ދުނިޔެ

ދަރިން ގިނަ މީހުންނަށް ވަޒީފާ ނުލިބޭ ގާނޫނެއް

އިންޑިއާގައި ޕޮޕިއުލޭޝަން ކޮންޓްރޯލް ގާނުނެއް ހަދަނީ އެވެ. އަދި އޮތީ މައުލޫމާތު އެއްކޮށް ހިޔާލު ހޯދުމުގެ މަރުހަލާގަ އެވެ. ބޭނުމަކީ އުއްތަރު ޕްރަދޭޝްގައި އާބާދީ ކޮންޓްރޯލް ކުރުމެވެ. މިއީ އިންޑިއާގައި އެންމެ މީސް ގިނަ އަވަށެވެ.

އިންޑިއާގެ ހެލްތު މިނިސްޓްރީން އަންދާޒާކޮށް އޯގަސްޓް 2020 ގަައި އާންމުކުރި ރިޕޯޓެއް ބުނާ ގޮތުން 2031 ލައިގަންނައިރު ޗައިނާ ވައްޓާލައި ދުނިޔޭގައި އާބާދީ އެންމެ ގިނަ ގައުމަކަށް އިންޑިއާ ވާނެ އެވެ. އިންޑިއާގެ އާބާދީއަށް 2011 އާ 2036 އާ ދެމެދު 25 ޕަސެންޓްގެ ކުރިއެރުމެއް އަންނާނެ ކަމަށް ބެލެވިފައި ވާއިރު 2019 ގައި ބޯހިމެނުން ދައްކާ ގޮތުން އިންޑިއާގެ އާބާދީ އަކީ 1.37 ބިލިއަނެވެ.

އުއްތަރު ޕްރަދޭޝް ޕޮޕިއުލޭޝަން ކޮންޓްރޯލް ނަމުގައި ގާނޫނު ހަދާ މަޖިލީހަށް ބިލެއް ހުށަހަޅަން އޮތީ ތައްޔާރު ކޮށްފަ އެވެ. މިބިލަށް އާންމުގެ ޚިޔާލު ހޯދަން ލޯ ކޮމިޝަނުން ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. އެންމެ ފަހު ތާރީޚަކީ ޖުލައި 19 އެވެ.

ޕޮޕިއުލޭޝަން ބިލް މިހާރު އޮތް ގޮތަށް ގާނޫނަކަށް ވެއްޖެ ނަމަ ދެދަރިންނަށް ވުރެ ބޯގިނަކުރުން މަނާވާނެ އެވެ. ދަރިން ގިނައިން ހޯދާ މީހުންނަށް ސަރުކާރުގެ ވަޒީފާ ނުލިބޭނެ އެވެ. އަދި ލޯކަލް އިލެކްޝަންތަކުގައި ވާދަކުރުން މަނާވާނެ އެވެ.

އާބާދީ ކޮންޓްރޯލް ގާނޫނުގައި ހުށަހަޅާފައި އޮތް ދެވަނަ ނުކުތާއަކީ ދޭތެރެދުރުކުރަން އެއްބަސްވާ ނަމަ މާލީ އިނާމެއް ދިނުމެވެ. އެގޮތުން ދަރިއަކު ހޯދުމަށް ފަހު އިތުރު ކުއްޖަނު ނުހޯދަން އެއްބަސްވާ ނަމަ އަދި ލިބުނު ދަރިއަކީ އަންހެން ކުއްޖެ ނަމަ 1،400 ޑޮލަރު ލިބެ އެވެ. ފިރިހެން ކުއްޖެއް ނަމަ 1،100 ޑޮލަރެވެ. މާލީ އިނާމު ދޭގޮތަށް ޚިޔާލުކޮށްފައި އޮތީ ދިރިއުޅުމުގެ ހާލަތު އާދައިގެ މިންގަނޑަށް ވުރެ ދަށް ފަންތިއަށެވެ.