ޓޫރިޒަމް

ޒަމާނީ ބަދަލުތަކަށް ކުރިމަތިލެވޭ ގޮތަށް ޓޫރިޒަމްގެ ފަސްވަނަ މާސްޓާ ޕްލޭން ނެރެފި

ޒަމާނީ ބަދަލުތަކަށް ކުރިމަތިލެވޭނެ ގޮތްތައް ހިމަނައިގެން ޓޫރިޒަމްގެ ފަސް ވަނަ މާސްޓަ ޕްލޭން ނެރެފި އެވެ.

ގައުމީ ޔުނިވާސިޓީގެ އޮޑިޓޯރިއަމްގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި "ރާއްޖޭގެ ފަސްވަނަ ޓޫރިޒަމް މާސްޓަ ޕްލޭން 2023-2027" އަށް ނެރެ ދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އެވެ.

ޓޫރިޒަމްގެ ފަސްވަނަ މާސްޓަ ޕްލޭންގައި ވަނީ ފަތުރުވެރިކަމުގައި ހުރި މައްސަލަތަކާއި އެކަންކަން ހައްލު ކުރެވޭނެ ގޮތްތައް ހިމަނާފަ އެވެ. އަދި ފަތުރުވެރިކަމުގައި ރާއްޖެއާ ވާދަވެރި ގައުމުތަކާއެކު ކުރިއަށް ދިއުމަށް ކުރެވޭނެ ކަންކަން ހިމަނާފައިވެ އެވެ.

މި މާސްޓާ ޕްލޭންގައި ވަނީ ފަތުރުވެރިކަމުގެ އާމްދަނީ އިތުރުކުރުމަށް ކުރެވޭނެ ކަންކަމާއި ފަތުރުވެރިންނަށް ހިދުމަތް ދޭ ތަންތަން އިތުރުކުރުމުގެ އިތުރުން ފަތުރުވެރިންނަށް އާ ހިދުމަތްތަކާއި ތަޖުރިބާތަކުގެ ފުރުސަތު ފަހިކޮށްދިނުމަށް ކުރެވޭނެ ކަންކަން ހިމަނާފަ އެވެ.

މީގެ އިތުރުން އަތޮޅުތަކުގައި ފަތުރުވެރިކަން ފުޅާކޮށް ލިބޭ އާމްދަނީގެ ފައިދާ ރަށަށް ކުރާނެ ގޮތްތައް ބުނެދީފައިވެ އެވެ.

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ ހިލޭ އެހީގައި ޓޫރިޒަމް މިނިސްޓްރީން އެކުލަވާލި މި މާސްޓާ ޕްލޭންގެ މަަސައްކަތް ނިންމާލާފައިވަނީ ތިން އަހަރު ދުވަހުންނެވެ.