ޓީވީ ސީރީޒް

ރާހުލް ވައިދްޔާ އާއި ދިޝާ ޕަރްމާރް ކައިވެނި ޖުލައި 16ގައި

ދިޝާ ޕަރްމާރް މަޝްހޫރުވީ ސްޓާ ޕްލަސްގެ މަޝްހޫރު ސިލްސިލާ "ޕިޔާރް ކާ ދަރްދް ހޭ މީޓާ މީޓާ ޕިޔާރާ ޕޔާރާ" ގައި އޭނާ އަދާކުރި ޕަންކުޅީގެ ރޯލުންނެވެ. އެ ސިލްސިލާ ކުޅުނުއިރު ދިޝާއަށް 17 އަހަރެވެ. އެ ސިލްސިލާ ނިމުނުތާ ވެސް އެތައް އަހަރެއް މިހާރު ވަނީ ފާއިތުވެފަ އެވެ. އަދި އޭނާގެ ހަޔާތަށް ލަވަކިޔުންތެރިޔާ ރާހޫލް ވައިދްޔާ ވަނީ އައިސްފަ އެވެ.

ރާހޫލް އަކީ "އިންޑިއަން އައިޑަލް" ގެ ފުރަތަމަ ސީޒަންގެ ދެ ވަނަ ރަނަރަޕް އެވެ. ގްރޭންޑް ފިނާލޭގައި އަބިޖީތު ސާވަންތު އާމިރު އަމިރު ސަދު އާއެކު ރާހޫލް ވާދަކޮށް އޭނާ ދިޔައީ ތިންވަނަ އަށެވެ.

ދާދިފަހުން ރާހުލް ވަނީ ކަލާޒް ޗެނަލްގެ ރިއަލިޓީ ޝޯ "ޚަތުރޯންކީ ކިލާޅީ"ގެ އަލަށް ދައްކަން ފަށަން ހަމަޖެހިފައިވާ ސީޒަންގައި ބައިވެރިވެ އެ ޝޯގެ ޝޫޓިން ފުރިހަމަކޮށްފަ އެވެ.

ސައުތު އެފްރިކާގައި އެ ޝޯ ޝޫޓްކުރުމަށް ގިނަ ދުވަސްތަކަކު ހުރުމަށްފަހު އެނބުރި މުމްބައި އަށް އައިސް މިހާރު އޭނާ ތައްޔާރުވަމުންދަނީ ދިޝާ އާ ކައިވެނި ކުރާށެވެ.

ރާހޫލް އާއި ދިޝާގެ ކައިވެނި ހަމަޖެހިފައިވަނީ މިމަހުގެ 16 ވަނަ ދުވަހަށެވެ.

ރާހޫލް ބުނި ގޮތުގައި ކައިވެނިކުރާ ދުވަސް ކައިރިވިޔަސް އަދި އޭނާއަށް ކައިވެންޏަށް ފުރިހަމައަށް ތައްޔާރެއް ނުވެވެ އެވެ. ސަބަބަކީ ގިނަ ދުވަސް ތަކެއް ވަންދެން އިންޑިޔާއިން ބޭރުގައި ހުރީމަ އެވެ.

ނަމަވެސް ކައިވެނީގެ މުހިއްމު އެއް ހަފުލާ ކަމަށްވާ ސަންގީތު ސެރަމަނީ އަށް ތައްޔާރުވުމުގެ ގޮތުން އެކުވެރިންނާއެކު ނެށުމުގެ ރިހާސަލްތައް ބާއްވަމުންދާ ކަމަށާއި ކައިވެނި ކުރާ ދުވަހު އަޅާ ހެދުން ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރާހޫލް ބުންޏެވެ.

ރާހޫލް ދިޝާ އަށް ޕްރޮޕޯސްކުރީ އެންމެ ފަހުން ކަލާޒް ޓީވީން ދެއްކި ރިއަލިޓީ ޝޯ "ބިގް ބޮސް"ގައި ބައިވެރިވެ ބިގް ބޮސްގެ ގޭގައި ބަންދުވެގެން ހުރި ދުވަސްވަރު އެވެ.