ވީއޭއެމް

ކުނޑިއާއި ސިމާދު އޭޝިއަން ޗެމްޕިއަންޝިޕަށް

ރާއްޖޭގެ ތަޖުރިބާކާރު ވޮލީބޯޅަ ދެ ރެފްރީން ކަމަށްވާ އަހްމަދު ސަލީމް (ކުނޑި) އާއި ހަސަން ޝިމާދަށް އޭޝިއަން ޗެމްޕިއަންޝިޕް ކޮލިފައިންގައި ރެފްރީކަން ކުރުމުގެ ފުރުސަތު ލިބިއްޖެ އެވެ.

މި ދެ ރެފްރީންނަށް ފުރުސަތު ލިބުނީ އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) އިން ރާއްޖޭގެ ވޮލީބޯލް އެސޯސިއޭޝަން (ވީއޭއެމް) އަށް އިންޓަނޭޝަނަލް ދެ ރެފްރީން ހަމަޖައްސަން އެންގުމުންނެވެ.

ވީއޭއެމްގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ) ބުނީ ސަލީމާ އާއި ޝިމާދަށް މި ފުރުސަތު ދިނީ ރެފްރީންގެ ތެރޭގައި އޮންނަ ޝެޑިއުލެއްގެ ދަށުން ކަމަށެވެ. އެގޮތުން މިފަދަ އެހެން ފުރުސަތެއް ރާއްޖެއަށް ލިބިއްޖެ ނަމަ ޝެޑިއުލްގައިވާ ގޮތަށް އެހެން ރެފްރީން ވެސް ފޮނުވާނެ ކަމަށެވެ.

މި ފުރުސަތު ދިނުމަށް ފަހު ރަނޭ ވަނީ ދެރެފްރީންނާއި ބައްދަލު ވެސް ކޮށްފަ އެވެ. ވީއޭއެމްގެ އިދާރާގައި އޮތް ބައްދަލުވުމުގައި ރަނޭގެ އިތުރުން ރެފްރީސް ކޮމިޝަންގެ ޗެއާމަން އަހްމަދު ނަޝީދު (ތުއްތުކޮ) ވެސް ބައިވެރިވެފައި ވެއެވެ.

ކުނޑި ސަލީމާއި ޝިމާދު ރެފްރީކަން ކުރާނީ މި އަންނަ ބުދަ ދުވަހު ސްރީ ލަންކާގައި ކުޅޭ އޭޝިއަން ޗެމްޕިއަންޝިޕް ކޮލިފައިން މެޗެއްގަ އެވެ. މި މެޗުގައި ބައްދަލު ކުރާނީ ލަންކާ އާއި އުޒްބަކިސްތާނެވެ. ބުދަ ދުވަހު އޮންނަ މެޗަށް ދެ ރެފްރީން ލަންކާއަށް ފުރާނީ އަންނަ އަންގާރާ ދުވަހު އެވެ.

ކޮވިޑްގެ ހާލަތު ރަނގަޅު ވަމުން އަންނާތީ ދީފައިވާ ލުއިތަކާއެކު 48 ގަޑި އިރު ނުވާ ނެގެޓިވް ޕީސީއާރު ނަތީޖާއަކާއެކު ކަރަންޓީނު ނުވެ މި ދެރެފްރީންނަށް ލަންކާއަށް ދެވޭނެ އެވެ.

ކުނޑި ސަލީމަކީ 2007 ވަނަ އަހަރު އިންޓަނޭޝަނަލް މެޗުތަކުގައި ރެފްރީކަން ކުރުމުގެ ބެޖު ލިބިފައިވާ ފަރާތެކެވެ. އޭނާ އެންމެ ފުރަތަމަ އިންޓަނޭޝަނަލް މެޗެއްގެ ރެފްރީކަން ކުރީ 2008 ވަނަ އަހަރު އޭޝިއަން ޔޫތު ބޯއީސް ޗެމްޕިއަންޝިޕަގަ އެވެ. އޭގެ ފަހުން ގިނަ މުބާރާތްތަކެއްގައި ރެފްރީކަން ކުރިއިރު، ސަލީމް ވަނީ 2016ވަނަ އަަހަރު ބޭއްވި ސައުތު އޭޝިއަން ގޭމްސްގެ ފައިނަލުގެ ފަސްޓް ރެފްރީ ކަންވެސް ކޮށްފަ އެވެ.

ޝިމާދުއަށް އިންޓަނޭޝަނަލް މެޗުތަކުގައި ރެފްރީކަން ކުރުމުގެ ބެޖު ލިބުނީ 2006 ވަނަ އަހަރު އެވެ. އޭނާ ވަނީ އޭޝިއަން ޗެމްޕިއަންޝިޕާއި، 21 އަހަރުން ދަށުގެ އޭޝިއަން ޗެމްޕިއަންޝިޕާއި، ޔޫތު ޗެމްޕިއަންޝިޕްގައިވެސް ރެފްރީކަން ކޮށްފަ އެވެ.

ހަމަ އެހެންމެ ޝިމާދު އާއި ކުނޑި ސަލީމް އެކުގައި ދެކުނު ކޮރެއާގައި 2014 ގައި ބޭއްވި އޭޝިއަން ގޭމްސްގައި ރެފްރީކަން ކޮށްފައިވެ އެވެ.