ލައިފްސްޓައިލް

ޕީސީ މުސްތަފާ – ނާސްތާގެ ރަސްގެފާނު

އަހަރެމެން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ގަންނަ ވަރަށް އާދައިގެ އެއްޗެއްސަކީ މާ ގިނަ ފައިސާތަކެއް އަތުން ހަރަދުވާ އެއްޗެއްސަށް ނުވާތީ އެ ފައިސާއާ ހޭދަވި ގޮތާ މެދު ކަންބޮޑެއް ނުވެ އެވެ. ނަމަވެސް މިގޮތަށް ހޭދަކުރާ ކުޑަ ފައިސާކޮޅެއްގެ ސަބަބުން އެހެން މީހަކު މުއްސަނދި މަހުޖަނަކަށް ވީކަން އެނގިއްޖެނަމަ ވަރަށް ހައިރާން ވާނެތާ އެވެ. މިއީ އެފަދަ މީހެއްގެ ވާހަކަ އެވެ.

ކޮފީ ދަނޑެއްގައި ކޫލީއެއްގެ ގޮތުގައި މަސައްކަތްކުރި ފަގީރު މީހެއްގެ ދަރިއެއްގެ ވާހަކަ އެވެ. އެ ކުއްޖާއަކީ އަހަރެމެން ހެނދުނުގެ ނާސްތާގައި ރޮށި ބޭނުންކުރާ ގޮތަށް އިންޑިޔާ މީހުން ހެނދުނުގެ ނާސްތާއަށް ކައި އުޅޭ އިޑްލީ އާއި ދޯސާ ތައްޔާރުކުރާ ފުއްގަނޑު ގިރައިގެން ތައްޔާރުކޮށް ހަލާކު ނުވާ ގޮތަށް ޕެކެޓްކޮށްގެން ވިއްކައިގެން މުއްސަނދިވީ މީހެކެވ. މިއީ އިންޑިޔާގެ ދެ ތިން ރުފިޔާއަށް ގަންނަން ލިބޭ ޕެކެޓަކަށް ވާތީ ބިޒީކޮށް އުޅޭ ބައެއް މީހުން ގޭގައި މި ތަކެތި ތައްޔާރު ކުރަން މަސައްކަތަށް މީގެ ތައްޔާރީ ޕެކެޓެއް ގަނެލައިގެން ގެއަށް ގޮސް ފިހެލަ އެވެ.

އިޑްލީ-ދޯސާ ފުއްގަނޑު ވިއްކައިގެން ކުރިއަރަމުން ގޮސް ޕީސީ މުސްތަފާ އަކީ މިހާރު 100 ކްރޯޑު ރުޕީސްގެ ވިޔަފާރިއެއްގެ ހިންގާ ބޮޑު މަހުޖަނެކެވެ. ބަންދުކޮށްފައިވާ ކާނާ ތައްޔާރުކޮށް ވިއްކާ ބޮޑު ކުންފުންޏެއް ކަމަށްވާ އައިޑީ ފްރެޝް ފުޑް އަކީ އޭނާގެ އަމިއްލަ ކުންފުންޏެކެވެ.

މުސްތަފާގެ ކުރިއެރުމުން ދޭހަވަނީ އުންމީދާއި ހިތްވަރާއެކު މަސައްކަތްކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބު ކުރެވިދާނެ ކަމެވެ. އަދި ކާމިޔާބު ހާސިލުކުރަން ފައިސާ އާއި ޑިގްރީ ވެސް ބޭނުމެއް ނުވާ ކަމެވެ.

އެއް ޒަމާނެއްގައި މުސްތަފާގެ އަތުގައި ބަނޑުފުރާނަ މުއްތިކުރާ ވަރަށް ވެސް ފައިސާ ނެތެވެ. ނަމަވެސް މިހާރު އޭނާގެ ތައްޔާރީ ކާނާ ބަންދުކޮށް ވިއްކާ ކުންފުނީގައ 1000 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެ އެވެ. އޭނާ މިހާރު ވެސް ވިއްކަނީ ކުރިން ވެސް ވިއްކި އިޑްލީ-ދޯސާ އެވެ. ނަމަވެސް މިޒަމާނުގެ ގޮތަށް ތައްޔާރުކޮށް ފެންވަރު ރަނގަޅުކޮށް ބަންދުކޮށްގެންނެވެ.
މުސްތަފާ ނިސްބަތްވަނީ ކެރެލާގެ ކުޑަ ކުޑަ އަވަށެއް ކަމަށްވާ ޗެންނަލޯޑޭ އަށެވެ. މުސްތަފާ ކުޑައިރު އޭނާގެ ބައްޕަ އަށް ލިބޭ މަދު ލާރިކޮޅުން ކައިބޮއި އުޅެވޭވަރު ނުވާތީ ސްކޫލް ނިންމާފައި އައިސް ބައްޕައަށް އެހީތެރިވެ އެވެ.

ދިރިއުޅުމުގެ ހާލަތު ގޯސްކަމުން މުސްތަފާ އަށް ރަނގަޅަށް ނުކިޔެވި ހަ ވަނަ ގްރޭޑުން ފޭލްވި އެވެ. ނަމަވެސް ހިތްވަރު އެލުވާ ނުލާ އަނެއްކާވެސް ކިޔެވުމުގެ މަސައްކަތް ފަށައި 10 ވަނަ ގްރޭޑް ނިންމާލީ އެންމެ މޮޅު ކުދިންގެ ތެރޭގައި ހިމެނިގެންނެވެ.
ފަހުން އޭނާ އިންޖިނިއަރިންގެ ރޮނގުން ކިޔަވައި ޑިގްރީ އެއް ހާސިލުކޮށް އެމްއެންސީ ކުންފުނީގެ ޔޫރަޕާއި މިޑްލް އީސްޓްގެ އޮފީސްތަކުގައި މަސައްކަތް ކުރި އެވެ. ނަމަވެސް މިގޮތަށް އަދާކުރި ވަޒީފާތަކުން އޭނާއަކަށް މަސައްކަތުގެ ހިތްހަމަޖެހުމެއް ނުލިބުނެވެ. އިންޑިޔާ އަށް އެނބުރި އައިސް ގިނަ ބަޔަކަށް ވަޒީފާ ދެވޭ ކަހަލަ މަސައްކަތެއް ފަށަން އޭނާ ގަސްތުކުރީ އެހެންވެ އެވެ.

ޕީސި މުސްތަފާ 2005 ގައި އޭނާގެ އަމިއްލަ ކުންފުނި އައިޑީ ފްރެޝް ފުޑް އުފެއްދި އެވެ. މި ބްރޭންޑުން ތައްޔާރުކުރަނީ އިޑްލީ އާއި ދޯސާގެ ފުއްގަނޑެވެ. މި ތަކެތި ޕެކެޓް ކޮށްގެން ވިއްކުމުގެ މަސައްކަތުގައި މުސްތަފާ އަށް އެހީތެރިވީ އޭނާގެ ދެބެންގެ ދެދަރި މީހެކެވެ.

ފުރަތަމަކޮޅު އެމީހުންނަށް ވިކެނީ ދުވާލަކަށް 100 ވަރަކަށް ޕެކެޓެވެ. ނަމަވެސް މިއަދު އެ ކުންފުނިން ދުވާލަކު އެތައް ހާސް ޕެކެޓެއް ވިއްކަ އެވެ.

ޕީސީ މުސްތަފާ މި މަސައްކަތް ފަށައިގަތް ދުވަސްވަރު 5،000 ކިލޯގްރާމް ހަނޑުލުން 15،000 ކިލޯގްރާމް އިޑްލީ ފުއްގަނޑު ތައްޔާރުކޮށް ބަންދުކުރެ އެވެ. ނަމަވެސް މިހާރު މި އަދަދު އެތައް ގުނައަކަށް އިތުރު ވެއްޖެ އެވެ. ސަބަބަކީ މުޅި އެ ހިސާބުގަނޑުގެ ހުރިހާ ފިހާރަކުން މީގެ އޯޑަރުތައް ކޮންމެ ދުވަހަކު ލިބެމުން ދާތީ އެވެ.

އިންޑިޔާގައި މުސްތަފާ މިހާރު މަޝްހޫރުވެފައިވަނީ 'ހެނދުނުގެ ނާސްތާގެ ރަސްގެފާނު'ގެ ގޮތުގަ އެވެ. އަހަރަކު މިހާރު އޭނާއަށް މި މަސައްކަތުން ލިބޭ އަމްދަނީ 100 ކްރޯޑަށް ވުރެ މައްޗެވެ. އަދި އަހަރަށް ވުރެ އަހަރެއް ވިޔަފާރި ކުރިއަރަމުން ގޮސް މިހާރު އަހަރަކު 300 ކްރޯޑު މި ވިޔަފާރިން ލިބެ އެވެ.

ފަގީރުކަމުން މުއްސަނދިކަމަށް މުސްތަފާ ބަދަލުވީ ގޮތުގެ ވާހަކައަކީ ހަމަ ކޮންމެ މީހަކަވެސް ވެސް ނަމޫނާ މިސާލެކެވެ. ވިސްނައިގެން ފަރުވާތެރިކަމާއެކު އދި ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބު ވެދާނެ ކަން މުސްތަފާ ވަނީ ސާބިތުކޮށްދީފަ އެވެ.