ނެދަލެންޑް އަންހެނެއް ކަމަށްވާ ކެލީ ޖޭކަބްސް މިހާރު ދަނީ އޭނާގެ އަލަތު ކައިވެންޏަށް ތައްޔާރު ވަމުންނެވެ. ކެލީ ދާދި ފަހުން ވަނީ އޭނާގެ ވާން އުޅޭ ފިރިމީހާ އާ އެންގޭޖްވެފަ އެވެ. އެންމެ މަޖާ ކަމަކީ ކެލީއަށް އަދި އޭނާގެ ވާން އުޅޭ ފިރިމީހާ ހަމަލޮލުން ދުވަހަކު ވެސް ފެނިފައި ނެތުމެވެ. ސަބަބަކީ އެ ފިރިހެންމީހާ ހުރީ އެމެރިކާގެ އޮރެގޮންގެ ޖަލެއްގައި ކަމަށް ވާތީ އެވެ.
ޖޭމްސް ޑެންޓެލް ކިޔާ މި ފިރިހެންމީހާ އަކީ 20 އަހަރުގެ ޖަލު ހުކުމެއްކޮށް ފާއިތުވީ އެތައް އަހަރަކުއްސުރެ ޖަލުގައި ހުރި މީހެކެވެ. އޭނާ ސަލާމަތްވާނީ 2032 ވަނަ އަހަރު އެވެ.
ނަމަވެސް ޖޭމްސް ޖަލުގައި ހުރުމަކުން ކެލީ އޭނާ ދެކެ ވާ ލޯތްބަކަށް އުނިކަމެއް ނާދެ އެވެ. ދަ ނިއުޔޯކް ޕޯސްޓުގައިވާ މި ރިޕޯޓު ބުނާ ގޮތުގައި ކެލީ އާއި ޖޭމްސްގެ މި އާދަޔާޚިލާފު ލޯބީގެ ވާހަކަ ފެށުނީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިންނެވެ.
ކެލީ، 28، ވަނީ ޖަލެއްގެ އިންޓާން އެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ. އަދި ފަހުން އޭނާ ވަނީ އެމެރިކާގެ ޖަލުގައި ތަކުގައި ތިބޭ މީހުންނަށް ޚިދުމަތްދޭ ވައިޓްޕްރިޒްނާ ޑޮޓް ކޮމް މެދުވެރިކޮށް ޖަލުގައި ތިބޭ މީހުންނާ މުވާސަލާތު ކުރަން ފަށާފަ އެވެ. އަދި އެމީހުން ޖަލުގައި ހޭދަކުރާ ދުވަސްތަކުގައި އެމީހުންނަށް ކުރެވޭ އިހްސާސްތައް ކެލީ އާ ޝެއާ ކުރެ އެވެ.
އެގޮތުން ޖޭމްސް އާއި ކެލީ ވެސް އީމެއިލް އާއި ފޯނު ކޯލް އަދި ސިޓީގެ ޒަރިއްޔާއިން ވާހަކަ ދައްކަން ފެށި އެވެ. އެންމެ ކުރިން ދައްކަނީ ހަމަ އާދައިގެ ވާހަކަ ތަކެވެ. ފަހުން ކޮންމެ ދުވަހަކު އެތައް ގަޑިއިރެއް ދެ މީހުން ވާހަކަ ދެއްކުމުގައި ހޭދަކުރަން ފެށީ އެވެ. ދެމީހުންގެ މެދުގައި ލޯބީގެ މާތައް ފޮޅުނީ މިގޮތަށް ވާހަކަ ދެއްކުމުގެ ތެރޭގަ އެވެ.
އޭނާ އާއި ޖޭމްސްގެ މިފަދަ ގުޅުމެއް ބާއްވަން ކެލީ ބޭނުން ނުވާތީ އެންމެ ކުރިން މި ގުޅުން ނުބާއްވާ ވޭތޯ އޭނާ ވަރަށް މަސައްކަތް ކުރި އެވެ. ނަމަވެސް ޖޭމްސް ކައިވެންޏަށް އެހުމާއެކު ކެލީގެ ހިޔާލު ބަދަލުވީ އެވެ.
ޖޭމްސް ކެލީއަށް ޕްރޮޕޯސްކުރީ ވީޑިއޯ ކޯލެއް ކުރި ފަހަރަކު އެވެ. ކެލީ ބުނި ގޮތުގައި ކޭމްސް ޕްރޮޕޯސްކުރީ ޖަލުގައި ހުރެގެން އޭނާ އަމިއްލަ އަތުން ހެދި އަނގޮޓިއަކުންނެވެ. ނަމަވެސް ޖަލުން ބޭރުގައި ހުރި އެކުވެރިއެއް ލައްވާ އެންގޭޖްމަންޓް އަނގޮޓިއެއް ޖޭމްސް މިހާރު ވަނީ ގަނެފައި ކަމަށް ކެލީ ބުންޏެވެ.
ދެ މީހުން މިހާރު ރާވާފައި ވަނީ އަންނަ އޮކްޓޯބަރުގައި ކައިވެނި ކުރާށެވެ. ކައިވެނީގެ ކަންކަން ކުރިޔަށް ދާނީ ޖޭމްސް ހުންނަ ޖަލުގަ އެވެ.
ކައިވެނި ކުރިޔަސް ޖޭމްސް އާއި ކެލީއަށް އެކަކު އަނެކަކާ ބައްދަލު ވެވެން އަންނަނީ އަދި 10 އަހަރު ފަހުންނެވެ. ސަބަބަކީ އާއިލީ ބައްދަލުވުންތައް ބޭއްވުން އެ ޖަލުތަކުގައި ހުއްދަ ކޮށްފައި ނުވާތީ އެވެ.
ކެލީ އާއި ޖޭމްސްގެ ކައިވެންޏަށް ފުރަތަމަ ކޮޅު ކެލީގެ މައިންބަފައިން ވަރަށް ދެކޮޅުހެދި އެވެ. ނަމަވެސް ޖޭމްސް އާ ފޯނުން ވާހަކަ ދެއްކުމަށް ފަހު އެމީހުން ވެސް ވަނީ އެއްބަސްވެފަ އެވެ.
ޖޭމްސް އަށް 20 އަހަރު ދުވަހުގެ ޖަލު ހުކުމެއް އައީ ލައިސަންސް ނެތް ބަޑިއެއް ހިފައިގެން އުޅުމުގެ ތެރޭގައި ހަތަރު މީހެއްގެ ގަޔަށް ބަޑި ޖަހައި މަރާލުމުގެ ކުށް ސާބިތު ވެގެންނެވެ.