ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވައި ތަރަައްގީ ކުރަން ފަސް އަހަރު ދުވަހުގެ މުއްދަތަށް ޓޫރިޒަމް މިނިސްޓްރީ އެކުލަވާލާ ޓޫރިޒަމް މާސްޓާ ޕްލޭނަށް ކޮންސަލްޓަންޓުން ހޯދަން ކުރި އިއުލާންގެ މުއްދަތު އިތުރުކޮށްފި އެވެ
ކޮންސަލްޓަންޓުން ހޯދަން ޓޫރިޒަމް މިނިސްޓްރީން އެންމެ ފުރަތަމަ އިއުލާންކުރީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ. ޓޫރިޒަމް ސްޓްރެޓަޖީ ސްޕެޝަލިސްޓް (ލީޑް ކޮންސަލްޓަންޓް) އަކާއެކު ޖުމްލަ 10 ކޮންސަލްޓެންޓުން ހޯދަން ކުރިން އިއުލާންކުރި އެވެ.
ޓޫރިޒަމް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ވަނީ ކޮންސަލްޓަންޓުން ހޯދަން ކުރި އިއުލާންގެ މުއްދަތު އިތުރުކޮށްފަ އެވެ. ނަމަވެސް އޭގެ ތެރޭގައި ލީޑް ކޮންސަލްޓަންޓް ނުހިމެނެ އެވެ.
އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާ އެ މަޝްރޫއަށް ހޯދަން އިއުލާންކުރި ކޮންސަލްޓަންޓުންގެ ތެރޭގައި އެންވަޔަރަމަންޓަލް ކޮންސަލްޓަންޓުންނާއި ހިއުމަން ރިސޯސް، ލީގަލް އަދި ޓޫރިޒަމް ސެކިއުރިޓީ ކޮންސަލްޓެންޓުން ހިމެނެ އެވެ.
އާ މަސްޓާ ޕްލޭނަށް 10 ކޮންސަލްޓަންޓުން އައްޔަން ކުރުމަށް ހަމަޖެހިފައިވާއިރު، މީގެތެރެއިން ނުވަ ކޮންސަލްޓަންޓުންނަކީ ދިވެހިންނެވެ. އަދި ލީޑް ކޮންސަލްޓަންޓް އައްޔަން ކުރާނީ އިންޓަނޭޝަނަލް ކޮންސަލްޓެންސީގެ އުސޫލުންނެވެ.
ނުވަ ކޮންސަލްޓެންޓުންގެ މަގާމަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފައިވާ އިރު ބައެއް ކޮންސަލްޓަންޓުންގެ މަގާމު މިމަހުގެ 13 އަށް އަދި އަނެއްބައި ކޮންސަލްޓެންޓުންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 15 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މިނިސްޓަރުކަމުގައި އެ ޕްލޭންގެ މަސައްކަތް އިފްތިތާހު ކުރިއިރު، އާ ޕްލޭން އެކުލަވާލެވިގެންދާ އިރު ހުރިހާ އަތޮޅަކަށް ބެހިފައިވާ، ދެމެހެއްޓެނިވި ފަތުރުވެރި ކަމަކަށް އެ ސިނާއަތުގެ މިސްރާބު ބަދަލުވެގެން ދާނެ ކަމަށާއި، ވަކިވަކި ފަރުދުންގެ ޖީބަށް ވަންނަ ޑޮލަރު ވަރަށް ބޮޑަށް އިތުރުވެ، އާއިލާތަކަށް އުފާވެރިކަން ލިބިގެންދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މީގެ ކުރިން ވިދާޅުވެފައި ވެއެވެ.
ރާއްޖޭގެ ހަތަރު ވަނަ ޓޫރިޒަމް މާސްޓަ ޕްލޭން އިފްތިތާހު ކޮށްފައިވަނީ 2013 ވަނަ އަހަރު އެވެ. އެ ޕްލޭން ހަދާފައި ވަނީ 2013 އިން 2017 ގެ ނިޔަލަށް ކުރަން ހާއްސަ ކަންތައްތަކެއް ކަނޑައަޅާފަ އެވެ. އެ އެ މާސްޓާ ޕްލޭނުގެ މައިގަނޑު އަމާޒަކަށް ހަދާފައި އޮތީ ޓޫރިޒަމަށް ހާއްސަ އިންފްރާސްޓްރަކްޗާ ބިނާ ކުރުމާއި ޓޫރިޒަމް ތަރައްގީ ކުރާނެ ޒޯނު ތަކެއް ކަނޑައެޅުމެވެ. އެ މާސްޓަ ޕްލޭންގެ ދަށުން ޓޫރިޒަމްގެ އިންފްރާސްޓްރަކްޗާ ވަނީ ގާއިމްކޮށްފަ އެވެ. މިހާރު ރާއްޖޭގައި 45،000 އަށް ވުރެ ގިނަ އެނދު އޮޕަރޭޓް ކުރަމުން ގެންދެ އެވެ.