލްސާއެއް ބާއްވަން ނިންމާފައި އޮތުމުގެ ސަބަބުން މިއަދުގެ އެޖެންޑާއާ ބެހޭގޮތުން މިއަދު ހެނދުނު ބޭއްވި ޖަލްސާގައި މެމްބަރުންގެ މެދުގައި ޚިޔާލު ތަފާތުވުން އުފެދުނު ކަމަށެވެ. އަދި އެކަމާ މެދު ބަންޑާރަ ނައިބުގެ ލަފައަކަށް އެދެން މިއަދު ހެނދުނު ބޭއްވި ބައްދަލުވުމުގައި ފާސްކުރި ކަމަށާއި އެގޮތަށް ބަންޑާރަ ނައިބުގެ އޮފީހަށް ސިޓީ ވެސް ފޮނުވާފައިވާ ކަމަށެވެ.

އެ ބޯޑުގެ ފަސް މެމްބަރަކު ވަކިން ބައްދަލުވުން ބާއްވައި، އިތުބާރު ނެތް ކަމަށް ފާސްކުރީ ކަމަށް މީޑިއާގައި އާންމުކުރީ އޭގެފަހުން ކަމަށް ނާޒިމް ވިދާޅުވި އެވެ.

އެލްޖީއޭގެ ވަކީލް ވިދާޅުވީ އެ ބޯޑުގެ ހިންގާ ގަވާއިދުގެ ދަށުން ޖަލްސާތައް އެޖެންޑާ ކުރުމުގެ ބާރު އޮންނާނީ އެލްޖީއޭގެ ރައީސަށް ކަމަށެވެ. އަދި ނާޒިމްގެ އިތުބާރު ނެތް ކަމަށް ބުނެ ފާސްކުރީ ކަމަށް ބުނެ މީޑިއާގައި އަޑުފެތުރީ އެކަމަށް ވަކިން ޖަލްސާއެއް ބާއްވާނެ ކަން އަންގައި، ހުރިހާ މެމްބަރުން ވެސް ސިޓީ ފޮނުވާފައި ވަނިކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.